ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ކުރިއަށްދާ ވޯލްޑްކަޕް ކޮލިފައިންގެ ގްރޫޕް އެލްގައި ރޭ ޗެކް ރިޕަބްލިކްގެ މައްޗަށް ކުރި ހޯދައިގެން ކުޑަކުޑަ ފެރޯ އައިލެންޑްސް އިން މުބާރާތަށް ކޮލިފައިވުމަށް އޮތް ފަނޑު އުންމީދު ދަމަހައްޓައިފި އެވެ.
ގާތްގަނޑަކަށް 55,000 މީހުންގެ އާބާދީއެއް އޮންނަ ފެރޯ އައިލެޑްސް އިން އަމިއްލަ ގައުމުގައި ވަރުގަދަ ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ 1-2 އިންނެވެ. ދުނިޔޭގެ ފުޓްބޯޅައިގެ ރޭންކިންގެ 136 ވަނައިގައި އޮތް ފެރޯ އައިލެންޑްސް އިން ރޭ މި ހޯދި ނަތީޖާއާއެކު އެ ޓީމު އޮތީ ގްރޫޕްގެ ތިންވަނައިގަ އެވެ. ދެވަނައިގައި އޮތް ޗެކް ރިޕަބްލިކާއި އެ ޓީމާއި ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ. ގްރޫޕްގައި ކޮންމެ ޓީމަކަށްވެސް ބާކީ އެއް މެޗްއޮތް އިރު ފެރޯ އައިލެންޑްސް އާއި ޗެކް ރިޕަބްލިކް ވާދަކުރަނީ ޕްލޭއޯފް ޖާގަ އަށެވެ.
ރޭ ފެރޯ އައިލެންޑްސް އިން ހޯދި މޮޅަކީ އެ ޓީމުން މިފަހަރުގެ ވޯލްޑްކަޕް ކޮލިފައިންގައި ޖެހިޖެހިގެން ހޯދި ތިންވަނަ މޮޅެވެ. އަދި މި ފަހަރުގެ ކެމްޕެއިންގައި އެ ޓީމު އެއް ލަނޑަށް ވުރެ ބޮޑު ތަފާތަކުން ބަލިވެފައެއް ނެތެވެ. އަންނަ އަހަރު އުތުރު އެމެރިކާ ސަރަހައްދުގައި އޮންނަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމަށްޓަކައި ކޮންމެ ގްރޫޕަކުން ދެވަނައަށް ދާ ޓީމްތައް ވާދަކުރާ ޕްލޭއޮފް ބުރަށް ދިއުމުގެ ފުރުސަތު ފެރޯ އައިލެންޑްސްއަށް އޮތަސް އެކަން ހަގީގަތަކަށް ވާނީ ގްރޫޕްގައި ކުޅޭ ފަހު މެޗްތަކުގައި ހައިރާންކުރުވަނިވި ނަތީޖާތަކެއް ނުކުމެގެންނެވެ.
ގްރޫޕްގެ ފަހު މެޗުގައި ފެރޯ އައިލެންޑްސް ގައުމުން ބޭރުގައި ގްރޫޕްގެ އެއްވަނައިގައި އޮތް ކްރޮއޭޝިއާ އާވާދަކުރަންޖެހޭ އިރު ޗެކް ރިޕަބްލިކް ވާދަކުރަން އޮތީ މި ގްރޫޕްގައި އަދި އެންމެ ޕޮއިންޓެއް ވެސް ނުލިބި އޮތް ޖިބްރޯލްޓާއާ އެވެ. މީގެ ކުރިން ފެރޯ އައިލެންޑްސް އިން ކުޅުނު އެއްވެސް ކޮލިފައިން ބުރެއްގައި ދެ މެޗަށްވުރެ ގިނައިން ކާމިޔާބުކުރެވިފައެއްނެތެވެ. އެކަމަކު މިފަހަރުގެ ކޮލިފައިންގައި އެ ގައުމުން ވަނީ ހަތަރު މެޗުކާމިޔާބުކޮށްފަ އެވެ.