ބިގް ގޭމް މޯލްޑިވްސް އިން އިންތިޒާމުކުރާ އޮފީސް ލީގުގައި ރޭ ކުޅުނު މެޗުން މޮޅުވެ މެޑްޓެކް ގަދަ 16 ގެ ޖާގައެއް ކަށަވަރު ކުރިއިރު ވެމްކޯ އާއި ފެނަކައިން މުބާރާތުގެ ފެށުން ރަނގަޅު ކޮށްފި އެވެ.
ގްރޫޕް އީގައި ހިމެނޭ މެޑްޓެކް ރޭ ވާދަކުރީ އެ ގްރޫޕުގެ ފުރަތަމަ މެޗުން ވެސް ބަލިވި އެންޓްރެކާ އެވެ. މެޗު މެޑްޓެކް ކާމިޔާބުކުރީ 7-1 އިންނެވެ. މެޑްޓެކް ހޯދި މޮޅުގައި ދެކުޅުންތެރިން ހެޓްރިކް ހެދި އެވެ. އެޓީމަށް ހެޓްރިކް ހަދައިދިނީ އިސްމާއީލް އަޒުހާނާއި ހުސައިން ފާއިޒް އެވެ. އަނެއް ގޯލު ޖެހީ އަހުމަދު ނާއިމް އެވެ. އެންޓްރެކް ޓީމުގެ ހަމައެކަނި ގޯލު ޖެހީ އިއުފާފް މުހައްމަދު އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މެޑްޓެކް ޓީމުގެ ފާއިޒެވެ.
މެޑްޓެކް ގަދަ 16 ޔަގީންކުރީ ފުރަތަމަ ދެ މެޗުން 6 ޕޮއިންޓް ހޯދައިގެންނެވެ. އެންޓްރެކް ދެ މެޗުން ބަލިވިއިރު އެ ގްރޫޕުގައި ދެން އޮތީ ބީއެމްއެލް އާއި މިފްކޯ އެވެ.

ފެނަކަ އާއި އެމްއައިބީ ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: އިމޭޖަސް.އެމްވީ
ގްރޫޕް ޖީގައި ހިމެނޭ ވެމްކޯ ރޭ ވަނީ 0-7 އިން ކްލަބް ވެލިގާ ބަލިކޮށްފަ އެވެ. މެޗުގައި ވެމްކޯގެ އަބްދުﷲ ފިޒާން އަބްދުލްގާދިރު ދެ ގޯލު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އެވެ. ވެމްކޯ އަށް އިތުރު ގޯލުތައް ކާމިޔާބުކޮށްދިނީ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އާއި މުހައްމަދު މިދުހަތުގެ އިތުރުން ޖިނާހު އަބްދުއްރަހްމާން އަދި ހަސަން އިމްރާން އާއި މުހައްމަދު އަބާން އިމްރާނެވެ.
ވެމްކޯ ހިމެނެނީ ތިން ޓީމުގެ ގްރޫޕެއްގަ އެވެ. އެ ގްރޫޕުގައި ދެން އޮތީ ސްޓެލްކޯ ރެކްރިއޭޝަން ކްލަބެވެ. ސްޓެލްކޯ އިން ވަނީ ފުރަތަމަ މެޗުގައި ކްލަބް ވެލިގާ ބަލިކޮށްފަ އެވެ. އެ ގްރޫޕުން ގަދަ 16 ގެ ސީދާ ޖާގައެއް ލިބޭނީ އެއް ވަނަ ހޯދާ ޓީމަކަށެވެ.

ވެމްކޯ މޮޅުވި މެޗުގައި ޕޮގްބާ ބޯޅަ ހިފައިގެން. ފޮޓޯ: އިމޭޖަސް.އެމްވީ
ގްރޫޕް އެޗްގައި ހިމެނޭ ފެނަކަ ރޭ ވަނީ 0-5 އިން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ބަލިކޮށްފަ އެވެ. މެޗުގައި ފެނަކައިގެ އަހުމަދު ޝަހުމް މުހައްމަދު ދެ ގޯލު ޖެހި އެވެ. ޝަހުމްގެ އިތުރުން ގޯލުތައް ކާމިޔާބުކޮށްދިނީ ކެޕްޓަން ހުސައިން ފައިސަލް އާއި ޔަސްފާދު ހަބީބު (މުލަކޭ) އަދި ހުސައިން ޝާމީން އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ފެނަކައިގެ ޝަހުމް އެވެ.
އެމްއައިބީ ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ. އެކަމަކު ތިން ޓީމު ހިމެނޭ ގްރޫޕަކަށް ވާތީ ގަދަ 16 އަށް ދިއުމަށް އެޓީމަށް ޕްލޭއޮފް މެޗެއް ކުޅެން ލިބޭނެ އެވެ. ފެނަކައިގެ އިތުރުން އެ ގްރޫޕުގައި ދެން ހިމެނެނީ ސިޓީސް މިނިސްޓްރީ އެވެ.

ހައްޖު ކްލަބުގެ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: އިމޭޖަސް.އެމްވީ
ހައްޖު ކްލަބުން ވަނީ ކްލަބް އެޕޯލޯއާ ވާދަކޮށް 2-7 އިން މޮޅުވެފަ އެވެ. ފުރަތަމަ މެޗުގައި ގްރޫޕް އެފްގައި ހިމެނޭ ސިލްވާ ސޭންޑްސް އަތުން ހައްޖު ކްލަބް ވަނީ ބަލިވެފަ އެވެ. ރޭ އެޓީމުގެ ހަތް ގޯލުގެ ތެރެއިން ހަ ގޯލު ކާމިޔާބުކޮށްދިނީ ޝަމްވީލް މުހައްމަދާއި ކެޕްޓަން އިބްރާހީމް އާތިފް އެވެ. އެ ދެކުޅުންތެރިން ހެޓްރިކް ހެދިއިރު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޝަމްވީލެވެ. ހައްޖު ކްލަބުގެ އަނެއް ގޯލު ކާމިޔާބުކޮށްދިނީ އިސްމާއީލް ޔަމީން އެވެ. މެޗުގައި ކްލަބް އެޕޯލޯގެ ދެ ގޯލު ޖެހީ މުހައްމަދު ރަޝީދު އާއި އިސްމާއީލް ރަފާހް ވަހީދު އެވެ.
ރޭގެ މެޗާ އެކު ހައްޖު ކްލަބަށް ގްރޫޕް ސްޓޭޖް ވަނީ ނިމިފަ އެވެ. އެކަމަކު އެ ގްރޫޕުގައި ވެސް ތިން ޓީމު ހިމެނޭތީ ގަދަ 16 އަށް ދާން ޕްލޭއޮފް މެޗެއް ކުޅެން ހައްޖު ކްލަބަށް ލިބޭނެ އެވެ.
މިއަހަރުގެ މުބާރާތުގައި 29 ޓީމު ވާދަކުރާއިރު މިއީ އޮފީސް ލީގު ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.
މިރޭ ކުޅޭ މެޗުތައް
ގްރޫޕް ޑީ: ހުޚުމާލެ ހޮސްޕިޓަލް – ބީސީސީ (20:30)
ގްރޫޕް ސީ: ކްލަބް އާސަންދަ – ކުޅިވަރު ވުޒާރާ (20:30)
ގްރޫޕް ބީ: ސްމާޓްޓައުން އެފްސީ – ޕޯސްޓް ލިމިޓެޑް (22:00)
ގްރޫޕް އޭ: ރޯޒްވެއާ – ވިލާ ޓްރެވަލްސް (22:00)