ފުރަތަމަ ސަފްޙާ / ޚަބަރު / ސްޓެލްކޯ، ފެނަކަ އަދި ސިލްވާ ސޭންޑްސް ގަދަ 16 އަށް

ސްޓެލްކޯ، ފެނަކަ އަދި ސިލްވާ ސޭންޑްސް ގަދަ 16 އަށް

އެޑްމިން
އެޑްމިން
9 މަސް ކުރިން 24 އެޕްރީލް 2025

އޮފީސް ލީގުގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް ސްޓެލްކޯ ރެކްރިއޭޝަން ކްލަބާއި ފެނަކަ އަދި ސިލްވާ ސޭންޑްސް މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދައިފި އެވެ.

ތިން ޓީމު ހިމެނޭ ގްރޫޕް ބީގެ ވެމްކޯއާ ވާދަކޮށް ސްޓެލްކޯ ރޭ މޮޅުވީ 1-3 އިންނެވެ. މޮޅެތި ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ދެޓީމު ކުރިމަތިލި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސްޓެލްކޯގެ މުހައްމަދު ވިލްފެވެ. ފުޓްސަލްގައި ވިލްފަކީ ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިއެކެވެ.

ސްޓެލްކޯގެ ގޯލުތައް ކާމިޔާބުކޮށްދިނީ އިސްމާއީލް ނަސީމްގެ އިތުރުން ޒައިދާން އަބްދުﷲ އަދި އަހުމަދު ޝާނިއު އަބްދުލްގަނީ އެވެ. ވެމްކޯގެ ހަމައެކަނި ގޯލު ޖެހީ ޝީހާން އަބްދުލް ހަމީދެވެ.

އެ ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގައި ސްޓެލްކޯ ގަދަ 16 ޔަގީންކުރީ ދެ މެޗުން ވެސް މޮޅުވެގެންނެވެ. އެ ގްރޫޕުން ނޮކައުޓް ބުރަށްދާ އަނެއް ޓީމު ކަށަވަރުވާނީ ވެމްކޯ އާއި ކްލަބް ވެލިގާ ކުޅޭ ޕްލޭއޮފް މެޗަށް ފަހު އެވެ.

ފެނަކައިގެ ފައިސަލް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. އެޓީމު ވަނީ ގަދަ 16 އަށް ދަތުރުކޮށްފަ. ފޮޓޯ:

 

ރޭ ފެނަކަ ވަނީ އެމްސީއެލްޕީ (ސިޓީސް މިނިސްޓްރީ) އާ ވާދަކޮށް 5-2 އިން މޮޅުވެފަ އެވެ. މެޗުގައި ފެނަކައިގެ ގޯލުތައް ޖަހައިދިނީ އަހުމަދު ޝަހުމް މުހައްމަދު، އަލީ ހަސަން، ޒައިދު އަބްދުލްކަރީމްގެ އިތުރުން ތޮލްހަތު މުހައްމަދު އަދި ކެޕްޓަން ހުސައިން ފައިސަލް އެވެ. ސިޓީސް މިނިސްޓްރީގެ ދެ ގޯލު ޖެހީ ޖަޒްލާން މާހިރު އާއި މުހައްމަދު އައިމަން ޝަކީބެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ފެނަކަ ޓީމުގެ ކެޕްޓަން ފައިސަލް އެވެ.

ސްޓެލްކޯ އާއި ފެނަކަ ވާދަކުރި މެޗުގެ ތެރެއިން. ދެ ޓީމުގައި ހުނަރުވެރި ކުޅުންތެރިން ގިނަ. ފޮޓޯ: އިމޭޖަސް.އެމްވީ

ގްރޫޕް އެޗްގައި ފެނަކަ ވަނީ ދެ މެޗުން ވެސް މޮޅުވެފަ އެވެ. އެ ގްރޫޕުން ގަދަ 16 ގެ ދެވަނަ ޖާގަ ލިބޭނީ ޕްލޭއޮފް މެޗުން މޮޅުވާ ޓީމަކަށެވެ. އެ މެޗުގައި ވާދަކުރާނީ ސިޓީސް މިނިސްޓްރީ އާއި މޯލްޑިވްސް އިސްލާމިކް ބޭންކެވެ.

