އޭދަފުށި ފުޓްސަލް ކަޕްގެ ތަށި ފުރަތަމަ ފަހަރަށް ސީސީ ސްޕޯޓްސް ކްލަބުން އުފުލާލިއިރު އެންމެ ބޮޑު އުފަލެއް އިހުސާސްކުރެވޭނެ އެއް ކުޅުންތެރިޔަކީ އެޓީމުގެ އަލީ ހާފިޒް (ހާއްޕެ) އެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައި އަފްރޯ ސްޕޯޓްސްއާ ވާދަކޮށް ބަލިވެފައި އޮތުމާއި އަދި އެހެން ބައެއްގެ އަތުގައި ޖެހުނަނުދީ ތިން ވަނަ ފަހަރަށް އަފްރޯއިން ތަށި ހޯދަން ކުރާ މަސައްކަތް ހުއްޓުވަންޖެހިފައި އޮތުމާއެކު، ސީސީއިން މިފަހަރު ނުކުތީ ވަރުގަދަ ސްކޮޑަކާއެކު އެވެ. ރ. އިނގުރައިދޫ އަށް އުފަން ހާއްޕެ އަކީ މިފަހަރުގެ މުބާރާތުގެ ތަށި ހޯދަން ސީސީން އެކުލަވާލި ސްކޮޑްގައި ހިމެނުނު އެންމެ މުހިންމު ކުޅުންތެރިޔާ އެވެ.
ހާއްޕެގެ އިތުރުން މުބާރާތަށް ސީސީ ސޕޯޓްސް އިން ހުށަހެޅި ޓީމު ލިސްޓްގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ އިތުބާރު ޑިފެންޑަރު ހައިޝަމް ހަސަން (ބިޑި) ގެ އިތުރުން މިދިޔަ އަހަރު ފަހުކޮޅު މާލޭގައި ބޭއްވި ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް އޭދަފުށްޓަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި އަހުމަދު އައިހަމް (އައިހު) ގެ ނަން އޮތީ ހިމަނައިފަ އެވެ. އެކަމަކު މުބާރާތް ފެށުނުއިރު ވެސް މާޒިޔާ ސްޕޯޓްސް އަށް ކުޅެމުން އަންނަ ބިޑި އާއި، އޮޑި ސްޕޯޓްސް ކްލަބާއެކު ކޮންޓްރެކްޓް ހަދާފައިވާ އައިހު އަށް މުބާރާތުގައި ކުޅުމުގެ ހުއްދަ އެ ކްލަބްތަކުން ދީފައެއް ނުވެ އެވެ. އެއާއެކު ސީސީ އަށް ތަށި ހޯދައިދިނުމަށް ހާއްޕެއަށް ނަގަން ޖެހުނު ޒިންމާ މާބޮޑަށް ވެސް އިތުރުވި އެވެ.

ފައިނަލް މެޗުގެ ގޯލަކަށް ފަހު ހާއްޕެ އުފާފާޅުކުރަނީ. ސީސީން ތަށި ހޯދުމުގައި މުހިއްމު ދައުރެއް އަދާކުރި. ފޮޓޯ: ކްލިކް ގްރަފީ
“އަހަރެން ގެންދިޔައިރުވެސް ޓާގެޓަކަށް ދީފަ އިނީ ތަށި ހޯދައިދިނުން. އަހަރެން ބުނިން ވަރަށް މަސައްކަތްކޮށްދޭނަމަ. އިރާދަކުރެއްވިއްޔާ ތަށި ނަގައިދޭނަމޭ” އަފްރޯއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗުގެ ފަހުން “ފަހުމިނެޓް”އަށް ދިން އިންޓަވިއުއެއްގައި ހާއްޕެ ބުންޏެވެ.
