އޮފީސް ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ވެމްކޯ އާއި އެމްސީއެލްޕީ (ސިޓީސް މިނިސްޓްރީ)، ހައްޖު ކްލަބް އަދި ސްމާޓް އޯން އެފްސީ ގަދަ 16 އަށް ދަތުރުކޮށްފި އެވެ.
ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ އޮފީސް ލީގުގައި ރޭ ކުޅުނީ ޕްލޭއޮފް ތިން މެޗާއި ގްރޫޕް ބީގައި ހިމެނޭ ސްމާޓް އޯން އެފްސީ އާއި ދަ ހޯކްސް ވާދަކުރި މެޗެވެ.
ޕްލޭއޮފް މެޗުތަކުގެ ތެރެއިން ގްރޫޕް ޖީގެ ވެމްކޯ ރޭ ވަނީ ކްލަބް ވެލިގާއާ ވާދަކޮށް 0-5 އިން މޮޅުވެފަ އެވެ. ގްރޫޕް އެޗްގައި ހިމެނޭ ސިޓީސް މިނިސްޓްރީ ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކް 1-2 އިން ބަލިކޮށްފަ އެވެ. ހައްޖު ކްލަބް ގަދަ 16 އިން ފުރުސަތު ހޯދީ ގްރޫޕް އެފްގައި ހިމެނޭ ކްލަބް އެޕޯލޯ 0-1 އިން ބަލިކޮށްގެންނެވެ.
ވެމްކޯ ކާމިޔާބުކުރި މެޗުގައި އެޓީމަށް ގޯލުތައް ކާމިޔާބުކޮށްދިނީ، އަބްދުﷲ ފިޒާން އަބްދުލްގަފޫރާއި އުކާޝް އަލީގެ އިތުރުން މުހައްމަދު އަބާން އިމްރާން އަދި ދެ ގޯލު ޖެހި ޝީހާން އަބްދުލްހަމީދެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ވެމްކޯގެ ފިޒާން އެވެ.
ވެމްކޯ އަށް ކުޅޭ ގައުމީ ޓީމުގެ މިޑްފީލްޑަރު ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ރޭގެ މެޗުގައި ކުޅެފައެއްނުވެ އެވެ. ނިޝާމް މިވަގުތު ހުރީ އެހެން މުބާރާތެއްގައި އަތޮޅުތެރޭގަ އެވެ.

ވެމްކޯ އިން ޕްލޭއޮފްގައި ވެލިގާ ބަލިކުރި މެޗުގެ ތެރެއިން. ފޮޓޯ: އިމޭޖަސް.އެމްވީ
ގްރޫޕް ޖީ އިން އެންމެ ކުރި ހޯދީ ސްޓެލްކޯ ރެކްރިއޭޝަން ކްލަބެވެ. ވެމްކޯ ރޭ މޮޅުވުމާ އެކު ކްލަބް ވެލިގާ ވަނީ މުބާރާތުން ކަޓައިފަ އެވެ.
ވާދަވެރި ކުޅުމަކަށް ފަހު ސިޓީސް މިނިސްޓްރީން އެމްއައިބީ ބަލިކުރި މެޗުގައި ސިޓީސްގެ ގޯލުތައް ކާމިޔާބުކޮށްދިނީ މުހައްމަދު އައިމަން ޝަކީބާއި އަބްދުﷲ އަލީ އެވެ. އެމްއައިބީގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ޝިނާން ޝަރީފެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސިޓީސް މިނިސްޓްރީގެ އަލީ ރިޒާ އެވެ.
ގްރޫޕް އެޗްގެ އެއްވަނަ ޓީމަކީ ފެނަކަ އެވެ. ސިޓީސް މިނިސްޓްރީ ގަދަ 16 އަށް ދަތުރުކުރީ ދެވަނަ ޓީމުގެ ގޮތުގަ އެވެ.
ޕްލޭއޮފް މެޗުގައި ހައްޖު ކްލަބުން އެޕޯލޯ ހަނިގޮތަކަށް ބަލިކުރިއިރު، ގްރޫޕް އެފްގެ އެއްވަނަ ހޯދީ ސިލްވާ ސޭންޑްސް އެވެ. ހައްޖު ކްލަބް އަތުން ބަލިވުމުން ކްލަބް އެޕޯލޯ އަށް ވަނީ މުބާރާތް ނިމިފަ އެވެ.
ރޭގެ މެޗުގައި ހައްޖު ކްލަބުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު ހަނީފެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އިބްރާހީމް އާތިފެވެ.

