ފުރަތަމަ ސަފްޙާ / ޚަބަރު / ކުޑަރިކިލު ފުޓްސަލް ޗެލެންޖުގެ ތަށި ރިކިލިއަންސް އިން ދިފާއުކޮށްފި

ކުޑަރިކިލު ފުޓްސަލް ޗެލެންޖުގެ ތަށި ރިކިލިއަންސް އިން ދިފާއުކޮށްފި

އެޑްމިން
އެޑްމިން
9 މަސް ކުރިން 28 އެޕްރީލް 2025

ކުޑަރިކިލު ކައުންސިލް އިދާރާއިން އިންތިޒާމްކޮށްގެން އެރަށުގައި ކުރިއަށްގެންދިޔަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ރިކިލިއަންސް އިން ހޯދައިފި އެވެ.

މުބާރާތުގެ ތަށި ރިކިލިއަންސްއިން ދިފާއުކުރީ ރޭ ކުޅުނު ފައިނަލް މެޗްގައި އެކުވެރި ގައިސްއާ ވާދަކޮށް 0-6 އިން މޮޅުވެގެންނެވެ.

މިފަހަރުގެ މުބާރާތުގެ ފައިނަލަށް ރިލިލިއަންސް ދަތުރުކޮށްފައިވަނީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެންނެވެ. ފައިނަލްގައި އަނެއްކޮޅުން ވާދަކުރި އެކުވެރި ގައިސް އަށް މުބާރާތުގައި ހަމައެކަނި ގެއްލުނު މެޗަކީ ރިކިލިއަންސްއާ ވާދަކުރި މެޗެވެ. ލީގު ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ރިކިލިއަންސްއިން ކާމިޔާބުކުރީ 6-2 އިންނެވެ.

ރަން ބޫޓު ހާސިލްކުރި އަލްސަން. އަލްސަން އަކީ އއ. މަތިވެރި ފުޓްސަލް ޓީމުން ވިދާލި ކުޅުންތެރިއެއް. ފޮޓޯ: ކުޑަރިކިލު ކައުންސިލް

ރޭ ކުޑަރިލިލު ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ހާފު ފެނުނީ ވަރަށް ވާދަވެރިކޮށެވެ. މި ހާފުގައި ރިކިލިއަންސްއިން ކާމިޔާބުކުރި ހަމައެކަނި ގޯލު އެކުވެރި ގައިސް ކޮޅަށް ވައްދާލެވޭ ގޮތްވީ ހާފު ނިމެން އެންމެ ތިން މިނެޓަށް ވެފައި އޮއްވަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުސައިން ސުހައިލް (ސޮކޭ) އެވެ.

ފުރަތަމަ ހާފާ ހިލާފަށް ފަހު ހާފުގައި ރިކިލިއަންސްގެ ހަމަލާތައް ހުއްޓުވުމަށް އެކުވެރި ގައިސްއިން ރޭވި ހުރިހާ ރޭވުމެއް ދިޔައީ ފަނުފުލުންނެވެ. ފަހު ހާފު ފަށައިގެން ފުރަތަމަ ހަތަރު މިނެޓް ތެރޭގައި ރިކިލިއަންސްގެ ސުހައިލް އިތުރު ދެ ގޯލް ޖަހައި ހެޓްރިކް ހެދި އެވެ. މި މެޗްގައި ރިކިލިއަންސް އިން ޖެހި ހަ ގޯލުގެ ތެރެއިން އަނެއް ތިން ގޯލު ކާމިޔާބުކުރީ މިއަހަރުގެ ކުރީކޮޅު މާލޭގައި އޮތް ގޯލްޑަން ފުޓްސަލް މުބާރާތުގެ އަތޮޅު އަދި ޒޯން ބުރުގެ ޗެމްޕިއަންކަން އއ. މަތިވެރިއަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި އަލީ އަލްސަން އެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ އަލްސަން އެވެ. އަލްސަން ވަނީ މި މުބާރާތުގައި ޖުމްލަ 12 ގޯލް ކާމިޔާބުކޮށްފަ އެވެ.

މުބާރާތުގެ ކިންގުގެ މަގާމް ހޯދި ސުހައިލް (ސޮކޭ). މޮޅު ކުޅުމެއް ދެއްކި. ފޮޓޯ: ކުޑަރިކިލު ކައުންސިލް

މި މަހުގެ 20 އިން 27 އަށް ކުރިއަށްދިޔަ ކުޑަރިކިލު ކައުންސިލް ފުޓްސަލް ޗެލެންޖުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ރިކިލިއަންސްގެ އަލީ އަލްސަން އަދި ގޯލްކީޕަރު އަހްމަދު ނަބީހުގެ އިތުރުން އެކުވެރި ގައިސްގެ ކެޕްޓަން ހުސައިން ހަނާން، އުނައިސް ޒުބައިރު އަދި ޖުމައިލް ޖަމީލް (ޖުމްބެ) އެވެ. މި މުބާރާތުގެ ކިންގްގެ މަގާމް ހޯދީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކައި 8 ގޯލު ކާމިޔާބުކުރި ހުސައިން ސުހައިލް އެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ކެލާ ސިޓީ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!