ފުރަތަމަ ސަފްޙާ / ޚަބަރު / ވޯލްޑް ކަޕްގެ ޓިކެޓް ތަކެއް އެންމެ 60 ޑޮލަރަށް ވިއްކަނީ

ވޯލްޑް ކަޕްގެ ޓިކެޓް ތަކެއް އެންމެ 60 ޑޮލަރަށް ވިއްކަނީ

އެޑްމިން
އެޑްމިން
2 މަސް ކުރިން 19 ޑިސެމްބަރު 2025

އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި އަންނަ އަހަރު އޮންނަ ވޯލްޑް ކަޕް މެޗުތަކުގެ ޓިކެޓް އަގުބޮޑުވެ އަމާޒުވި ފާޑުކިޔުންތަކާ އެކު، ސަޕޯޓަރުންނަށް ހާއްސަކޮށްގެން 60 ޑޮލަރަށް ލިބޭ ޓިކެޓް ފީފާއިން ތައާރަފްކޮށްފި އެވެ.

އަންނަ އަހަރުގެ ވޯލްޑް ކަޕަކީ 48 ޓީމާ އެކު ބާއްވާ ފުރަތަމަ މުބާރާތެވެ. ތާރީހީ ވޯލްޑް ކަޕްގައި 104 މެޗު ކުޅޭއިރު، ފީފާއިން ތައާރަފްކުރީ ކޮލިފައިވި ގައުމުތަކުގެ “ލޯޔަލް” ސަޕޯޓަރުންނަށް ހާއްސަކޮށްގެން 60 ޑޮލަރަށް ގަނެވޭ ޓިކެޓެވެ.

އެގޮތަށް ނިންމުމަށް ފަހު ފީފާގެ އޮފިޝަލް ބުނީ، ބަދަލު ގެނައީ “ފީޑްބެކް” ހޯދުމަށްފަހު ކަމަށެވެ. އެކަމަކު ހަގީގަތަކީ، ޓިކެޓް އަގުބޮޑުވުމާ އެކު ފީފާ އަށް މުޅި ދުނިޔޭގެ ފާޑުކިޔުން އަމާޒުވިކަމެވެ.

ފީފާގެ ނިންމުމަށް މަރުހަބާ ކިޔުމަށް ފަހު އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ސަރ ވިދާޅުވީ، ވޯލްޑް ކަޕްގެ ޓިކެޓް އަގުހެޔޮކޮށް ވިއްކޭނެ ގޮތެއް ހޯދަން ފީފާ އަށް ބާރުއަޅާ ކަމަށެވެ. އެއީ ވޯލްޑް ކަޕްގެ މެޗުތައް ހާއްސަވަނީ އެގައުމެއްގެ ސަޕޯޓަރުންނަށް ދަނޑަށް ވަދެވުމުން ކަމަށް ބޮޑުވަޒީރުގެ ސްޓޭޓްމަންޓުގައި ވިދާޅުވެފައިވެއެވެ.

މީގެކުރިން ޓިކެޓް ވިއްކި އުސޫލަށް ބަލާއިރު، އިންގްލެންޑުގެ މެޗުތަކަށް ވަންނަ ސަޕޯޓަރުން ފައިނަލާ ހަމައަށް ޓިކެޓް ގަންނަ ނަމަ 6600 ޑޮލަރަށް ވުރެ ބޮޑު ހަރަދެއް ކުރަން ޖެހެ އެވެ. އޭރުގެ އެ ނިންމުމަށް ފުޓްބޯލް ސަޕޯޓާސް އެސޯސިއޭޝަން (އެފްއެސްއޭ) އިން ވަރަށް ބޮޑަށް ވަނީ ފާޑުކިޔައިފައެވެ.

އަލަށް ހުޅުވާލި 60 ޑޮލަރުގެ ކެޓަގަރީ އަކީ ވޯލްޑް ކަޕް މެޗުތަކަށް ޓިކެޓް ގަނެވޭނެ އެންމެ ހެޔޮ އަގެވެ. އެ ކެޓަގަރީން ޓިކެޓް ގަތުމަށް ކޮލިފައިވި ކޮންމެ ގައުމެއްގެ އެސޯސިއޭޝަނަކަށް، މެޗަކުން 10 އިންސައްތައާ ހަމައަށް ފުރުސަތު ދޭނެއެވެ.

ފީފާއިން އެންމެ ފުރަތަމަ އާއްމުކުރި ޓިކެޓް އުސޫލަށް ބަލާއިރު، އެންމެ ފަހުން ބޭއްވި ގަތަރު ވޯލްޑް ކަޕަށް ވުރެ ޓިކެޓްގެ އަގު ތިންގުނަ ބޮޑެވެ. ފައިނަލް މެޗަށް ވަދެވޭނެ އެންމެ އަގުހެޔޮ ޓިކެޓްގެ އަގު ހުރީ ގާތްގަނޑަކަށް 4000 ޑޮލަރުގަ އެވެ.

ޓިކެޓް ގަންނަން ފީފާއިން ހުޅުވާލި ފުރަތަމަ ފުރުސަތުގައި 200 ގައުމަކުން ފަސް މިލިއަން ޓިކެޓަށް އެދިފައިވާކަމަށް ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ފީފާއިން ބުނެފައިވެ އެވެ.

ފީފާއިން 60 ޑޮލަރަށް ދޭ ޓިކެޓް އާއްމުކުރިޔަސް، ތިން ގައުމުގައި ބާއްވާ އަންނަ އަހަރުގެ ވޯލްޑް ކަޕް ވާނީ ސަޕޯޓަރުން ޓިކެޓަށް ހޭދަކުރާ މިންވަރު އެންމެ އިތުރުވާ މުބާރާތަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!