ފުރަތަމަ ސަފްޙާ / ޚަބަރު / ކުޑަރިކިލުގައި ކުރިއަށްދާ ފޯރިގަދަ ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލް މިރޭ

ކުޑަރިކިލުގައި ކުރިއަށްދާ ފޯރިގަދަ ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލް މިރޭ

އެޑްމިން
އެޑްމިން
9 މަސް ކުރިން 25 އެޕްރީލް 2025

ކުޑަރިކިލުގައި މިހާރު ކުރިއަށްދާ ކުޑަރިކިލު ކައުންސިލް ފުޓްސަލް ޗެލެންޖްގެ ސެމީ ފައިނަލްގައި ވާދަކުރަންޖެހޭ ޓީމުތައް ކަށަވަރުވެއްޖެ އެވެ.

މިދިޔަ އާދީއްތަ ދުވަހު ފެށި މި މުބާރާތުގައި ފަސް ޓީމް ބައިވެރިވެފައިވާއިރު މުބާރާތް އިންތިޒާމްކޮށްފައި އޮތީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ރަގަޅު ނަތީޖާ ހޯދާ ހަތަރު ޓީމު ސެމީ ފައިނަލްގައި ވާދަކުރާ ގޮތަށެވެ. މުބާރާތުގެ ސެމީ ފައިނަލްގެ މެޗްތައް މިރޭ ކުޅޭ ގޮތަށް ހަމަޖެހިފައިވާއިރު ސެމީގެ ފުރަތަމަ މެޗްގައި ވާދަކުރާނީ ލީގު ބުރުން އެއް ވަނަ ހޯދި ރިކިލިއަންސް އާއި ތިންވަނަ ހޯދި ޓީމް ކޭއީޖީ އެވެ. ސެމީގެ ދެވަނަ މެޗްގައި ބައްދަލުކުރާނީ ލީގު ބުރުން ދެވަނަ ހޯދި އެކުވެރި ގައިސް އާއި ހަތަރު ވަނައަށް ދިޔަ ކެލާ ސިޓީ އެވެ.

ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ވާދަކުރާ ރިކިލިއަންސް ލީގު ބުރުގެ އެއް ވަނަ ހޯދާފައިވަނީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެންނެވެ. ރިކިލިއަންސް ފާހަގަކުރެވިފައިވަނީ މި މުބާރާތުގައި އެޓޭކްވެސް އަދި ޑިފެންސް ވެސް އެންމެ ރަގަޅު ޓީމުގެ ގޮތުގައެވެ. އެ ޓީމުން މި މުބާރާތުގައި ޖުމްލަ 23 ގޯލް ކާމިޔާބުކޮށްފައިވާއިރު އެ ޓީމު ކޮޅަށް ވަދެފައިވަނީ ފަސް ގޯލެވެ. ރިކިލިއަންސްއާ ވާދަކުރާ ޓީމް ކޭއީޖީ ވަނީ މުބާރާތުގައި މިހާތަނަށް ކުޅުނު ހަތަރު މެޗްގެ ތެރެއިން އެއް މެޗް ކާމިޔާބުކޮށް އެއް މެޗް އެއްވަރުކޮށްފަ އެވެ. ކޭއީޖީން މުބާރާތުގައި މިހާތަނަށް 11 ގޯލް ޖަހާފައިވާއިރު ބައިކޮޅަށް 16 ގޯލް ވަނީ ވަދެފަ އެވެ.

