ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި މިރޭ އާސެނަލްއާ ދެކޮޅަށް ނުކުންނައިރު އެ ޓީމުގެ ފަރާތުން އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވާނީ ސެޓް ޕީސް ތަކުގައިކަން ރެއާލް މެޑްރިޑަށް އެނގޭކަމަށް އެޓީމުގެ ގޯލްކީޕަރު ތިބައު ކޯޓުއާ ބުނެފި އެވެ.
މިރޭގެ މެޗަށް ސްޕެނިޝް ލީގުގެ ދެވަނައިގައި މިވަގުތު އޮތް ރެއާލް މެޑްރިޑް ނުކުންނައިރު ލީގުގައި އެންމެ ފަހުން އެ ޓީމު ކުޅުނު މެޗުގައި ވެލެންސިއާ އަތުން އަމިއްލަ ދަނޑުގައި 2-1 އިން ވަނީ ބަލިވެފަ އެވެ. އެ މެޗުގައި ވެލެންސިއާއިން ރެއާލްގެ ގޯލަށް ވައްދާލި ދެ ބޯޅައިގެ ތެރެއިން އެއް ބޯޅަ ވައްދާލައިފައިވަނީ އެ ޓީމަށް ލިބުނީ ކޯނަރަކުންނެވެ. މިއީ މި ސީޒަނުގައި ކޯނަރަކުން ރެއާލް މެޑްރިޑް ކޮޅަށް ގޯލު ވަން ދިހަވަނަ ފަހަރެވެ.
ރެއާލްގެ ޕެނަލްޓީ އޭރިޔާއާ ކައިރިން އިދިކޮޅު ޓީމަށް ލިބޭ ސެޓް ޕީސްތަކުގައި ފޮނުވާލާ ބޯޅަ ދިފާއުކުރުމުގައި ރެއާލަށް މި ސީޒަނުގައި ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިވެފައި އޮތްއިރު، އާސެނަލުން މި ސީޒަނުގައި އަންނަނީ އެ ޓީމަށް ލިބޭ ސެޓް ޕީސްތަކުގައި އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާކޮށް ގިނަ ގޯލްތަކެއް ޖަހަމުންނެވެ. ކަން އެހެން އޮތަސް ރެއާލްއަށް ކުޅެމުން އަންނަ ތަޖުރިބާކާރު ގޯލްކީޕަރު ބުނެފައިވަނީ އާސެނަލްގެ ފަރާތުން ސެޓް ޕީސްތަކުގައި ކުރިމަތިވެދާނެ ނުރައްކަލާ ކުރިމަތިލެވޭނެ ކަމުގެ އިތުބާރު ރެއާލަށް އެބައޮތް ކަމަށެވެ.
“އަހަރެމެންގެ ފަރިތަކުރުންތަކުގައި އެކަމަށް މިއަންނަނީ ތައްޔާރުވަމުން. އެމީހުންނާ ދެކޮޅަށް އަހަރެމެންގެ ދިފާއު އަތުރާލާނެ ގޮތް އަހަރެމެންނަށް އެނގޭ” މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ކޯޓުއާ ބުނެފައި ވެއެވެ.
“އެންމެ ފުރަތަމަ ބަލަންވީ އާސެނަލަށް މާ ގިނަ ކޯނަރު ނުދީ ވޭތޯ. އެއީ ރަގަޅަށް ވިސްނައިގެން ކުޅެފިއްޔާ ކުރެވޭނެ ކަމެއް. އެކަމަކު އިދިކޮޅުން ކުޅޭ ޓީމުގެ ފެންވަރު ރަގަޅިއްޔާ އެކަމުގައި އުނދަގޫތަކެއް ކުރިމަތިވާނެ. ސެޓް ޕީސްތަކުގައި ވަރަށް ބަރާބަރަށް ފޮނުވާލާ ބޯޅަތައް ދިފާއުކުރަން ކޮންމެ ގޮތެއް ވިޔަސް އުނދަގޫވާނެ. އެކަމަކު އެކަން ކުރަން އަހަރެމެން މިތިބީ ތައްޔާރުވެގެން. އަހަރެމެން ގަބޫލުކުރަނީ އެކަމަށްޓަކައި ފަރިތަކުރުންތަކުގައި އަހަރެމެން ކުރި މަސައްކަތުގެ ފައިދާ މިރޭގެ މެޗުގައި ފެންނާނެ ކަމަށް.” ކޯޓުއާ ބުނެފައި ވެއެވެ.
ކޯޓުއާ އިތުރަށް ބުނެފައިވަނީ އާސެނަލަށް ފުރިހަމައަށް އިހްތިރާމްކުރާ ކަމަށާއި، އިނގިރޭސި ޕްރިމިއާ ލީގުގައި އެ ޓީމުން އަންނަނީ މޮޅު ކުޅުމެއް ދައްކަމުން ކަމަށެވެ.
“އަހަރެންގެ ރަހުމަތްތެރިންގެ ތެރޭގަ ވަރަށް ގިނަ ވާނެ އާސެނަލްގެ ސަޕޯޓަރުން. އާސެނަލަކީ ވަރަށް ޒުވާން ޓީމެއް. ޑިފެންސްވެސް ވަރަށް ވަރުގަދަ. ކައުންޓާގަ ވެސް އެހާ ނުރައްކާ” ކޯޓުއާ ބުނެފައި ވެއެވެ.
އާސެނަލްގެ ދަނޑުގައި މިރޭ ކުޅޭ މެޗް ފަށާނީ ރާއްޖޭގެ ގަޑިން 12 ޖަހާއިރު އެވެ.