ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އަންހެނުންގެ ފުޓްބޯޅަ ލީގު މިހާރު މިވަނީ ނިމުމަކާ ހަމައަށް އައިސްފަ އެވެ. 11 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ބާއްވަންފެށި އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގައި ދެން ބާކީ އޮތީ އެންމެ ތިން މެޗެވެ.
މިފަހަރުގެ އެފްއޭއެމް ވިމެންސް ލީގުގައި ހަ ޓީމަކުން އަންނަނީ ވާދަކުރަމުންނެވެ. އެއީ މާޒިޔާ، ނިއުރޭޑިއަންޓް، ވިކްޓަރީ، އޮޑި، ބިސްބުރު އަދި ޓީސީ އެވެ.
މުބާރާތުގައި ކޮންމެ ޓީމަކަށްވެސް ބާކީ އެއް މެޗް އޮތް އިރު ލީގުގެ އެއް ވަނައިގައި މިވަގުތު އޮތީ 10 ޕޮއިންޓާއެކު މާޒިޔާ އެވެ. ދެވަނައިގައި އޮތް އޮޑި އަށް ވެސް 10 ޕޮއންޓް ލިބިފައިވާއިރު އެ ޓީމު މާޒިޔާއަށްވުރެ ފަހަތުގައި އޮތީ ލަނޑުގެ ތަފާތުން އެއްވަރުވެ ޖެހި ގޯލު މަދުވުމުންނެވެ. ލީގުގެ ތިންވަނައާއި ހަތަރުވަނައިގައި އޮތް ދެ ޓީމަށްވެސް ޕޮއިންޓް ލިބިފައިވަނީ އެއްވަރަކަށެވެ. ފަސް ޕޮއިންޓާއެކު ތިންވަނައިގައި ވިކްޓަރީ އޮތް އިރު ހަތަރު ވަނައިގައި އޮތީ ވާދަވެރި ނިއުރޭޑިއަންޓެވެ. ތިން ޕޮއިންޓާއެކު ފަސްވަނައިގައި ޓީސީ އޮތްއިރު ފުލުގައި އޮތީ ކުޅުނު ހުރިހާ މެޗަކުން ބަލިވެގެން ބިސްބުރެވެ.

ވިމެންސް ލީގުގެ ޕޮއިންޓް ތާވަލު. ގަލޮޅު ދަނޑުގައި ފަހު މެޗުތައް ކުޅޭއިރު މާޒިޔާއާ ދެކޮޅަށް ނުކުންނާނީ އޮޑި. ފޮޓޯ: އެފްއޭއެމް
މުބާރާތުގެ ފަހު މެޗްތައް މާދަމާ ގަލޮޅު ދަނޑުގައި ފަށާއިރު އެންމެ ފޯރިގަދަވާނެ ކަމަށް ބެލެވެނީ އަންގާރަ ދުވަހު ކުޅެން ހަމަޖެހިފައިވާ ލީގުގެ އެންމެ ފަހު މެޗެވެ. ލީގު ޗެމްޕިއަންކަމަށް ވާދަކުރާ މާޒިޔާއާއި އޮޑި ބައްދަލުކުރާ މި މެޗު އެއްވަރުވެގެން ނިމުނަސް ލީގު ޗެމްޕިއަންކަން ލިބޭނީ މާޒިޔާއަށެވެ. އޮޑިއަށް އޮތް ހަމައެކަނި ފުރުސަތަކީ މި މެޗްގައި މާޒިޔާ ބަލިކުރުމެވެ. މި ދެ ޓީމަކީ ދިވެހި ޕްރިމިއާ ލީގުގައިވެސް މިވަގުތު އެންމެ ކުރީގައި އޮތް ދެ ޓީމެވެ.
ވިމެންސް ލީގުގައި ބާކީ އޮތް ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި މާދަމާ ހަވީރު ވާދަކުރާނީ ނިއުރޭޑިއަންޓާއި ޓީސީ އެވެ. ހޯމަ ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ވިކްޓަރީ އާއި ބިސްބުރެވެ.

މުބާރާތުގައި އޮޑި ސްޕޯޓްސް ކުޅުނު މެޗެއްގެ ތެރެއިން. ފަހު މެޗުގައި މާޒިޔާ ބަލިކޮށްގެން ނޫން ގޮތަކަށް އެޓީމަށް ޗެމްޕިއަން ކަމެއް ނުލިބޭނެ. ފޮޓޯ: އެފްއޭއެމް
ފީފާގެ އެހީތެރިކަން ލިބިގެން ކުރިއަށްގެންދާ މިފަހަރުގެ އަންހެން ފުޓްބޯޅަ ލީގުގައި ބައިވެރިވާ ކޮންމެ ޓީމަކަށް އެއްލައްކަ ރުފިޔާ ދޭގޮތަށް އެފްއޭއެމުން ވަނީ ނިންމައިފައެވެ.
އަންހެން ފުޓްބޯޅަ އަލުން ފެށިއިރު، ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ މެދުކެނޑިފައި އޮތުމަށް ފަހު މިހާރު ވަނީ ފަށައިފަ އެވެ. ފުރަތަމަ ޑިވިޝަނުގެ 10 ޓީމުގެ މެދުގައި ލީގު ކުރިއަށްދާއިރު ރޭ ނިއު ރޭޑިއަންޓާ ވާދަކޮށް ވިކްޓްރީ ވަނީ ފަހަތުން އަރައި 1-3 އިން މޮޅުވެފައެވެ.