ފުރަތަމަ ސަފްޙާ / ޚަބަރު / ހުޅުމާލެ ހޮސްޕިޓަލް، ކަސްޓަމްސް، ކުޅިވަރު ވުޒާރާ އަދި ޕޮލިސް ކްލަބް ކުއާޓާ ފައިނަލަށް

ހުޅުމާލެ ހޮސްޕިޓަލް، ކަސްޓަމްސް، ކުޅިވަރު ވުޒާރާ އަދި ޕޮލިސް ކްލަބް ކުއާޓާ ފައިނަލަށް

އެޑްމިން
އެޑްމިން
9 މަސް ކުރިން 29 އެޕްރީލް 2025

މިހާރު ކުރިއަށްދާ އޮފީސް ލީގުގެ ގަދަ 16 ގެ ފުރަތަމަ މެޗުތަކުން މޮޅުވެ ހުޅުމާލެ ހޮސްޕިޓަލާއި، ކަސްޓަމްސް ރެކްރިއޭޝަން ކްލަބް، ކުޅިވަރު ވުޒާރާ އަދި ޕޮލިސް ކްލަބުން މުބާރާތުގެ ކުއާޓާ ފައިނަލް ޖާގަތައް ކަށަވަރުކޮށްފި އެވެ.

ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގައި ކުރިއަށްދާ މުބާރާތުގައި ރޭ ޝީޝާ އެފްސީއާ ވާދަކޮށް ހުޅުމާލެ ހޮސްޕިޓަލް މޮޅުވީ 3-2 އިންނެވެ. ކަސްޓަމްސް ރެކްރިއޭޝަން މޮޅުވީ ޓީމް ދަރުމަވަންތައާ ވާދަކޮށް 5-1 އިންނެވެ. ކުޅިވަރު ވުޒާރާއިން 2-3 އިން ސްމާޓް އޯން އެފްސީ ބަލިކުރިއިރު ޕޮލިސް ކްލަބް ރޭ ވަނީ ޓްރޭޑް ކްލަބް 1-8 އިން ބަލިކޮށްފަ އެވެ.

ހުޅުމާލެ ހޮސްޕިޓަލުން ޝީޝާ ބަލިކުރި މެޗުގައި ހުޅުމާލެ ހޮސްޕިޓަލުގެ ހަސަން ނާއިފް އާއި އަހުމަދު ފުއާދު ވަނީ ގޯލު ޖަހައިފަ އެވެ. އެޓީމުގެ އަނެއް ގޯލަކީ ޝީޝާ ޓީމުގެ އަހުމަދު މަޖުދާން ހުސްނީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގައި ޝީޝާގެ ދެ ގޯލު ވެސް ޖެހީ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ޔާމިން އަލީ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހުޅުމާލެ ހޮސްޕިޓަލުގެ ހަސަން ނާއިފް އެވެ.

ޝީޝާ މުބާރާތުގެ ގަދަ 16 އަށް ދަތުރުކުރީ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ހުޅުމާލެ ހޮސްޕިޓަލަށް ގްރޫޕް ސްޓޭޖުގައި ލިބުނީ ދެވަނަ އެވެ.

ކުޅިވަރު ވުޒާރާ ކުއާޓާ ފައިނަލަށް ދަތުރުކުރި މެޗުގެ ތެރެއިން. ފޮޓޯ: އިމޭޖަސް.އެމްވީ

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ތިން މެޗުން ވެސް މޮޅުވި ދަރުމަވަންތަ ކައިރީ ކަސްޓަމް ރެކްރިއޭޝަނުން ރޭ މޮޅު ކުޅުމެއް ދެއްކި އެވެ. އެޓީމަށް ގޯލުތައް ކާމިޔާބުކޮށްދިނީ ދެ ގޯލު ޖެހި މުހައްމަދު އަކުމަލް އާއި އިބްރާހީމް ހޫދު އައްބާސްގެ އިތުރުން އަލީ އަބްދުﷲ އަދި ހުސައިން ޝުއައިބު އެވެ. ދަރުމަވަންތައިގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު މުނާޒެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ދެ ގޯލު ޖެހި އަކުމަލް އެވެ.

ރޭ ކުޅުނު ތިން ވަނަ މެޗުގައި ކުޅިވަރު ވުޒާރާއަށް ސްމާޓް އޯން އެފްސީ ބަލިކުރެވުނީ އުނދަގުލުންނެވެ. މެޗުގައި ކުޅިވަރު ވުޒާރާގެ ގޯލުތައް ކާމިޔާބުކޮށްދިނީ އަހުމަދު ސާޖިދު އާއި އާދިލް އަބްދުއްރަހްމާން އަދި މުހައްމަދު ރިޝްފާނެވެ. ސްމާޓް އޯން އެފްސީގެ ދެ ގޯލު ވެސް ކާމިޔާބުކޮށްދިނީ މުހައްމަދު މުއާޒެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކުޅިވަރު ވުޒާރާ ޓީމަށް ކުޅޭ ތަޖުރިބާކާރު ކުޅުންތެރިޔާ އާދިލް އެވެ.

ކުޅިވަރު ވުޒާރާއަކީ މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ޓީމެކެވެ. އެޓީމުން ވަނީ މިދިޔަ އަހަރު އޮތް ކްލަބް މޯލްޑިވްސް ކްލަސިކް މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.

ޕޮލިސް މޮޅުވި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަބާން ބޯޅަ ފޮނުވާލަނީ. ފޮޓޯ: އިމޭޖަސް.އެމްވީ

ރޭ ޕޮލިސް ކްލަބުން ބޮޑު މޮޅެއް ހޯދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެޓީމުގެ އަބާން މުހައްމަދު އެވެ. މެޗުގައި އަބާން ދެ ގޯލު ޖެހި އެވެ. އަބާންގެ އިތުރުން ހަސަން ރާއިދު ވެސް ދެ ގޯލު ކާމިޔާބުކޮށްދިނެވެ. ޕޮލިސް ކްލަބުގެ ބާކީ ގޯލުތައް ޖަހައިދިނީ މުހައްމަދު ނާޒިމްގެ އިތުރުން ހުސައިން އަފްޚާން އަދި އަހުމަދު ރިފްޝާނެވެ. އަދި، ޓްރޭޑް ކްލަބުގެ ހަސަން އަޒްވާން އަތުން ބައިކޮޅަށް ގޯލެއް ވަނެވެ. މެޗުގައި ޓްރޭޑް ކްލަބުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ހުސައިން ފައުޒާން އެވެ.

ބިގް ގޭމް މޯލްޑިވްސް އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އޮފީސް ލީގުގައި 29 ޓީމު ބައިވެރިވި އެވެ. ކުއާޓާ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މެއި 2 ވަނަ ދުވަހު އެވެ. ސެމީ ފައިނަލް މެއި 5 ވަނަ ދުވަހު ކުޅޭއިރު ފައިނަލް މެޗު ކުޅޭނީ މެއި 9 ވަނަ ދުވަހު އެވެ.

މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ފަހުމިނެޓެވެ.

މިރޭ ކުޅޭ މެޗުތައް:

ބީއެމްއެލް – ސިޓީސް މިނިސްޓްރީ (20:00 – މިރޭ)

ސިލްވާ ސޭންޑްސް – ވެމްކޯ (21:00 – މިރޭ)

ސްޓެލްކޯ – ހައްޖު ކްލަބް (22:00 – މިރޭ)

ފެނަކަ – މިފްކޯ  (23:00 – މިރޭ)

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!