ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގްގައި ބާސެލޯނާއާއި އިންޓަ މިލާން ވާދަކުރި ފުރަތަމަ މެޗު 3-3 އިން އެއްވަރުވެ، ދެވަނަ ލެގަށް ކެތްތެރިކަން ކުޑަ އިންތިޒާރެއް ކުރަން ޖެހިއްޖެ އެވެ.
ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި އިންޓަ މިލާނުގެ މާކަސް ތުރަމް ވަނީ ގޯލެއް ޖަހައިފަ އެވެ. އޭގެފަހުން ބާސެލޯނާއިން މުޅި ގޭމް ކޮންޓްރޯލް ކުރި އެވެ. އެކަމަކު ކައުންޓަ އެޓޭކެއްގައި ލިބުނު ކޯނަރަކުން އިންޓަ މިލާން ދެވަނަ ގޯލެއް ޖަހައި ސިހުން ގެނުވި އެވެ. އެ ގޯލު ކާމިޔާބުކޮށްދިނީ ޑެންޒެލް ޑަމްފްރީސް އެވެ.
ބާސެލޯނާ ވަނީ ދެ ގޯލު ފަހަތުގައި އޮވެ ފުރަތަމަ ހާފު އެއްވަރުކޮށްފަ އެވެ. ބާސެލޯނާގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ އުމުރުން 17 އަހަރުގެ ޖާދުވީ ކުޅުންތެރިޔާ ލަމީން ޔަމާލެވެ. އޭގެފަހުން ބާސެލޯނާ އަށް ފުރަތަމަ ހާފުގައި ނަތީޖާ ހަމަހަމަކޮށްދިނީ ފެރާން ޓޮރޭޒް އެވެ.
ދެވަނަ ހާފުގައި އަނެއްކާވެސް އިންޓަ މިލާނުން ލީޑު ނެގި އެވެ. އެ ގޯލު ވެސް ޖެހީ ފުލްބެކަށް ކުޅޭ ޑަމްފްރީސް އެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން އިންޓަ މިލާނުގެ ގޯލުކީޕަރު ޔަން ސޮމާ އަތުން ބައިކޮޅަށް ވަން ގޯލަކުން ނަތީޖާ ހަމަހަމަވި އެވެ.
މުޅި މެޗުގައި ފެނުނީ ބަލާހިތްވާ އަވަސް ކުޅުމެކެވެ. ހާއްސަކޮށް ބާސެލޯނާއިން ކުޅުނު ވަރުގަދަ އެޓޭކިން ގޭމް ހުއްޓުވުމުގައި އަވަދިނެތި އިންޓަ މިލާނުން ވަރަށް ހިތްވަރުކުރި އެވެ.
ދެޓީމުގެ ދެވަނަ ލެގްގެ މެޗު އަންނަ އަންގާރަ ދުވަހުގެ ރޭ އޮންނާނީ އިންޓަ މިލާނުގެ ސެންސީރޯ ސްޓޭޑިއަމްގަ އެވެ. މި ސީޒަނުގެ ކުއާޓާ ފައިނަލުގެ ޖާގަ އިންޓަ މިލާން ކަށަވަރުކުރީ ވަރުގަދަ ބަޔާން މިއުނިކް ބަލިކޮށްގެންނެވެ.
ފުރަތަމަ ސެމީގައި ޕީއެސްޖީން ވަނީ އާސެނަލް ދަނޑުގައި 1-0 އިން މޮޅުވެފަ އެވެ. އެ ދެޓީމުގެ ދެވަނަ ލެގްގެ މެޗު އަންނަ ބުދަ ދުވަހުގެ ރޭ އޮންނާނީ ޕީއެސްޖީގެ ދަނޑުގަ އެވެ.