އޮފީސް ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ގްރޫޕް އީގެ ބީއެމްއެލް އާއި ގްރޫޕް އޭގެ ޓްރޭޑް ކްލަބް އަދި ގްރޫޕް ޑީގެ ހުޅުމާލެ ހޮސްޕިޓަލް ގަދަ 16 އިން ޖާގަ ހޯދައިފި އެވެ.
ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގައި ކުޅޭ މުބާރާތުގައި ރޭވެސް ވަނީ ހަތަރު މެޗު ކުޅެފަ އެވެ.
ބީއެމްއެލް ވަނީ ރޭ އެ ގްރޫޕުގެ އެންޓްރެކާ ވާދަކޮށް 1-9 އިން މޮޅުވެފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ބީއެމްއެލްގެ އިބްރާހީމް ހަމްދާނެވެ. މޮޅާ އެކު ބީއެމްއެލް ގަދަ 16 ޔަގީންކުރީ 7 ޕޮއިންޓާ އެކު އެވެ. ފުރަތަމަ މެޗުގައި މެޑްޓެކް އަތުން ބީއެމްއެލް ބަލިވި ނަމަވެސް، ހުށަހެޅުނު މައްސަލައެއް ބެލުމަށްފަހު މުބާރާތުގެ އިންތިޒާމު ކޮމިޓީން ވަނީ އެ މެޗުން ބީއެމްއެލް މޮޅުވީ ކަމަށް ނިންމައިފަ އެވެ. އޭގެފަހުން މިފްކޯއާ ދެކޮޅަށް ބީއެމްއެލް ކުޅުނު މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ޓްރޭޑް ކްލަބުގެ އަޒްވާން ބޯޅަ ފޮނުވާލަނީ. ފޮޓޯ: އިމޭޖަސް.އެމްވީ
އެ ގްރޫޕުގެ ދެ ވަނައިގައި އޮތީ ހަތަރު ޕޮއިންޓް ހޯދާފައިވާ މިފްކޯ އެވެ. މެޑްޓެކަށް ތިން ޕޮއިންޓް ލިބިފައިވާއިރު އެ ގްރޫޕުގެ ނޮކައުޓް ފަހު ޖާގަ އިނގޭނީ މިރެ އެވެ. މިރޭ މެޑްޓެކް ނުކުންނާނީ މިފްކޯއާ ދެކޮޅަށެވެ. ބީއެމްއެލް އަތުން ބަލިވި އެންޓްރެކް ވަނީ މުބާރާތުން ކަޓައިފަ އެވެ.
ގްރޫޕް އޭގައި ހިމެނޭ ރޯޒްވެއާއާ ވާދަކޮށް ޓްރޭޑް ކްލަބް ރޭ މޮޅުވީ 7-5 އިންނެވެ. ޓްރޭޑް ކްލަބް ހޯދި މުހިއްމު މޮޅުގައި، މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެޓީމުގެ ހަސަން އަޒުވާން އެވެ. އެ މޮޅާ އެކު ޓްރޭޑް ކްލަބް ގަދަ 16 ޔަގީންކުރީ ހަ ޕޮއިންޓާ އެކު އެވެ. އެ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި އަނެއް ބުރު ކަށަވަރުކުރީ ޝީޝާ އެވެ. އެ ގްރޫޕުން ކެޓީ ރޭ ބަލިވި ރޯޒްވެއާ އާއި ވިލާ ޓްރެވަލްސް އެވެ.

ހުޅުމާލެ ހޮސްޕިޓަލުން ކްލަބް މާލެ ސިޓީ ބަލިކުރި މެޗުގެ ތެރެއިން. ފޮޓޯ: އިމޭޖަސް.އެމްވީ
ގްރޫޕް ޑީގެ ހުޅުމާލެ ހޮސްޕިޓަލް ރޭ ވަނީ ކްލަބް މާލެ ސިޓީ 0-5 އިން ބަލިކޮށްފަ އެވެ. މެޗުގައި ހުޅުމާލެ ހޮސްޕިޓަލުގެ ގޯލުތައް ކާމިޔާބުކޮށްދިނީ ހަސަން ސޮލާހު އާއި ހަސަން ނާއިފްގެ އިތުރުން އަހުމަދު ފުއާދު އެވެ. ސޮލާހު އާއި ނާއިފް، ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސޮލާހު އެވެ.
ގްރޫޕް ޑީގައި ހިމެނޭ ކްލަބް އާސަންދަ އާއި ދާޚިލީ ކްލަބް ވާދަކުރި މެޗު 1-2 އިން ކާމިޔާބުކުރީ ކްލަބް އާސަންދަ އެވެ. މެޗުގައި އާސަންދައިގެ ދެ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ރަޝީދު އާއި މުހައްމަދު ރިލްވާނެވެ. ދާޚިލީ ކްލަބްގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު ޝަފްރާޒް މުހައްމަދު އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކްލަބް އާސަންދައިގެ ދާއޫދު މުބާޝިރު ހަސަން އެވެ.

ކްލަބް އާސަންދަ އާއި ދާޚިލީ ކްލަބް ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: އިމޭޖަސް.އެމްވީ
މުބާރާތުގައި މިރޭ ކުޅޭނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗެވެ. މިފްކޯ އާއި މެޑްޓެކް ވާދަކުރާ އެ މެޗު ފަށާނީ ރޭގަނޑު 21:00 ގަ އެވެ.
މިހާތަނަށް އައިއިރު 15 ޓީމަކުން ވަނީ ގަދަ 16 ޔަގީންކޮށްފަ އެވެ. ގަދަ 16 ކަށަވަރުކޮށްފައިވަނީ، ޝީޝާ، ޓްރޭޑް ކްލަބް، ދަރުމަވަންތަ، ސްމާޓް އޯން އެފްސީ، ކަސްޓަމްސް، ކުޅިވަރު ވުޒާރާ، ޕޮލިސް ކްލަބް، ހުޅުމާލެ ހޮސްޕިޓަލް، ބީއެމްއެލް، ސިލްވާ ސޭންޑްސް، ހައްޖު ކްލަބް، ސްޓެލްކޯ، ވެމްކޯ، ސިޓީސް މިނިސްޓްރީ އަދި ފެނަކަ އެވެ.
ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ އޮފީސް ލީގު އިންތިޒާމުކުރަނީ ބިގް ގޭމް މޯލްޑިވްސް އިންނެވެ. ފުރަތަމަ މުބާރާތުގައި 29 ޓީމު ވަނީ ބައިވެރިވެފަ އެވެ.
މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ފަހުމިނެޓެވެ.