އޮފީސްތަކާއި ކުންފުނިތަކަށް ހާއްސަކޮށްގެން ބިގް ގޭމް މޯލްޑިވްސް އިން އިންތިޒާމުކުރާ “އޮފީސް ލީގު 2025” މިރޭ ފަށާނެ އެވެ.
ރާއްޖޭގެ ފުޓްސަލް ހިންގުމުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ބިގް ގޭމް މޯލްޑިވްސް އިން ހުޅުވާލި ފުރުސަތުގައި ގިނަ ޓީމުތަކެއް ވަނީ ބައިވެރިވެފަ އެވެ. ގިނަ ޓީމުތަކަކުން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް ފުރަތަމަ އޮފީސް ލީގު ކުރިއަށްގެންދާނީ 29 ޓީމާ އެކު އެވެ.
މުބާރާތް ކުރިއަށްދާނީ އަށް ގްރޫޕަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފަސް ގްރޫޕުގައި ހަތަރު ޓީމު ހިމެނެ އެވެ. ބާކީ ތިން ގްރޫޕުގައި ހިމެނެނީ ތިން ޓީމެވެ.
ގްރޫޕް އޭ، ބީ، ސީ، ޑީ، އަދި އީ، ގްރޫޕުން އެންމެ ކުރި ހޯދާ ދެ ޓީމަށް ގަދަ 16 ގެ ސީދާ ޖާގަތައް ލިބޭނެ އެވެ. އެ 10 ޓީމާ އެކު ގަދަ 16 ގެ ސީދާ ޖާގަތައް ލިބޭނީ ގްރޫޕް އެފް، ޖީ، އަދި އެޗް ގްރޫޕުން އެއްވަނަ ހޯދާ ތިން ޓީމަށެވެ.
ގަދަ 16 ގެ ފަހު ތިން ޖާގަ ކަށަވަރުކުރާނީ ޕްލޭއޮފް މެޗުތަކެއް ކުޅުމަށްފަހު އެވެ. ޕްލޭއޮފްގައި ކުޅޭނީ ތިން ޓީމު ހިމެނޭ ގްރޫޕް އެފް، ޖީ އަދި އެޗް ގެ ޓީމުތަކެވެ. އެގޮތުން ޕްލޭއޮފް ތިން މެޗުގައި ވާދަކުރާނީ އެއިން ކޮންމެ ގްރޫޕަކުން އެންމެ ފުލަށްދާ ދެ ޓީމެވެ. ޕްލޭއޮފް ތިން މެޗުން މޮޅުވާ ތިން ޓީމަށް ގަދަ 16 ގެ ފަހު ޖާގަތައް ލިބޭނެ އެވެ. ޕްލޭއޮފް މެޗުތައް ކުޅޭނީ އޭޕްރީލް 25 ވަނަ ދުވަހު އެވެ.
މުބާރާތުގެ ގަދަ 16 ގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 28 ވަނަ ދުވަހު އެވެ. އޭގެފަހުން ކުއާޓާ ފައިނަލް މެޗުތައް އޮންނާނީ މެއި 2 ވަނަ ދުވަހު އެވެ. ސެމީ ފައިނަލް ކުޅޭނީ މެއި 5 ވަނަ ދުވަހު ކުޅޭއިރު ފައިނަލް މެޗު އޮންނާނީ މެއި 9 ވަނަ ދުވަހު އެވެ.
މުބާރާތުގެ ފޯރި ގަދަކުރުމަށް ކަނޑައެޅި އެންމެ މުހިއްމު ގަވައިދަކީ އެންމެ ފަހުގެ ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ 16 ގައި ކުޅެފައި ހުރި އެއްވެސް ކުޅުންތެރިއަކަށް އޮފީސް ލީގުގައި ނުކުޅެވުމެވެ. އެގޮތުން މިދިޔަ އަހަރު ނިމުނު ކްލަބް މޯލްޑިވްސްގެ ގަދަ 16 ގައި ކުޅެފައިވާ އެއްވެސް ކުޅުންތެރިއަކަށް (އެއީ އެ އޮފީހުގެ މުވައްޒަފަކަށް ވީނަމަވެސް) އޮފީސް ލީގުގައި ނުކުޅެވޭނެއެވެ. ކްލަބް މޯލްޑިވްސް ކްލަސިކްގައި ކުޅެފައިވާ ކުޅުންތެރިން އޭގެތެރޭގައި ނުހިމެނޭނެ އެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 100،000 ރުފިޔާ ކަނޑައަޅައިފައެވެ. އޮފީސް ލީގު 2025 ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ފަހުމިނެޓެވެ. މި ނޫހުން މުބާރާތުގެ މުހިއްމު މައުލޫމާތުތައް ކިޔުންތެރިންނަށް ގެނެސްދޭނެއެވެ.
މިރޭ ކުޅޭ މެޗުތައް:
ގްރޫޕް އޭ: ޝީޝާ – ރޯޒްވެއާ (20:30)
ގްރޫޕް ބީ: ދަރުމަވަންތަ – ސްމާޓްޓައުން އެފްސީ (20:30)
ގްރޫޕް ސީ: ކަސްޓަމްސް އާރުސީ – ކްލަބް އާސަންދަ (22:00)
ގްރޫޕް ޑީ: ޕޮލިސް ކްލަބް – އެޗްއެޗް އާރުސީ (22:00)