ފުރަތަމަ ސަފްޙާ / ޚަބަރު / ރިކިލިއަންސް އާއި އެކުވެރި ގައިސް ކުޑަރިކިލު މުބާރާތުގެ ފައިނަލަށް

ރިކިލިއަންސް އާއި އެކުވެރި ގައިސް ކުޑަރިކިލު މުބާރާތުގެ ފައިނަލަށް

އެޑްމިން
އެޑްމިން
9 މަސް ކުރިން 26 އެޕްރީލް 2025

ކުޑަރިކިލުގައި މިހާރު ކުރިއަށްދާ ކުޑަރިކިލު ފުޓްސަލް ޗެލެންޖްގެ ފައިނަލުން ރިކިލިއަންސް އާއި އެކުވެރި ގައިސް ޖާގަ ހޯދައިފި އެވެ.

މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފައިވާ ރިކިލިއަންސް ފައިނަލުން ޖާގަ ހޯދީ ރޭ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ޓީމް ކޭއީޖީ އާ ވާދަކޮށް 2-7 އިން މޮޅުވެގެންނެވެ. މެޗުގައި ރިކިލިއަންސް އިން ޖެހި ހަތް ލަނޑުގެ ތެރެއިން ފަސް ލަނޑު ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގަ އެވެ. ކޭއީޖީއަށް ކާމިޔާބުކުރެވުނީ ކޮންމެ ހާފެއްގައި އެއް ލަނޑެވެ. މި މެޗުގައި ރިކިލިއަންސްގެ ރަޝާދު ޢަބްދުލް މަތީން، ހުސައިން ސުހައިލް އަދި އަލީ އަލްސަން މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ކާމިޔާބުކުރިއެވެ. މީގެ އިތުރުން ރިކިލިއަންސްއަށް ކުޅެމުން އަންނަ މުހައްމަދު ޝާނިފް ވެސް ވަނީ މި މެޗްގައި ގޯލެއް ކާމިޔާބުކޮށްފަ އެވެ.

މުބާރާތުގެ ލީގު ބުރުގެ ތިންވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް އައި ޓީމް ކޭއީޖީއިން ރޭ ރިކިލިއަންސް ކޮޅަށް ޖެހި ދެ ގޯލްގެ ތެރެއިން އެއް ގޯލް ކާމިޔާބުކޮށްދީފައިވަނީ އެ ޓީމްގެ ކެޕްޓަން ޢަބްދުﷲ އަނީސް އެވެ. އަނެއް ގޯލް ޖެހީ ހަމްޒާ އަބޫބަކުރެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ މެޗްގައި ރިކިލިއަންސްއަށް ދެ ގޯލް ކާމިޔާބުކޮށްދިން ރަޝާދު ޢަބްދުލް މަތީނަށެވެ. ރިކިލިއަންސް އާއި ކޭއީޖީ ލީގު ބުރުގައި ބައްދަލުކުރި މެޗްވެސް ފަސް ލަނޑުގެ ތަފާތަކުން ކާމިޔާބުކުރީ ރިކިލިއަންސް އެވެ.

އެކުވެރި ގައިސް ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: ކުޑަރިކިލު ކައުންސިލް

 

ސެމީގެ ފުރަތަމަ މެޗާ ހިލާފަށް ދެވަނަ މެޗް ފެނުނީ ވާދަވެރި އަދި ފޯރިގަދަ މެޗެއްގެ ގޮތުގަ އެވެ. ލީގު ބުރުގައި މި ދެ ޓީމު ވާދަކުރި މެޗު އެންމެ ލަނޑެއްގެ ތަފާތަކުން އެކުވެރި ގައިސް ކާމިޔާބުކޮށްފައި އޮތުމާއެކު ރޭގެ މެޗްގައިވެސް އެ ވާދަވެރިކަން ފެންނާނެ ކަމަށް ގިނަ ބަޔަކު ތިބީ އުންމީދުކޮށްގެންނެވެ. އެކަމަކު ފުރަތަމަ ހާފު ނިމުނު އިރު ކެލާ ސިޓީއަށް ލަނޑެއް ނުޖެހި އުޅެނިކޮށް އެކުވެރި ގައިސްއިން ތިން ލަނޑުގެ ލީޑެއް ނެގުމާއެކު މި މެޗް ފަސޭހަކަމާއެކު އެ ޓީމުން ކާމިޔާބުކުރާނެ ކަމަށް ގިނަ ބަޔަކަށް ހީކުރެވުނެވެ. އެއާ ހިލާފަށް ފަހު ހާފުގައި ކެލާ ސިޓީން ވަރަށް ބޮޑުތަން ކުޅުން ރަގަޅުކޮށް ތިން ގޯލް ކާމިޔާބުކުރި އެވެ. އެކުވެރި ގައިސް އިން ފައިނަލްގެ ޖާގައެއް ކަށަވަރުކުރީ ފަހު ހާފުގައި އިތުރު ދެ ލަނޑު ޖަހައި ނަތީޖާ 3-5 އަށް ބަދަލުކޮށްގެންނެވެ.

ސެމީގެ ދެވަނަ މެޗުގައި އެކުވެރި ގައިސްގެ ކެޕްޓަން ހުސައިން ހަނާން އަދި އުނައިސް ޒުބައިރު މިއިން ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ކާމިޔާބުކުރި އެވެ. މީގެ އިތުރުން ދެން ޖެހި ގޯލު އެކުވެރި ގައިސްއަށް ކާމިޔާބުކޮށްދިނީ ޖުމައިލް ޖަމީލް (ޖުމްބެ) އެވެ. ރޭގެ މެޗްގައި ކެލާ ސިޓީން ޖެހި ތިން ގޯލްގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްފައިވަނީ ޢަބްދުﷲ އަފާފް އެވެ. އަނެއް ގޯލް ކާމިޔާބުކޮށްދީފައިވަނީ ޢަލީ ވިޝާން އެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެކުވެރި ގައިސްގެ ކެޕްޓަން ހުސައިން ހަނާނެވެ.

މުބާރާތުގެ ފައިނަލްގައި ކިރިލިއަންސް އާއި އެކުވެރި ގައިސް ވާދަކުރާ މެޗް އޮންނާނީ މާދަމާ ރޭ 08:30 ގައެވެ. މި މެޗު ކުޑަރިކިލު ކައުންސިލް އިދާރާގެ ފޭސްބުކް ޕޭޖުން ލައިވްކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!