ފ. މަގޫދޫ ޒުވާނުންގެ ކްލަބުން އިންތިޒާމުކޮށްގެން މަގޫދޫ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދިޔަ އެލް4 ކަޕް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން، ފައިނަލުގައި ފައުޒް ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް ފެލޭލާ ސްޕޯޓްސް ކްލަބް ހޯދައިފި އެވެ.
ފެލޭލާ އާއި ފައުޒް ސްޕޯޓްސް ވެސް ނިސްބަތްވަނީ މަގޫދޫ އަށެވެ. މިއަހަރުގެ މުބާރާތުގައި 10 ޓީމު ވާދަކުރިއިރު މަގޫދޫން ބޭރުން 5 ޓީމު ވާދަކުރި އެވެ. އެއީ ފ. ދަރަނބޫދޫގެ ދެޓީމާއި ދ. މީދޫގެ ދެ ޓީމުގެ އިތުރުން ފ. ބިލެއްދޫގެ ޓީމެކެވެ. އެކަމަކު ފައިނަލަށް މަގޫދޫގެ ދެ ޓީމު ދަތުރުކުރީ ވަރުގަދަ ސްކޮޑަކާ އެކު 100 ޕަސެންޓް ރެކޯޑް ހޯދައިގެންނެވެ.
ފައިނަލުގެ ކުރިން ކުޅުނު ކޮންމެ މެޗަކުން ވެސް ދެޓީމު މޮޅުވީ ފަސޭހައިންނެވެ. އެކަމަކު ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ކުޅުނު ފައިނަލް މެޗު ފެނުނީ ވާދަވެރިކޮށެވެ. ދެޓީމުގައި ވެސް ރާއްޖޭގެ މަޝްހޫރު ފުޓްސަލް ތަރިން ހިމެނުނެވެ. އަދި، ފައުޒް ސްޕޯޓްސްގައި އީރާނުގެ ފުޓްސަލް ކުޅުންތެރިޔާ އަލީ ރެޒާ ހިމެނުނެވެ.

މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރު ފައުޒް ސްޕޯޓްސްގެ އިކްރާމް. ފޮޓޯ: އެލް4 ކަޕް
މެޗުގެ ފުރަތަމަ ގޯލު ޖެހީ ފެލޭލާގެ މޫސާ މާހިލް މިގްދާދު އެވެ. ސާމިން މުހައްމަދު ނަސީރު (ސާންކޮ) ނަގައިދިން ހުރަސް މާހިލް ގޯލަށް ވައްދާލީ އެއްފަހަރުން ޖަހަ އެވެ. އެ ގޯލާ އެކު ފެލޭލާ ފުރަތަމަ ހާފު ނިންމާލީ ލީޑުގައި އޮވެގެންނެވެ.
ދެވަނަ ހާފު ވަރުގަދަކޮށް ފަށައި ފައުޒް ސްޕޯޓްސް އިން ލީޑު ނެގި އެވެ. މުހައްމަދު އަރީޝް ދިން ޕާހަކުން އެ ގޯލު ކާމިޔާބުކޮށްދިނީ އުލޫފް އަހުމަދު އެވެ.
ފެލޭލާ މޮޅުވި ގޯލު މެޗު ނިމެން 5 މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ވެސް މާހިލް އެވެ. ފައުޒް ސްޕޯޓްސްގެ ހާފުގެ މެދުން ލިބުނު ބޯޅަ ހޯދުމަށް ފަހު ކައިރީގައި ހުރި ކުޅުންތެރިޔާ ކައިރިން ކަޓުވާލުމަށް ފަހު މާހިލް އެ ގޯލަށް ވައްދާލީ ތިރިތިރިން ޖަހަ އެވެ. މުބާރާތުގައި މާހިލް އަކީ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ.

އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމް ހޯދި ރެއިޑާސް ޓީމުގެ ޖޫދު. ފޮޓޯ: އެލް4 ކަޕް
މެޗުގެ ސަމާލުކަން އެންމެ ބޮޑުވީ މެޗުގެ ފަހުމިނެޓުގައި ފައުޒް އަށް ލިބުނު ދުރު ޕެނަލްޓީއެއް ނާކާމިޔާބުވުމުންނެވެ. ފެލޭލާގެ ހަ ވަނަ ފައުލަށް ރެފްރީ ދިން ދުރު ޕެނަލްޓީ ޖެހީ ފައުޒް ސްޕޯޓްސްގެ ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު އައްޒާމު އެވެ. އެކަމަކު އައްޒާމު ފޮނުވާލި ޕެނަލްޓީ ފެލޭލާގެ ގޯލްކީޕަރު އަހުމަދު ޝާއިން ޝިޔާމް މަތަކުރީ އެވެ. އެ ޕެނަލްޓީ މަތަކުރުމާއެކު މެޗު ނިމި ފެލޭލާ އަށް ޗެމްޕިއަންކަން ކަށަވަރުވި އެވެ. މެޗަށް ފަހު ހީރޯއަކަށް ވީ ފަހު ސިކުންތުގައި ޕެނަލްޓީ މަތަކުރި ފެލޭލާގެ ގޯލްކީޕަރު ޝާއިން އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ އޭނާ އެވެ. ޝާއިން ފެލޭލާ ޓީމުގެ ގޯލު ބެލެހެއްޓީ ސެމީ އާއި ފައިނަލުގަ އެވެ.
މިއީ ދިގު ތާރީހެއް އޮތް މަގޫދޫ އެލް4 ކަޕްގެ ޗެމްޕިއަންކަން އެރަށުގެ ފެލޭލާ އަށް ލިބުނު ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން ވަރުގަދަ ސްކޮޑަކާ އެކު މިފަހަރުވެސް ފައުޒް ސްޕޯޓްސް އަށް އެ ތަށީގައި އަތްލެވޭ ގޮތެއްނުވި އެވެ. މުބާރާތުގެ ތާރީހުގައި އެޓީމަށް އަދި ތަށީގައި އަތްލެވިފައި ނުވިނަމަވެސް، އަހަރުން އަހަރަށް އެޓީމު އަންނަނީ ވަރުގަދަކުރަމުންނެވެ. ފުޓްސަލް ޗެމްޕިއަންކަން ނުލިބުނަސް، ފައުޒް ސްޕޯޓްސް އަކީ އެރަށު ފުޓްބޯޅައިގައި ހިދުމަތްތެރި ކްލަބެކެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ފެލޭލާގެ އަބްދުﷲ ޖުނެއިދު (ޖޭންނެ) އާއި އެޓީމުގެ މޫސާ މާހިލްގެ އިތުރުން ފެލޭލާގެ ސާމިން މުހައްމަދު ނަސީރު (ސާންކޮ) އަދި ފައުޒް ސްޕޯޓްސްގެ މުހައްމަދު އައްޒާމާއި މުހައްމަދު އަރީޝް އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން: އައްޒާމް، ސާމިން، މާހިލް، އަރީޝް އަދި ޖޭންނެ. ފޮޓޯ: އެލް4 ކަޕް
މުބާރާތުގެ އުއްމީދީ ކުޅުންތެރިޔަކީ ދ. މީދޫ ރެއިޑާސް ސްޕޯޓްސް ކްލަބުގެ މުހައްމަދު ޖޫދު އެވެ. ސެމީގައި ވާދަކުރި ރެއިޑާސް ވަނީ މުބާރާތުގެ ފެއާޕްލޭ ޓީމުގެ މަގާމް ވެސް ހޯދާފަ އެވެ. އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ލިބުނީ ފައުޒް ސްޕޯޓްސްގެ އިކްރާމް އަހުމަދަށެވެ.
އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ 12 ގޯލާ އެކު ފެލޭލާގެ ސާންކޮ އެވެ. އަދި މުބާރާތުގެ ކިންގް އޮފަ ދަ ޓޯނަމެންޓުގެ މަގާމް ވެސް ހޯދީ ސާންކޮ އެވެ. އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ ޗެމްޕިއަން ފެލޭލާގެ މުހައްމަދު މަޚްތޫމް މިގްދާދު އެވެ.
މަގޫދޫ އެލް4 ކަޕަކީ ފިތުރު އީދޫގައި އަތޮޅުތެރޭގައި ބާއްވާ މުބާރާތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މުބާރާތެކެވެ. މުބާރާތުގައި މިއަހަރުވެސް ރާއްޖޭގެ މަޝްހޫރު ފުޓްސަލް ތަރިން ވަނީ ކުޅެފަ އެވެ.
މިއަހަރުގެ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ފަހުމިނެޓެވެ.