ގްރޫޕް އެފްގައި ހިމެނޭ ސިލްވާ ސޭންޑްސް ގަދަ 16 ކަށަވަރުކުރީ ދެ މެޗުން މޮޅުވެގެންނެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ ހައްޖު ކްލަބެވެ. އެ ގްރޫޕުން ނޮކައުޓް ބުރު ޔަގީންވާ ދެވަނަ ޓީމެއް އެނގޭނީ ޕްލޭއޮފް މެޗަށް ފަހު އެވެ. އެ މެޗުގައި ހައްޖު ކްލަބާ ދެކޮޅަށް ނުކުންނާނީ ކްލަބް އެޕޯލޯ އެވެ.

ނޮކައުޓް ބުރަށްދާން ޕްލޭއޮފް މެޗުތައް ކުޅެނީ ހަމައެކަނި ތިން ޓީމު ހިމެނޭ ގްރޫޕް ތަކުގަ އެވެ. އެ ގްރޫޕްތަކުން ގަދަ 16 ގެ ސީދާ ޖާގަ ލިބެނީ އެއްވަނަ ހޯދާ ޓީމުތަކަށް އެކަންޏެވެ.

މިފްކޯ އާއި ބީއެމްއެލް އެއްވަރުވި މެޗުގެ ތެރެއިން. ފޮޓޯ: އިމޭޖަސް.އެމްވީ

ރޭ ސިލްވާ ސޭންޑްސް 1-7 އިން ކްލަބް އެޕޯލޯ ބަލިކުރި މެޗުގައި އަލީ މޫމިން ވަނީ ހެޓްރިކް ހަދައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ. އެޓީމުގެ ހުސައިން ޒިރާރު ދެ ގޯލު ޖެހިއިރު އަހުމަދު ޝަފަގް އަދި އިނާޒް އަބްދުލްއަޒީޒް ވެސް ގޯލު ޖެހި އެވެ. ކްލަބް އެޕޯލޯގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ޔާސިރު އެވެ.

ރޭ ގްރޫޕް އީގައި ހިމެނޭ ބީއެމްއެލް އާއި މިފްކޯ ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މިފްކޯ ޓީމުގެ އަހުމަދު އަނޫފް އެވެ.

ބީއެމްއެލް އާއި މިފްކޯގެ އިތުރުން އެ ގްރޫޕުގައި ހިމެނެނީ މެޑްޓެކާއި އެންޓްރެކެވެ. ފަހު މެޗުތަކުގައި ބީއެމްއެލް އިން އެންޓްރެކާ ދެކޮޅަށް ނުކުންނައިރު މެޑްޓެކް ވާދަކުރާނީ މިފްކޯއާ އެވެ.

އެ ގްރޫޕުގެ އެއްވަނައި އޮތީ ހަތަރު ޕޮއިންޓް ހޯދާފައިވާ ބީއެމްއެލް އާއި މިފްކޯ އެވެ. މެޑްޓެކަށް ތިން ޕޮއިންޓް ލިބިފައިވާއިރު ފުލުގައި އޮތް އެންޓްރެކް ވަނީ ފުރަތަމަ ދެ މެޗުން ބަލިވެ މުބާރާތުން ކަޓައިފަ އެވެ. މެޑްޓެކާއި މިފްކޯ ވާދަކުރާ މެޗު ވާދަވެރިވާނެ އެވެ.

މުބާރާތުގައި މިހާރު ކުރިއަށްދަނީ ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރުގެ މެޗުތަކެވެ. ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގައި ކުރިއަށްދާ މުބާރާތުގައި މިރޭ ވެސް ހަތަރު މެޗު ކުޅޭނެ އެވެ. ރެއިން ފެށިގެން މުބާރާތުގެ މެޗުތައް ކުރިއަށްދަނީ ގްރައުންޑް އެކެއްގަ އެވެ. އެގޮތުން މިރޭގެ ހަތަރު މެޗު ވެސް ކުޅޭނީ އެ ދަނޑުގަ އެވެ.

މިރޭ ކުޅޭ މެޗުތައް

ގްރޫޕް ބީ: މޯލްޑިވްސް ޕޯސްޓް ލިމިޓެޑް – ދަރުމަވަންތަ (20:00)

ގްރޫޕް އޭ: ވިލާ ޓްރެވަލްސް – ޝީޝާ (21:00)

ގްރޫޕް ޑީ: ބީސީސީ – ޕޮލިސް ކްލަބް (22:00)

ގްރޫޕް ސީ: ކުޅިވަރު ވުޒާރާ – ކަސްޓަމްސް ރެކްރިއޭޝަން ކްލަބް (23:00)

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!