ސްމާޓް އޯން އިން ހޯކްސް ބަލިކުރި މެޗުގެ ތެރެއިން. ފޮޓޯ: އިމޭޖަސް.އެމްވީ
ގްރޫޕް ބީގައި ހިމެނޭ ސްމާޓް އޯން ރޭ ނުކުތީ މޮޅަކާ އެކު ގަދަ 16 ކަށަވަރުކުރާށެވެ. އެޓީމުން 3-2 އިން ދަ ހޯކްސް ބަލިކުރިއިރު ގޯލުތައް ކާމިޔާބުކޮށްދިނީ އަބްދުﷲ ޔައުސަމް އާއި އަހުމަދު ނާއިފްގެ އިތުރުން މުހައްމަދު މުއާޒެވެ. ހޯކްސްގެ ދެ ގޯލު ޖެހީ މާއިދު ހަސަން ރަޝީދު އާއި ފާރިޝް މުބާރިކެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސްމާޓް އޯންގެ ނާއިފެވެ.
ގްރޫޕް ބީގެ އެއްވަނަ މަގާމުގައި އަނެއް ބުރަށް ދަތުރުކުރީ ތިން މެޗުން ވެސް މޮޅުވި ދަރުމަވަންތަ އެވެ. ސްމާޓް އޯން ގަދަ 16 ކަށަވަރުކުރީ އެ ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. ދަރުމަވަންތަ އަތުން ބަލިވިޔަސް ސްމާޓް އޯން އެފްސީން ވަނީ ހޯކްސްގެ އިތުރުން މޯލްޑިވްސް ޕޯސްޓް ލިމިޓެޑް ވެސް ބަލިކޮށްފަ އެވެ.
މިރޭ ވެސް ގްރޫޕް ސްޓޭޖުގެ މުހިއްމު މެޗުތަކެއް ކުޅޭނެ އެވެ.
ގްރޫޕް ސީ: ކްލަބް އާސަންދަ – ކްލަބް ދާޚިލީ (20:00)
ގްރޫޕް ޑީ: ހުޅުމާލެ ހޮސްޕިޓަލް – ކްލަބް މާލެ ސިޓީ (21:00)
ގްރޫޕް އޭ: ރޯޒްވެއާ – ޓްރޭޑް ކްލަބް (22:00)
ގްރޫޕް އީ: ބީއެމްއެލް – އެންޓްރެކް (23:00)
ގްރޫޕް އޭ އިން ގަދަ 16 ޔަގީންކޮށްފައިވަނީ ޝީޝާ އެވެ. ދެވަނަ ޖާގަ ކަށަވަރުވާނީ މިރޭ ރޯޒްވެއާ އާއި ޓްރޭޑް ކްލަބް ވާދަކުރާ މެޗުންނެވެ.
ގްރޫޕް ސީ އިން ކުޅިވަރު ވުޒާރާ އާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބް މިހާރުވެސް ވަނީ ގަދަ 16 ޔަގީންކޮށްފަ އެވެ. އެހެންވެ މިރޭ ކްލަބް އާސަންދަ އާއި ކްލަބް ދާޚިލީ ވާދަކުރާ މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް އެ ގްރޫޕުގެ ގަދަ ދެ ޓީމަށް އަސަރެއް ނުކުރާނެ އެވެ.

ހައްޖު ކްލަބް ޕްލޭއޮފް މެޗުގައި ކްލަބް އެޕޯލޯއާ ވާދަކުރަނީ. ފޮޓޯ: އިމޭޖަސް.އެމްވީ
ގްރޫޕް ޑީގައި ގަދަ 16 ގެ ފުރަތަމަ ޖާގަ ހޯދާފައިވަނީ ޕޮލިސް ކްލަބެވެ. އަނެއް ޖާގަ ކަށަވަރުވާނީ މިރޭ ހުޅުމާލެ ހޮސްޕިޓަލާއި ކްލަބް މާލެ ސިޓީ ކުޅޭ މެޗުންނެވެ.
ގްރޫޕް އީގައި ހިމެނޭ ބީއެމްއެލް މިރޭގެ މެޗުން މޮޅުވެއްޖެ ނަމަ ގަދަ 16 އިން ފުރުސަތު ލިބޭނެ އެވެ. އެ ގްރޫޕުގެ ފަހު މެޗުގައި މިފްކޯ އާއި މެޑްޓެކް ވާދަކުރާނީ މާދަމާ ރެ އެވެ.
އޮފީސް ލީގަކީ ބިގް ގޭމް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ފަހުމިނެޓެވެ.