ފުރަތަމަ ސަފްޙާ / ޚަބަރު / ބީއެމްއެލް ބަލިކޮށް މެޑްޓެކުން ފުޓްސަލް ދަތުރު ފަށައިފި

ބީއެމްއެލް ބަލިކޮށް މެޑްޓެކުން ފުޓްސަލް ދަތުރު ފަށައިފި

އެޑްމިން
އެޑްމިން
10 މަސް ކުރިން 20 އެޕްރީލް 2025

އޮފީސް ލީގު 2025 ގައި ރޭ ކުޅުނު ގްރޫޕް އީގެ މެޗުގައި މެޑްޓެކުން، ފުޓްސަލްގައި މަޝްހޫރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބަލިކޮށްފި އެވެ.

ރެހެންދި ޓާފް ފުޓްސަލް ދަނޑުގައި ކުޅުނު މެޗުގައި މެޑްޓެކުން ބީއެމްއެލް ބަލިކުރީ 1-5 އިންނެވެ. ރޭގެ މެޗަކީ މުބާރާތުގައި ދެޓީމު ވެސް ކުޅުނު ފުރަތަމަ މެޗެވެ.

މެޗުގައި މެޑްޓެކްގެ ފަސް ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އިސްމާއީލް އަޒުހާނެވެ. އެޓީމުގެ އަނެއް ގޯލުތައް ކާމިޔާބުކޮށްދިނީ މޫސާ ހާނިމް އާއި ހުސައިން ފާއިޒް އަދި މާޒިން އަބްދުލްވާހިދު އެވެ. ބީއެމްއެލްގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު ޖީލާނެވެ.

ގްރޫޕް އީގައި ދެން ހިމެނެނީ އެންޓްރެކާއި މިފްކޯ އެވެ. ފުރަތަމަ މެޗުގައި މިފްކޯ ވަނީ އެންޓްރެކް ބަލިކޮށްފަ އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަޒުހާން. ފޮޓޯ: އިމޭޖަސް.އެމްވީ

ބީއެމްއެލްއަކީ 2016 އަދި 2019 ވަނަ އަހަރު ކްލަބް މޯލްޑިވްސް ކަޕް ކާމިޔާބުކުރި ޓީމެވެ. މިދިޔަ އަހަރުތަކުގައި ބީއެމްއެލް ފެނުނީ ފުޓްސަލްގައި ވަރުގަދަ ޓީމެއްގެ ގޮތުގައެވެ. އެކަމަކު، މިފަހަރުގެ އޮފީސް ލީގުގެ ގަވައިދު އިންގޮތުން ބީއެމްއެލް އިން މުބާރާތަށް ނެރުނީ ކްލަބް މޯލްޑިވްސް ކަޕްގައި ނުކުޅޭ ކުޅުންތެރިންނެވެ.

ބިގް ގޭމް މޯލްޑިވްސް އިން އިންތިޒާމުކުރާ ފުރަތަމަ އޮފީސް ލީގުގައި 29 ޓީމު ވަނީ ބައިވެރިވެފަ އެވެ. މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ފަހުމިނެޓެވެ.

މިރޭ ކުޅޭ މެޗުތައް

ގްރޫޕް ޑީ: ޕޮލިސް ކްލަބް – ކްލަބް މާލެ ސިޓީ (20:30)

ގްރޫޕް ސީ: ކަސްޓަމްސް ރެކްރިއޭޝަން – ކްލަބް ދާޚިލީ (20:30)

ގްރޫޕް ބީ: ދަރުމަވަންތަ – ދަ ހޯކްސް (22:00)

ގްރޫޕް އޭ: ޝީޝާ – ޓްރޭޑް ކްލަބް (22:00)

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!