ކުޑަރިކިލު ކައުންސިލް މުބާރާތުގައި ސޮކޭ ބޯޅަ ހިފައިގެން. މަޝްހޫރު ކުޅުންތެރިން މުބާރާތުގައި ކުޅޭ. ފޮޓޯ: ކުޑަރިކިލު ކައުންސިލް

މިރޭ ކުޅޭ ސެމީ ފައިނަލްގެ ދެވަނަ މެޗްގައި އެއް ކޮޅުން ވާދަކުރާ އެކުވެރި ގައިސް ވަނީ އެ ޓީމު ކުޅުނު ހަތަރު މެޗްގެ ތެރެއިން ތިން މެޗް ކާމިޔާބުކޮށްފަ އެވެ. އެ ޓީމު ހަމައެކަނި ބަލިވެފައި ވަނީ ލީގު ބުރުން އެއްވަނަ ހޯދި ރިކިލިއަންސް އަތުންނެވެ. އެކުވެރި ގައިސް އާއި ރިކިލިއަންސް ވާދަކުރި މެޗުން އެކުވެރި ގައިސް ބަލިވީ 2-6 އިންނެވެ. މި މުބާރާތުގައި އެކުވެރި ގައިސްގެ އަށް އޮތް އެންމެ ބޮޑު ބޮލުގެ ރިހުމަކަށް ވެފައި އޮތީ އެ ޓީމުގެ ބައިކޮޅަށް ގިނަ ގޯލްތަކެއް ވަދެފައިވުމެވެ. މިހާތަނަށް އެކުވެރި ގައިސް އިން ޖުމްލަ 18 ގޯލް ކާމިޔާބުކޮށްފައިވާއިރު 17 ގޯލް ބައިކޮޅަށް ވަދެފައިވެ އެވެ. ސެމީގެ ދެވަނަ މެޗްގައި އެކުވެރި ގައިސްއާ ވާދަކުރާ ކެލާ ސިޓީ މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. މުބާރާތުގައި އެ ޓީމު ކުޅުނު ހަތަރު މެޗުން ހަތް ގޯލް ކާމިޔާބުކޮށްފައިވާއިރު އެ ޓީމު ކޮޅަށް ނުވަ ގޯލް ވަދެފައިވެ އެވެ.

ކުޑަރިކިލު ފުޓްސަލް ދަނޑުގައި މިރޭ ކުޅޭ ސެމީ ފައިނަލްގެ ފުރަތަމަ މެޗް 08:30 ގައި ފަށާގޮތަށް ހަމަޖެހިފައިވާއިރު ދެވަނަ މެޗް ފަށާގޮތަށް ހަމަޖެހިފައިވަނީ 09:50 ގައެވެ. މި ދެމެޗްވެސް ކުޑަރިކިލު ކައުންސިލް އިދާރާގެ ފޭސްބުކް ޕޭޖުން ލައިވް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

ކުޑަރިކިލުގައި ކުރިއަށްދާ ފުޓްސަލް މުބާރާތް. މުބާރާތުގެ ފޯރި ވަނީ ގަދަވެފަ. ފޮޓޯ: ކުޑަރިކިލު ކައުންސިލް

ސެމީގައި ކުޅޭ ރިކިލިއަންސް ޓީމުގައި މަޝްހޫރު ފުޓްސަލް ތަރި ހުސައިން ސުހައިލް (ސޮކޭ) އާއި އއ. މަތިވެރީގެ މަޝްހޫރު ފުޓްސަލް ތަރި އަލީ އަލްސަން ހިމެނެ އެވެ. އެކުވެރި ގައިސް ޓީމުގައި އޭދަފުށީގެ އުނައިސް ޒުބައިރު (އުނޭ) އާއި ޖުމައިލް ޖަމީލް (ޖުމްބެ) ހިމެނެ އެވެ. ޓީމް ކޭއީޖީގައި އޭދަފުށީގެ ހުސައިން ޝަރީފް (މުޑާ) ހިމެނޭއިރު ކެލާ ސިޓީގައި އިނގުރައިދޫގެ މުހައްމަދު ޖުމާން ހިމެނެ އެވެ.

ކުޑަރިކިލު ކައުންސިލް ފުޓްސަލް ޗެލެންޖް އިންތިޒާމުކުރަނީ އެރަށު ކައުންސިލުންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!