ފުރަތަމަ ސަފްޙާ / ޚަބަރު / އޮފީސް ލީގު: ސްޓެލްކޯ އާއި ސިލްވާ ސޭންޑްސް އަށް ކާމިޔާބު ފެށުމެއް

އޮފީސް ލީގު: ސްޓެލްކޯ އާއި ސިލްވާ ސޭންޑްސް އަށް ކާމިޔާބު ފެށުމެއް

އެޑްމިން
އެޑްމިން
10 މަސް ކުރިން 18 އެޕްރީލް 2025

މިހާރު ކުރިއަށްދާ އޮފީސް ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ސްޓެލްކޯ އާއި ސިލްވާ ސޭންޑްސް އިން ފެށުން ރަނގަޅުކޮށްފި އެވެ.

ބިގް ގޭމް މޯލްޑިވްސް އިން އިންތިޒާމުކުރާ މުބާރާތުގައި ރޭވެސް ހަތަރު މެޗު ކުޅުނެވެ. ގްރޫޕް އީގައި އެންޓްރަކާ ވާދަކޮށް މިފްކޯ މޮޅުވީ 2-3 އިންނެވެ. ގްރޫޕް އެފްގައި ހައްޖު ކްލަބާ ވާދަކޮށް ސިލްވާ ސޭންޑްސް މެޗު ކާމިޔާބުކުރީ 1-8 ބޮޑު ތަފާތަކުންނެވެ. ގްރޫޕް ޖީގައި ސްޓެލްކޯ މޮޅުވީ ކްލަބް ވެލިގާއާ ވާދަކޮށް 0-7 އިންނެވެ. ފަހު މެޗުގައި އިސްލާމިކް ބޭންކް ވަނީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް (އެމްސީއެލްޕީ) އަތުން 1-2 އިން ބަލިވެފަ އެވެ.

އެންޓްރަކް އަތުން މޮޅުވި މެޗުގައި މިފްކޯގެ ގޯލުތައް ކާމިޔާބުކޮށްދިނީ އަބްދުﷲ އަޝްރަފާއި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އިބްރާހީމް މިޒްޔާނެވެ. މެޗުގައި މިޒްޔާން ދެ ގޯލު ޖެހި އެވެ. އެންޓްރަކްގެ ދެ ގޯލު ޖެހީ އިއުފާފް މުހައްމަދާއި ހުސައިން ޝުޖާއު ހަސަނެވެ.

ރޭ މިފްކޯ މޮޅުވި މެޗުގެ ތެރެއިން. ފޮޓޯ: އޮފީސް ލީގު

ސިލްވާ ސޭންޑްސް އިން ހޯދި ބޮޑު މޮޅުގައި އަލީ މޫމިން ހެޓްރިކް ހެދި އެވެ. އަދި، އަހުމަދު ޝަފަގް ދެ ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އެވެ. އެޓީމަށް ދެން ގޯލުތައް ކާމިޔާބުކޮށްދިނީ އަހުމަދު އަބްދުއްރައްޒާގާއި މުހައްމަދު ލަޔާން ފަޒާލް އަދި އާދަމް ރަޝީދެވެ.

ސްޓެލްކޯ އިން ވެލިގާ ބަލިކުރި މެޗުގައި ޒައިދާން އަބްދުﷲ ހެޓްރިކް ހެދި އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދި ޒައިދާނަކީ ފުޓްސަލްގައި ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިއެކެވެ. ޒައިދާން ނިސްބަތްވަނީ ފުޓްސަލްގައި މަޝްހޫރު ލ. ގަމަށެވެ. ޒައިދާންގެ އިތުރުން ވެސް ސްޓެލްކޯ ޓީމުގައި ފުޓްސަލްގެ މަޝްހޫރު ކުޅުންތެރިން ހިމެނެ އެވެ.

ސިޓީސް މިނިސްޓްރީގެ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. އެޓީމުން ވެސް ފެށުން ރަނގަޅު ކުރި. ފޮޓޯ: އޮފީސް ލީގު

ބާކީގޯލުތައް ސްޓެލްކޯ އަށް ކާމިޔާބުކޮށްދިނީ އިސްމާއީލް ނަސީމާއި އަހުމަދު ޝާނިއު އަބްދުލްގަނީ އަދި ކެޕްޓަން އަހުމަދު ނައުފަލްގެ އިތުރުން ދެ ގޯލު ޖެހި އަބްދުﷲ ތަހުސީނެވެ.

ރޭ އިސްލާމިކް ބޭންކް އަތުން ސިޓީސް މިނިސްޓްރީ މޮޅުވި މެޗުގައި ސިޓީސް މިނިސްޓްރީގެ ގޯލުތައް ކާމިޔާބުކޮށްދިނީ މުހައްމަދު އައިމަން ޝަކީބް އަދި އަލީ ރިޒާ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސިޓީސް މިނިސްޓްރީގެ އަލީ ރިޒާ އެވެ.

ހައްޖު ކްލަބާއި ސިލްވާ ސޭންޑްސް ވާދަކުރި މެޗުގެ ތެރެއިން. ސިލްވާ ސޭންޑްސް އިން ހޯދީ ބޮޑު މޮޅެއް. ފޮޓޯ: އޮފީސް ލީގު

މުބާރާތުގައި މިހާރު ކުރިއަށްދަނީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުތަކެވެ. ފުރަތަމަ ފަހަރަށް ބާއްވާ އޮފީސް ލީގުގައި 29 ޓީމު ވާދަކުރާއިރު މެޗުތައް ކުޅެނީ ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގަ އެވެ. މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ފަހުމިނެޓެވެ.

މިރޭ ކުޅޭ މެޗުތައް

ގްރޫޕް އޭ: ޓްރޭޑް ކްލަބް – ވިލާ ޓްރެވަލްސް (20:30)

ގްރޫޕް ބީ: ދަ ހޯކްސް – މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (20:30)

ގްރޫޕް ސީ: ކްލަބް ދާޚިލީ  – ކުޅިވަރު ވުޒާރާ  (22:00)

ގްރޫޕް ޑީ: ކްލަބް މާލެ ސިޓީ  – ބީސީސީ  (22:00)

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!