ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި ޕީއެސްޖީއާ ވާދަކޮށް ކުޅުނު މެޗުން ބަލިވުމުން މުބާރާތުގެ ފައިނަލަށް ދާން އާސެނަލަށް ރަށުން ބޭރުގައި ކުރަންޖެހޭ މަސައްކަތް އުނދަގޫވެއްޖެ އެވެ.
އާސެނަލް 16 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ކުޅުނު ޗެމްޕިއަންސް ލީގު ސެމީ ފައިނަލް މެޗުން ޕީއެސްޖީ އަތުން ބަލިވީ 0-1 އިންނެވެ.
އާސެނަލަށް ރޭ އެންމެ ބޮޑު މައްސަލައަކަށް ދިމާވީ ކުއާޓާ ފައިނަލްގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗްގައި އެ ޓީމުގެ މެދުތެރެ ބެލެހެއްޓުމުގައި އެންމެ ވަރުގަދަ ރޯލެއް އަދާކުރި ތޯމަސް ޕާޓޭ އަށް މެޗުގައި ނުކުޅެވުމެވެ. ގާނާގެ 31 އަހަރުގެ މި ކުޅުންތެރިޔާއަށް ރޭގެ މެޗްގައި ކުޅެވޭ ގޮތް ނުވީ ރެއާލްއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ދެއްކި ރީދޫ ކާޑަކާއެކު ސަސްޕެންޑްކޮށްފައި ހުރުމުންނެވެ.
ރޭގެ މެޗުގައި ޕާޓޭ ނެތްތަން ފޫބެއްދުމަށްޓަކައި އާސެނަލްގެ ކޯޗް މިކެލް އާޓެޓާއަށް ގެންނަން މަޖުބޫރުވި ބަދަލުތަކާއެކު އެ ޓީމުގެ ހަމަލާ އުފެއްދުމުގެ ބާރު ހީނަރުވިތަން ފެނުނެވެ. އެގޮތުން ކުއާޓާ ފައިނަލް މެޗުގައި އެންމެ ކުރިއަށް ކުޅުނު އަދި ދެ ލެގުގައިވެސް ރެއާލް ކޮޅަށް ގޯލް ޖެހި މިކެލް މެރީނޯ މެދުތެރެއަށް ޖައްސައި އޭނާގެ މަގާމަށް ބެލްޖިއަމްގެ 30 އަހަރުގެ ފޯވާޑް ލިންޑްރޯ ޓްރޮސާޑް ލާންޖެހުނެވެ.
ސަޕޯޓަރުންގެ ފޯރި އިތުރުކުރުމަށްޓަކައި ހަވާ އެރުވުމުގެ ކުޅަގަދަ ހަރަކާތްތަކެއް ބޭއްވުމަށްފަހު ފެށި މި މެޗުގައި އާސެނަލްގެ ސަޕޯޓަރުން ދެމުންދިޔަ ވަރުގަދަ ތަރުހީބުގެ އަޑު ކުއްލިއަކަށް ފަނޑުކޮށްލީ މެޗްގެ ހަތަރު ވަނަ މިނެޓްގައި ޕީއެސްޖީގެ 27 އަހަރުގެ ފޯވާޑް އޮސްމާނޭ ޑެމްބެލޭ އާސެނަލްގެ ޕެނަލްޓީ އޭރިޔާގެ ރޮނގުމަތިން ކަހަލަ ގޮތަކަށް ތިރިތިރިން ފޯނުވާލި ބޯޅައިން ކާމިޔާބުކޮށްދިން ލަނޑާއެކު އެވެ. ފްރާންސްގެ ޑެމްބެލޭ މި ގޯލް ކާމިޔާބުކޮށްފައިވަނީ ޕީއެސްޖީން ރޭ އާސެނަލްގެ ޑިފެންސަށް އެންމެ ބާރު ބޮޑުކުރި ޖޯޖިއާއަށް އުފަން އުމުރުން 24 އަހަރުގެ ޗިވާ ކްރަވަޝްކީލިއާ އެވެ. މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި 0-2 އިން އާސެނަލްއިން ޕީއެސްޖީ ބަލިކުރި މެޗްގައި ކްރަވަޝްކީލިއާ ކުޅެފައެއް ނުވެއެވެ. ޕީއެސްޖީއާ މި ކުޅުންތެރިޔާ ގުޅުނީ މިއަހަރުގެ ޖެނުއަރީ މަހު އެވެ.
