ފުރަތަމަ ސަފްޙާ / ޚަބަރު / ބާސެލޯނާ އިން ފެންވަރު ދައްކާލިއިރު ރަފީނިއާ އެއްވަރުކުރީ މެސީގެ ރެކޯޑާ

ބާސެލޯނާ އިން ފެންވަރު ދައްކާލިއިރު ރަފީނިއާ އެއްވަރުކުރީ މެސީގެ ރެކޯޑާ

އެޑްމިން
އެޑްމިން
10 މަސް ކުރިން 10 އެޕްރީލް 2025

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގްގެ މެޗުގައި ބާސެލޯނާއިން 0-4 އިން ބޮރޫޝިއާ ޑޯޓްމަންޓް ބަލިކޮށްފި އެވެ.

ފުރަތަމަ ލެގްގައި ހޯދި ބޮޑު މޮޅާ އެކު ދެ ވަނަ ލެގަށް ދާއިރު ފުލް ކޮންޓްރޯލް ވަނީ ބާސެލޯނާ އަށް ލިބިފަ އެވެ.

މެޗުގައި ބާސެލޯނާގެ ހަތަރު ގޯލުގެ ތެރެއިން ބްރެޒިލްގެ ތަރި ރަފީނިއާ ވަނީ އެއް ގޯލު ޖަހައި އިތުރު ދެ ގޯލު ޖަހަން މަގުފަހިކޮށްދީފަ އެވެ. ރަފީނިއާ ވަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި މިހާތަނަށް 19 ގޯލުގައި ބައިވެރިވެފަ އެވެ. އެއީ 12 ގޯލާ އެކު ހަތް އެސިސްޓެވެ.

ބާސެލޯނާގެ ޗެމްޕިއަންސް ލީގުގެ ތާރީހުގައި، އެ ސީޒަނެއްގައި މީގެކުރިން އެވަރުގެ ބައިވެރިވުމެއް އޮތީ ލިއޮނެލް މެސީ އަތުގަ އެވެ. މެސީ ވަނީ 12-2011 ވަނަ ސީޒަނުގައި 19 ގޯލު ޖެހުމުގައި ބައިވެރިވެފަ އެވެ. ރަފީނިއާ މިހާރުވެސް މެސީއާ އެއްވަރުކޮށްފައިވާއިރު މި ސީޒަނުގައި މެސީގެ ރެކޯޑް މުގުރާލެނެކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

ރަފީނިއާގެ އިތުރުން ބާސެލޯނާގެ ރޮބާޓް ލެވަންޑޯސްކީ ރޭ ވަނީ ދެ ގޯލު ޖަހައިފަ އެވެ. އަނެއް ގޯލު ޖެހީ ލަމީން ޔަމާލް އެވެ. މެޗުގައި ރަފީނިއާ އެހީވީ ލެވަންޑޯސްކީ ޖެހި ގޯލަކާއި ޔަމާލްގެ ގޯލަށެވެ.

ދެވަނަ ލެގްގައި ޑޯޓްމަންޓުގެ ދަނޑުގައި ބާސެލޯނާ ކުޅޭ މެޗު އޮންނާނީ އަންނަ ހަފްތާގަ އެވެ.

ކުއާޓާ ފައިނަލުގެ އަނެއް މެޗުގައި ޕީއެސްޖީ ވަނީ އަމިއްލަ ދަނޑުގައި 1-3 އިން އެސްޓަން ވިލާ ބަލިކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގައި ޖެހީ އެސްޓަން ވިލާގެ މޯގަން ރޮޖާސް އެވެ. ޕީއެސްޖީން މޮޅުވީ ފަހަތުން އަރަ އެވެ. އެޓީމުގެ ފުރަތަމަ ގޯލު ޖެހީ ފްރާންސްގެ އުމުރުން 19 އަހަރުގެ ޒުވާން ތަރި ޑެސަޔާ ޑެއޯ އެވެ. ދެވަނަ ގޯލު ދެވަނަ ހާފު ފެށިގެން ކުރީކޮޅު ޖެހީ ޗިވާ ކްރަވަޝްކީލިއާ އެވެ. ފަހު ގޯލު މެޗުގެ އިތުރު ވަގުތުގައި ޖެހީ ނޫނޯ މެންޑޭސް އެވެ.

މި ސީޒަނުގައި ޕީއެސްޖީ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ލިއޮނެލް މެސީ އާއި ނޭމާ އަދި ކިލިއަން އެމްބާޕޭ ފޮނުވާލުމަށް ފަހު ކުޅޭ ފުރަތަމަ ސީޒަނުގައި އެޓީމުގެ ޒުވާން ތަރިން ވެސް އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.

ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ރަނގަޅު ޓީމެއް އެކުލަވާލާފައިވާއިރު، އޭނާ ވަނީ 2015 ވަނަ އަހަރު ބާސެލޯނާ އަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފަ އެވެ.

ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގެ ދެވަނަ ލެގްގެ މެޗުތައް ކުޅޭނީ އަންނަ ހަފްތާ އަންގަރާ އަދި ބުދަ ދުވަހު އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!