ރަޝިޔާގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2018 ގެ ދެވަނަ ބުރަށް ޔޫރަޕުގެ ޗެމްޕިއަން ޕޯޗުގަލް ދަތުރު ކޮށްފިއެވެ. ޕޯޗުގަލް ދެވަނަ ބުރަށް ދަތުރުކޮށްފައިވަނީ ރޭ ގްރޫޕް ބީ ގައި ކުޅެވުނު އެޓީމުގެ ފަހު މެޗު އީރާން އާ 1-1 ގެ ނަތީޖާއަކުން އެއްވަރު ކޮށްގެންނެވެ.
ރޭގެ މެޗުގެ ފުރަތަމަ މިނިޓުން ފެށިގެން ދެޓީމުންވެސް މޮޅުވަން ގިނަ މަސައްކަތްތަކެއް ކުރިއެވެ. ހާއްޞަކޮށް އީރާން އިން ވަނީ ޕޯޗުގަލްގެ ޑިފެންސްލައިންއަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިކުރުވާފައެވެ.
މިފަހަރުގެ ވޯލްޑް ކަޕުގައި، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީ.އޭ.އާރު) ބޭނުންކުރަމުންދާއިރު، ރޭގެ މެޗަކީ މިހާތަނަށް ކުޅެވުނު މެޗުތަކުގެ ތެރެއިން އެންމެ ގިނަ ފަހަރު ވީ.އޭ.އާރު ބޭނުން ކުރަން ޖެހުނު މެޗެވެ. ހާއްޞަކޮށް ރޭގެ މެޗުގައި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އީރާނުގެ ކުޅުންތެރިޔަކަށް ގަސްތުގައި ހަމަލާ ދިނުމުން، ރެފްރީވަނީ ވީޑިއޯ ބެލުމަށްފަހު ރޮނާލްޑޯއަށް ރީނދޫ ކާޑު ދައްކާފައެވެ. ރޮނާލްޑޯއަށް ދައްކަން ޖެހެނީ ރަތްކާޑު ކަމަށް ބުނެ، ގިނަބަޔަކު ވަނީ ވީ.އޭ.އާރ އަށާއި ރެފްރީއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ރޭގެ މެޗުގައި ރެފްރީ ރޮނާލްޑޯއަށް ރީނދޫ ކާޑު ދައްކަނީ
ރޭގެ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޕޯޗުގަލް އަށް ލީޑު ނަގައިދިނީ ރިކާޑޯ ކުއަރެސްމާއެވެ. މި ލަނޑަކީ މިހާތަނަށް މިފަހަރުގެ ވޯލްޑް ކަޕުގައި ފެނުނު އެންމެ ރީތި އެއް ލަނޑެވެ. ކުއަރެސްމާ މި ލަނޑު ޖެހީ ފައިގެ ބޭރުފަޅިން ޖަހާ އީރާނުގެ ގޯލްކީޕަރުގެ ބޯމަތިން ގޯލުގެ މަތީ ދުރުކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެނިގެންދިޔައީ ވަރަށްވެސް ތަފާތުކޮންނެވެ. އީރާނުން ވަނީ ދެވަނަ ހާފުގައި ގިނަ ހަމަލާތަކެއް އުފައްދައި ޕޯޗުގަލް ހާސްކޮށްލާފައެވެ. ހާއްޞަކޮށް ކައުންޓަރ އެޓޭކުގައި އީރާނުން ދިޔައީ ގިނަ ހަމަލާތަކެއް އުފައްދަމުންނެވެ. އެހެންނަމަވެސް، މެޗުގެ 51 ވަނަ މިނެޓުގައި އީރާނުގެ ޕެނަލްޓީ އޭރިޔާގެ ތެރެއިން ރޮނާލްޑޯއަށް ކުރި ފައުލަކާ ގުޅިގެން ރެފްރީވަނީ ވީޑިއޯ ބެލުމަށްފަހު ޕޯޗުގަލް އަށް ފެނަލްޓީއެއް ދީފައެވެ. ނަމަވެސް، ރޮނާލްޑޯ ފޮނުވާލި މި ޕެނަލްޓީ އީރާނުގެ ގޯލްކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު މަތަކޮށްފައެވެ.
މެޗުގެ 90 މިނެޓު ހަމަވެ، އިތުރަށް ދެއްކި 6 މިނެޓުގެ ތެރެއިން 2 ވަނަ މިނެޓުގައި ރެފްރީވަނީ އީރާނަށް ޕެނަލްޓީއެއް ދީފައެވެ. ޕޯޗުގަލްގެ ޑިފެންޑަރ ސެޑްރިކް އަތުގައި ޖެހުނު ބޯޅަ ޕެނަލްޓީއަކަށް ނިންމީވެސް ވީޑިއޯ ބެލުމަށް ފަހުގައެވެ. އީރާނުގެ ކަރީމް އަންސަރިފާޑް ޖެހި ޕެނަލްޓީއިން އެޓީމުން ނަތީޖާ ހަމަހަމަ ކުރިއެވެ. އަދި މެޗު ނިމެން އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގައި، އީރާނުގެ މެހްދީ ޓަރޭމީއަށް މޮޅުވަން ރަނުގެ ފުރުޞަތެއް ލިބުނެވެ. ހުސްކޮށްހުރެ އޭނާ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.
މި ނަތީޖާއާއެކު ޕޯޗުގަލް ދެވަނަ ބުރަށް ދަތުރުކުރިއިރު، މި ގްރޫޕްގައި ސްޕޭން އާއި މޮރޮކޯ ބައްދަލުކުރި މެޗުވެސް ނިމިގެން ދިޔައީ އެއްވަރުވެގެންނެވެ. މޮރޮކޯއިން މޮޅު ކުޅުމެއް ދެއްކި މި މެޗުގައި ސްޕޭން އިން ދެފަހަރުވެސް ނަތީޖާ ހަމަހަމަ ކުރީ ފަހަތުން އަރައެވެ. ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކުރީ މެޗުގެ އެންމެ ފަހު މިނެޓުގައި ބަދަލް ކުޅުންތެރިއެއް ގޮތަުގައި ކުޅެން ނިކުތް އިއާގޯ އަސްޕާސް އެވެ. އަސްޕާސް މި ލަނޑު ޖެހީ އޮފްސައިޑް މަޤާމެއްގައި ހުރެކަމަށް މޮރޮކޯގެ ކުޅުންތެރިން ވަރަށް ބޮޑަށް މައްސަލަ ޖެއްސިއެވެ. އެހެންނަމަވެސް، ވީޑިއޯ ބެލުމަށްފަހު އެއީ އޮންސައިޑް ގައި ހުރެ ޖެހި ގޯލެއްކަމަށް ރެފްރީ ވަނީ ނިންމާފައެވެ.

ރޭގެ މެޗުގައި ސްޕެއިން އަށް އެއްވަރު ކޮށްދިން ލަނޑު އިއާގޯ އަސްޕާސް ޖަހަނީ
އެހެންކަމުން، މި ގްރޫޕްގައި ޕޯޗުގަލް އާއި ސްޕެއިން ޕޮއިންޓުގެ ގޮތުންނާއި، ފައިދާ ގޯލުން އެއްވަރުވިއިރު، ގްރޫޕްގެ އެއްވަނަ ޖެހި ގޯލްގެ ތަފާތުން ލިބުނީ ސްޕެއިން އަށެވެ. ގްރޫޕް ސްޓޭޖްގައި ސްޕެއިން 6 ގޯލް ޖެހިއިރު ޕޯޗުގަލްއިން ވަނީ 5 ގޯލް ޖަހާފައެވެ.