މެންޗެސްޓާ ޔުނައިޓެޑްގެ ގޯލްކީޕަރު އަންދްރޭ އޮނާނާ އަކީ މިހާތަނަށް ޔުނައިޓެޑަށް ކުޅުނު އެންމެ ފީކަޅާ ކީޕަރު ކަމަށް ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު މިޑްފީލްޑަރު ނިމެންޔާ މަޓިޗް ބުނެފި އެވެ.
ޔޫއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގްގައި ޔުނައިޓެޑް މިރޭ ނުކުންނާނީ މަޓިޗް މިހާރު ކުޅެމުން އަންނަ ފްރާންސްގެ ލިޔޯނާ ދެކޮޅަށެވެ. ދެކުޅުންތެރިންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރީ މެޗަށް ތައްޔާރުވުމުގެ ގޮތުން ދެކެވުނު ވާހަކަތަކުގަ އެވެ.
އެންމެ ފުރަތަމަ ލިޔޯނާ ގުޅޭގޮތުން ވާހަކަދެއްކީ އޮނާނާ އެވެ. އޮނާނާ ބުނީ ޔުނައިޓެޑަކީ ލިޔޯނަށް ވުރެ މާ މޮޅު ޓީމެއް ކަމަށެވެ. އޮނާނާގެ ވާހަކަތަކަށް މަޓިޗް ރައްދު ދިނީ ބުދަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
“އަހަރެން އެންމެނަށް ވެސް އިހުތިރާމް ކުރަން. އެކަމަކު އޮނާނާ އެހެން ބުނީމަ އަހަރެން ބޭނުން ޖަވާބެއް ދޭން. ޔުނައިޓެޑްގެ ތާރީހުގައި އެންމެ ދަށް ކީޕަރު އެހެން ބުނާއިރު ވިސްނާލަން ޖެހޭނެ ދެކެވޭ ވާހަކައާ މެދު. އެޑްވިން ވެން ޑަ ސާ، ޕީޓަ ޝްމައިކަލް އަދި ޑެވިޑް ޑެހެއާ އެހެން ބުނި ނަމަ އަހަރެންގެ ނަފްސާ ސުވާލުކުރާނަން” އޮނާނާ އަކީ ޔުނައިޓެޑްގެ ތާރީހު ދުށް އެންމެ ދަށް ކީޕަރުކަން ފާހަގަކުރަމުން މަޓިޗް ބުންޏެވެ.
މަޓިޗްގެ ވާހަކަތަކަށް އޮނާނާ ސޯޝަލް މީޑިއާގައި ރައްދު ދިނެވެ.
“އެހެން ކްލަބަކަށް އަހަރެން އިހުތިރާމް ކުޑައެއް ނުކުރާނަން. އަހަރެންނަށް އިނގޭ ލިޔޯން މެޗު އުނދަގޫވާނެކަން. އަހަރެމެން މި ތައްޔާރުވަނީ ސަޕޯޓަރުން ފަހުރުވެރިވާނެ ކުޅުމެއް ދެއްކޭތޯ. ދުނިޔޭގެ އެންމެ ބޮޑު ކްލަބުގަ އަހަރެން ތަށިތައް އުފުލާލައިފިން. ބައެއް މީހުންނަށް މިހެން ނުބުނެވޭނެ” ޔުނައިޓެޑްގައި މަޓިޗަށް ތައްޓެއް ނުލިބޭކަން ހަނދާންކޮށްދެމުން ރައްދުގައި އޮނާނާ ބުންނެވެ.
މަޓިޗް ޔުނައިޓެޑަށް ކުޅުނީ 2017 އިން 2022 އާ ދެމެދު އެވެ. އޮނާނާ ޔުނައިޓެޑާ ގުޅުނީ އޭގެ އަހަރެއް ފަހުންނެވެ. ޔުނައިޓެޑް ދޫކޮށް މަޓިޗް ވަނީ ފްރާންސްގެ ރެންސް އާއި އިޓަލީގެ ރޯމާ އަށް ކުޅެފަ އެވެ. ލިޔޯނަށް ބަދަލުވީ މިދިޔަ އަހަރު އެވެ.
ޔުނައިޓެޑްގައި ތައްޓެއް ނުހޯދުނަސް މަޓިޗް ވަނީ ޗެލްސީގައި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދައި އިނގިރޭސި އެފްއޭ ކަޕާއި އިނގިރޭސި ލީގު ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.
އޮނާނާ 2023 ވަނަ އަހަރު ޔުނައިޓެޑަށް ބަދަލުވުމަށް ފަހު ދައްކަމުން އަންނަ ކުޅުމަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އޮނާނާ ގޯލުގަ ހުރެގެން ވަރަށް އާދައިގެ ލަނޑުތައް ޔުނައިޓެޑް ކޮޅަށް ވަނީ ވަދެފަ އެވެ.
ޔޫރޮޕާ ލީގު ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގްގައި ލިޔޯންގެ ދަނޑުގައި ޔުނައިޓެޑާ ވާދަކުރާ މެޗު ފަށާނީ މިރޭ 12 ޖަހާއިރު އެވެ.