ރޭ ފެށި އޮފީސް ލީގު 2025 ގެ ފުރަތަމަ މޮޅުތައް ޝީޝާ އާއި ދަރުމަވަންތައިން ހޯދައިފި އެވެ.
ބިގް ގޭމް މޯލްޑިވްސް އިން އިންތިޒާމުކުރާ މުބާރާތުގައި 29 ޓީމު ވާދަކުރެ އެވެ. ރޭ ވަނީ މުބާރާތުގެ ހަތަރު މެޗު ކުޅެފަ އެވެ.
ފުރަތަމަ މެޗުގައި ގްރޫޕް އޭގެ ޝީޝާ އިން ވަނީ ރޯޒްވެއާއާ ވާދަކޮށް 8-4 އިން މޮޅުވެފަ އެވެ. މެޗުގައި ޝީޝާގެ ކެޕްޓަން ޔާމިން އަލީ އާއި އަހުމަދު މަޖުދާން ހުސްނީ، ކޮންމެ ކުޅުންތެރިއަކު ހެޓްރިކެއް ހެދި އެވެ. އެޓީމުގެ އަނެއް ދެ ގޯލު ޖެހީ މުހައްމަދު ޝާހީން ނަސީރު އާއި ސާމިރަން ރާއީ އެވެ.
ރޯޒްވެއާގެ ހަތަރު ގޯލުގެ ތެރެއިން ޖަޒްލާން ޖައުފަރު ދެ ގޯލު ޖެހި އެވެ. އެޓީމުގެ އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ ނަހީދު މުހައްމަދު ރިޒާ އާއި އަހުމަދު ފަޒީލެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހެޓްރިކް ހަދައި މޮޅު ކުޅުމެއް ދެއްކި ޝީޝާގެ ޔާމިން އެވެ.

ދަރުމަވަންތަ ހޯދި މޮޅުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މުނާޒް. ފޮޓޯ: އޮފީސް ލީގު
ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ދަރުމަވަންތަ ވަނީ ވަނީ 1-4 އިން ސްމާޓްޓައުން އެފްސީ ބަލިކޮށްފަ އެވެ. މެޗުގައި ދަރުމަވަންތައިގެ ގޯލުތައް ކާމިޔާބުކޮށްދިނީ ޑރ. އަލީ މަފާޒްގެ އިތުރުން މުހައްމަދު ޝަފީއު އަދި އަހުމަދު އަބްދުއްސައްތާރު އާއި އަހުމަދު މުނާޒެވެ. މުނާޒް ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ. ސްމާޓްޓައުންގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު ނާއިފް އެވެ.

ޕޮލިސް ކްލަބާއި ހުޅުމާލެ ހޮސްޕިޓަލް ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ: އޮފީސް ލީގު
ގްރޫޕް ސީގައި ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި ކްލަބް އާސަންދަ ވާދަކުރި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. މެޗުގައި އާސަންދައިގެ އަލީ ހަމްދާން ވަނީ ދެ ގޯލު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އަނެއް ދެ ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އަލީ އާއި ހަސަން ޒަހުވާން ޒާހިރު އެވެ.
ގްރޫޕް ޑީގައި ރޭ ޕޮލިސް ކްލަބާއި އެޗްއެޗް އާރުސީ ވާދަކުރި މެޗު ނިމުނީ 2-2 އިންނެވެ. މެޗުގައި ޕޮލިސްގެ ގޯލުތައް ކާމިޔާބުކޮށްދިނީ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަކްމަލް މުހައްމަދާއި އަޖުލާން އަބްދުލް ހަންނާނު އެވެ. ހުޅުމާލެ ހޮސްޕިޓަލަށް ގޯލުތައް ކާމިޔާބުކޮށްދިނީ ހަސަން ސޮލާހު އާއި އަބްދުﷲ ނާސިފް އެވެ.

ކަސްޓަމްސް އާއި އާސަންދަ ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: އޮފީސް ލީގު
އޮފީސް ލީގުގެ މެޗުތައް ކުރިއަށްދަނީ ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގަ އެވެ. މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ފަހުމިނެޓެވެ.
މިރޭ ކުޅޭ މެޗުތައް
ގްރޫޕް އީ: އެންޓްރަކް – މިފްކޯ (20:30)
ގްރޫޕް އެފް: ހައްޖު ކްލަބް – ސިލްވާ ސޭންޑްސް (20:30)
ގްރޫޕް ޖީ: ކްލަބް ވެލިގާ – ސްޓެލްކޯ ރެކްރިއޭޝަން ކްލަބް (22:00)
ގްރޫޕް އެޗް: އެމްއައިބީ – އެމްސީއެލްޕީ (22:00)