ފުރަތަމަ ސަފްޙާ / ޚަބަރު / ބަލިވިޔަސް އަންހެން ވޮލީ ޓީމުން ދިނީ ކާމިޔާބީގެ އުއްމީދެއް

ބަލިވިޔަސް އަންހެން ވޮލީ ޓީމުން ދިނީ ކާމިޔާބީގެ އުއްމީދެއް

އެޑްމިން
އެޑްމިން
1 މަސް ކުރިން 27 ޑިސެމްބަރު 2025

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގެ އިންޑޯ ގޯލު ފުރާލާފައި އޮތީ ދިވެހި ސަޕޯޓަރުންނާ އެކު އެވެ. އެއީ ރާއްޖޭގެ ގައުމީ އަންހެން ވޮލީ ޓީމު ކުޅުނު ފައިނަލް މެޗުގައި، ދިވެހި ޓީމަށް ތަރުހީބުދިނުމަށްޓަކައި ވަން ސަޕޯޓަރުންނެވެ.

ވިމެންސް ކާވާ ކަޕް ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމު ކިރްގިސްތާނާ ދެކޮޅަށް ނުކުތީ އުއްމީދާއެކު އެވެ. އެހެންނަމަވެސް، ކިރްގިސްތާނު އަތުން 1-3 އިން ބަލިވެ ރަން މެޑަލް ހޯދަން ކުރި މަސައްކަތަށް މާޔޫސްކަން ލިބުނެވެ.

ދިވެހި ޓީމު ބަލިވުމަކީ، ޖުމްލަކޮށް ވޮލީގެ ކާމިޔާބީ އާއި ދިވެހި ކުޅިވަރަށް ލިބުނު ދެރައެކެވެ. ފައިނަލަށް ދިވެހި ޓީމު ދަތުރުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. އޭގެތެރޭގައި ލީގު ބުރުގައި ކިރްގިސްތާން އަތުން 3-1 އިން މޮޅުވި މެޗު ވެސް ހިމެނުނެވެ.

ފައިނަލުގައި ދިވެހި ޓީމުން ފުރަތަމަ ސެޓު ގެންދިޔައީ އިތުބާރާ އެކު އެވެ. އެހެންނަމަވެސް، ދެން ކުޅުނު ތިން ސެޓުގައި ދިވެހި ޓީމު ބަލިކޮށް ކިރްގިސްތާނުން ޗެމްޕިއަންކަން ހޯދީ އެވެ.

މިއީ ދިވެހި ގައުމީ އަންހެން ވޮލީ ޓީމު ފައިނަލުން ބަލިވި ހަތަރު ފަހަރެވެ. އެއީ، 2019 ވަނަ އަހަރު ނޭޕާލްގައި ބޭއްވި ސެންޓްރަލް ޒޯން މުބާރާތާއި 2023 ވަނަ އަހަރު މާލޭގައި ބޭއްވި ފޯ ނޭޝަންސް ކަޕާއި މިދިޔަ އަހަރު މާލޭގައި ބޭއްވި ކާވާ ވިމެންސް ޗެލެންޖް ކަޕް އަދި މި އަހަރުގެ ވިމެންސް ކާވާ ކަޕް އެވެ.

ކާވާ ވިމެންސް ކަޕްގައި ވާދަކުރި ގައުމީ އަންހެން ވޮލީ ޓީމު. އެޓީމުން ދެއްކި މޮޅު ކުޅުމެއް ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފަ. ފޮޓޯ: ވީއޭއެމް

ފައިނަލް މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކޯޗު މުހައްމަދު ނަދީމް (ނަދީމްބެ) ބުނީ ރަން މެޑަލް ހޯދަން ދިވެހި ޓީމަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތަކީ މިއަހަރުގެ މުބާރާތް ކަމަށެވެ. އެކަމަކު ފައިނަލުން ބަލިވުމުން އެ ތާރީހީ ރަން މެޑަލް އަޅަން ދިވެހި ޓީމަށް ޖެހުނީ އިތުރު އިންތިޒާރެއް ކުރާށެވެ.

ރަން މެޑަލް ހޯދުމުގެ އަޒުމުގައި ނުކުތް ޓީމު ބަލިވިޔަސް އެޓީމު ދިނީ ކުޅިވަރަށް އުއްމީދެކެވެ. ހާއްސަކޮށް ވޮލީގައި އެޓީމުން ދިން އުއްމީދަކީ ރާއްޖެ އަށް ބައިނަލްއަގްވާމީ ރަން މެޑަލް ހޯދޭނޭ ކަމެވެ.

ޓީމުގައި ތިބި ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާނުން ކުޅުންތެރިންގެ ފަރާތުން ފެނުނީ ހިތްވަރެވެ. ކޮންމެ މެޗެއްގައި އެކުޅުންތެރިން ދެއްކި ހިތްވަރަކީ ބައިނަލްއަގްވާމީ ލެވެލްގައި އެކުޅުންތެރިންނަށް ކުޅެވިދާނެކަން ދައްކުވައިދޭ ހެއްކެކެވެ.

ޖެހިޖެހިގެން ހަތަރު ފައިނަލުން ބަލިވިޔަސް، ދިވެހީން ތިބީ އުއްމީދާ އެކު އެވެ. ވޯލީބޯޅައިން ދިވެހީންނަށް ރަން މެޑަލް ހޯދޭނެ ކަން އަންހެން ގައުމީ ޓީމުން ސާބިތުކޮށްދީފި އެވެ. ވަރުގަދަކޮށް ތައްޔާރުވެ ދެން އޮތީ އަނެއްކާ ވެސް އެ ރަން މެޑަލް ހޯދަން މަސައްކަތް ކުރުމެވެ. މިފަހަރުގެ މުބާރާތުގައި ގައުމީ އަންހެން ވޮލީ ޓީމު ދެއްކި މޮޅު ކުޅުމާއި، ދެއްކި ހިތްވަރަކީ ރަން މެޑަލް ހޯދޭނެ ކަމުގެ ހެއްކެކެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!