ރޭގެ މެޗުގައި ޕީއެސްޖީން ޖެހި ފުރަތަމަ ލަނޑަށް ފަހު ވެސް އެ ޓީމުން އައީ ފުލުފުލުގައި ހަމަލާތައް އުފައްދަމުންނެވެ. މެޗްގެ ފުރަތަމަ ހާފުގެ 25 މިނެޓް ފާއިތުވިއިރު 70 އިންސައްތައަށްވުރެ ގިނަ ވަގުތު ބޯޅަ ގެންގުޅެފައިވަނީ ޕީއެސްޖީންނެވެ. އާސެނަލަށް ކުޅުމުގެ ތެރެއަށް އައި ކިރިޔާ ހަމައަކަށް އެޅޭވަރުވީ ފުރަތަމަ ހާފުގެ ފަހު 15 މިނެޓަށް އެޅުނު ހިސާބުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ ނަތީޖާ ހަމަކުރަން އާސެނަލަށް ރަގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު އާސެނަލްގެ ގެބްރިއަލް މާޓިނެލީ ފޮނުވާލި ނުރައްކާތެރި ހަމަލާ ޕީއެސްޖީގެ ބިޔަ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮނަރޫމާ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ. މީގެ އިތުރުން ފަހު ހާފުގައި ޓޮރޮސާޑް ތިރިތިރިން ޕީއެސްޖީގެ ގޯލަށް ފޮނުވާލި ބާރު ހަމަލާއެއްވެސް ޑޮނަރުމާ ވަނީ ކުޅަދާނަކަމާއެކު މަތަކޮށްފަ އެވެ.
ރޭގެ މެޗުގައި ޕީއެސްޖީގެ ހީރޯއަކަށްވެސް ވީ އިޓަލީގެ ގައުމީ ޓީމުގެވެސް ގޯލްކީޕަރު ޑޮނަރޫމާ އެވެ. އުމުރުން 26 އަހަރުގެ ޑޮނަރޫމާ ވަނީ މި މުބާރާތުގެ ނޮކައުޓް ބުރުގައި ޕްރިމިއާ ލީގުގެ ދެ ޓީމު ކަމަށްވާ ލިވަޕޫލާއި، އެސްޓަން ވިލާގެ ކުރިއެރުން ހުއްޓުވުމުގައިވެސް މުހިންމު ދައުރެއް އަދާކޮށްފަ އެވެ. ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގެ މެޗުގައި އެސްޓަން ވިލާއިން ފޮނުވާލި ނުރައްކާތެރި ތިން ހަމަލާއެއް ޑޮނަރޫމާ ދިފާއުކުރިއިރު ގަދަ 16 ގައި ޕެނަލްޓީ ޖަހައިގެން ލިވަޕޫލް ކަޓުވާލި މެޗްގައިވެސް ޑޮނަރޫމާ ވަނީ އޭނާގެ ހުށިޔާރުކަން ދައްކައިފަ އެވެ.
ރޭގެ މެޗްގެ ފަހު ހާފުގައި ވެސް ޕީއެސްޖީއަށް ލީޑު ފުޅާކުރަން ރަގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ބްރެޑްލީ ބާކޯލާ ފޮނުވާލި ބޯޅަ އަރިމަތިން ބޭރަށް ދިޔައިރު އެ ޓީމުގެ ޕޯޗްގަލް ފޯވާޑް ގޮންކާލޯ ރާމޯސް ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ ގޯލު ދަނޑިއެވެ.
އާސެނަލް އާއި ޕީއެސްޖީ ވާދަކުރާ ސެމީ ފައިނަލްގެ ދެވަނަ ލެގުގެ މެޗް އޮންނާނީ އަންނަ ބުދަ ދުވަހުގެ ރޭ ފްރާންސްގެ ވެރިރަށް ޕެރިހުގަ އެވެ.