ސީސީ އަށް ހާއްޕެ ދިން ޔަގީންކަމުގެ އަސަރު މުބާރާތް ފެށުނީއްސުރެ ނިމެންދެން އެ ޓީމުން ފެނުނެވެ. ހާއްޕެގެ ފަރާތުން ރެކޯޑް އަދަދަކަށް ގޯލްތައް ނުފެނުނަސް ކޮންމެ މެޗެއްގައި ސީސީން ކާމިޔާބުކުރި ގޯލްތަކުގައި ހާއްޕެގެ ހިއްސާ ބޮޑެވެ. ވަކިން ހާއްސަގޮތެއްގައި ސީސީ ޓީމުން މިފަހަރުގެ މުބާރާތުގައި އެންމެ ބޮޑަށް ވިދާލި އިމްތިޝާލް ޢަބްދުއްރަހީމް (ޕަބް) އާއި ޢަލީ ނަސީމް (ދިއްލި)ގެ މަސައްކަތް އެހާ ފުރިހަމަކޮށް ފެނުމުގައި ހާއްޕެ ވެދިން އެހީތެރިކަން ވަރަށް ބޮޑު ރޯލެއް އަދާކުރި އެވެ.
މުބާރާތުގައި ސީސީއަށް ކުރިމަތިވި އެންމެ ބޮޑު ޗެލެންޖަކަށް ޔަގީނުންވެސް ވާނީ އަފްރޯ ސްޕޯޓްސް ކްލަބެވެ. ފައިނަލްގައި ކިތަންމެ ރަގަޅަކަށް ވެސް އެކަން ފެނުނެވެ. 3-4 އިން މިދިޔަ ދެ އަހަރުގެ ޗެމްޕިއަން އަފްރޯގެ މައްޗަށް ސީސީން ކުރި ހޯދި މި މެޗުގައި ހާއްޕެގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިފަ އެވެ. މެޗުގައި ސީސީން ޖެހި ހަތަރު ގޯލްގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްފައިވަނީ ހާއްޕެ ތަނަވަސްކޮށްދިން ފުރުސަތުތަކެއް ބޭނުން ހިފައިގެންނެވެ. ސީސީގެ ހަމަލާތަކުގައި ހާއްޕެ އިސް ރޯލެއް އަދާކުރިއިރު އަފްރޯއިން އުފެއްދި ނުރައްކާތެރި ގިނަ ހަމަލާތަކެއް ހުއްޓުވުމުގައި ވެސް ހާއްޕެ ވަނީ އާދަޔާހިލަފު ހިތްވަރެއް ދައްކައިފަ އެވެ.

ހާއްޕެ ބޯޅަ ހިފައިގެން ދާއިރު އަފްރޯގެ ސައްޓު އާއި ފާއްޓެ ސަމާލުވެގެން. ހާއްޕެ ބުނީ އަފްރޯ ކަހަލަ މޮޅު ކުޅުންތެރިން ތިބި ޓީމަކާ ވާދަކޮށް ތަށި ލިބުމަކީ ހާއްސަ އުފަލެއް ކަމަށް. ފޮޓޯ: ކްލިކް ގްރަފީ
ފުޓްސަލް ތަށްޓަކީ ހާއްޕެއާ އެންމެ ރައްޓެހި އެކަށްޗެވެ. މި ކުޅުންތެރިޔާއާ އެއްވަރަށް ފުޓްސަލް މުބާރާތްތަކުގެ ތަށި އުފުލާލި ކުޅުންތެރިޔަކު ރާއްޖޭގައި މަދުވާނެ އެވެ. އެއާއެކު ވެސް ސީސީ އަށް މި ހޯދައިދިން ތަށި ހާއްޕެއަށް ހާއްސަ އެވެ. އެއީ ސަބަބެއް ވެސް އޮވެގެންނެވެ.
“އަސްލު ވަރަށް މޮޅު ކުޅުންތެރިން ތިބި ވަރުގަދަ ޓީމެއް އަފްރޯ އަކީ. އަނެއް ކޮޅުން ޖެހިޖެހިގެން ތިންފަހަރު ހޯދަން މަސައްކަތްކުރި ތަށްޓެއް މި އަތުލައިގަނެވުނީ. އެއީ ސީސީން ވަރަށް ބޭނުންވި ކަމެއް. އެކަންތައް އެމީހުންނަށް ކޮށްދެވުނީމަ މިހުރީ ވަރަށް އުފަލުން.” އޭދަފުށި ފުޓްސަލް ކަޕްގެ މިފަހަރުގެ ތަށި ހާއްޕެ އަށް ހާއްސަވި ސަބަބު އޮޅުންފިލުވައިދެމުން ހާއްޕެ ބުނެފައިވެ އެވެ.