މިހާރު ކުރިއަށްދާ އޮފީސް ލީގު 2025 ގައި، އެންމެ ފަހުގެ ކްލަބް މޯލްޑިވްސް ކްލަސިކް ޗެމްޕިއަންކަން ހޯދި ކުޅިވަރު ވުޒާރާއިން ރޭ ތަފާތު ބޮޑު މޮޅެއް ހޯދައިފި އެވެ.
ގްރޫޕް ސީގައި ހިމެނޭ ކުޅިވަރު ވުޒާރާ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ރޭ ދާޚިލީ ކްލަބާ ވާދަކޮށް މޮޅުވީ 10-0 އިންނެވެ.
މެޗުގައި ކުޅިވަރު ވުޒާރާގެ 10 ލަނޑުގެ ތެރެއިން ނާއިފް ޝަފީގް ވަނީ ހެޓްރިކް ހަދައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އެޓީމުގެ އަހުމަދު ސާޖިދު އަދި މުހައްމަދު ރިޝްފާން، ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. އެޓީމަށް ދެން ގޯލު ޖަހައިދިނީ މޫސާ ނަދީމުގެ އިތުރުން ކެޕްޓަން އާދިލް އަބްދުއްރަހްމާން އަދި އަހުމަދު އަލީ އެވެ.
މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޓްރޭޑް ކްލަބުން ވަނީ ފެށުން ރަނގަޅުކޮށްފަ އެވެ. ގްރޫޕް އޭގައި ހިމެނޭ ވިލާ ޓްރެވަލްސްއާ ވާދަކޮށް އެޓީމު މޮޅުވީ 3-5 އިންނެވެ.

ޕޯސްޓް ލިމިޓެޑާއި ހޯކްސް ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: އިމޭޖަސް.އެމްވީ
މެޗުގައި ޓްރޭޑް ކްލަބުގެ ހުސައިން ފައުޒާން ވަނީ ހަތަރު ގޯލު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އަނެއް ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު އާލިމެވެ. ވިލާ ޓްރެވަލްސްގެ އެއް ގޯލަކީ ޓްރޭޑް ކްލަބުގެ ފައުޒާން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަނެއް ދެ ގޯލު ޖެހީ އަލީ މާނިއު މުހައްމަދެވެ.
ގްރޫޕް ބީގައި ދަ ހޯކްސް އާއި މޯލްޑިވްސް ޕޯސްޓް ލިމިޓެޑް ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުގައި ހޯކްސްގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު އަނިލް އެވެ. ޕޯސްޓް ލިމިޓެޑްގެ ގޯލު ޖެހީ މުހައްމަދު ނާއިމް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ ނާއިމް އެވެ.

ޓްރޭޑް ކްލަބް މެޗުގެ ތެރެއިން. އެޓީމުން ވަނީ ފުރަތަމަ މޮޅު ހޯދާފަ. ފޮޓޯ: އިމޭޖަސް.އެމްވީ
ރޭގެ ފަހު މެޗުގައި ކްލަބް މާލެ ސިޓީ އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ވާދަކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މިއީ ގްރޫޕް ޑީގައި ހިމެނޭ ދެޓީމެވެ. މެޗުގައި މާލޭ ސިޓީގެ އެއް ގޯލަކީ ބީސީސީގެ އިޝްހާގް ރަޝީދު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މާލެ ސިޓީގެ އަނެއް ގޯލު ކާމިޔާބުކޮށްދިނީ އިބްރާހީމް ޝަހުދު އެވެ. ބީސީސީގެ ދެ ގޯލު ވެސް ކާމިޔާބުކޮށްދިނީ މުހައްމަދު އީމާން އަހުމަދު އެވެ. އީމާން ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދާފަ އެވެ.

ބީސީސީގެ އީމާން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. މިހާރު ކުރިއަށްދަނީ ގްރޫޕް ސްޓޭޖުގެ މެޗުތައް. ފޮޓޯ: އިމޭޖަސް.އެމްވީ
ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ އޮފީސް ލީގު 2025 ގެ މެޗުތައް ކުރިއަށްދަނީ ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގަ އެވެ.
މުބާރާތުގައި މިރޭ ކުޅޭނީ އެންމެ މެޗެކެވެ. އެ މެޗުގައި ވާދަކުރާނީ ގްރޫޕް އީގައި ހިމެނޭ މެޑްޓެކާއި ބީއެމްއެލް އެވެ. އެ މެޗު ފަށާނީ ރޭގަނޑު 9 ޖަހާއިރު އެވެ.