އޭދަފުށި ފުޓްސަލް ކަޕްގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެ އަހަރު ހޯދުމަށްފަހު، އަފްރޯ ސްޕޯޓްސް ކްލަބުގެ އެންމެ ބޮޑު އަމާޒަކަށްވީ މިއަހަރު އެ ތަށި ކާމިޔާބުކޮށް ތާރީހުން ޖާގަ ހޯދުމެވެ.
ޖެހިޖެހިގެން ތިން ތަށި ހޯދުމުގެ އުފާވެރިކަން ހާސިލްކުރުމަށް އެ ކްލަބުން ދިޔައީ ދުރާލާ ތައްޔާރުވަމުންނެވެ. ވާދަވެރިކަން ބޮޑު މާކެޓުގައި ކުޅުންތެރިން ހޯދުމުގެ މަސައްކަތް ފަށައި މުބާރާތަށް ރަނގަޅު ޓީމެއް އެކުލަވާލި އެވެ. ރަށުން ބޭރު ކުޅުންތެރިންގެ ކުޅުން މޮނިޓަރކޮށް ޓީމަށް އެންމެ ބޭނުން ހިފެނޭ ކުޅުންތެރިޔާ ގެނަ އެވެ. ބޮޑު ހަރަދަކާއެކު ޓީމު އެކުލަވާލައި މުބާރާތަށް ނުކުތީ “އެންމެ ބޭނުންވި” ތައްޓަކީ މިއަހަރުގެ ތަށި ކަމަށް ގަބޫލުކޮށްގެންނެވެ. އެކަމަކު މިއަހަރުގެ މުބާރާތުގެ ފައިނަލުގައި ވާދަވެރި ކުޅުމަކަށް ފަހު އެޓީމު ވަނީ ސީސީ ސްޕޯޓްސް ކްލަބް އަތުން 4-3 ބަލިވެފަ އެވެ.
މެޗުން ބަލިވުމާއެކު، އަފްރޯ ސްޕޯޓްސްގެ ކުޅުންތެރިންނާއި މެނޭޖްމަންޓުން ފެނުނީ މާޔޫސްކަމެވެ. ރެފްރީގެ ފަހު ކަށިގަނޑާއެކު އަފްރޯގެ ކުޅުންތެރިންނާއި މެނޭޖްމަންޓަށް ހުއްޓުން އެރި އެވެ. ތަށި ބީވުމުގެ ހިތްދަތި އިހުސާސް ޓީމުން ދިޔައީ ވަރަށް ބޮޑަށް ކުރަމުންނެވެ. ޗެމްޕިއަން ސީސީގެ ބައެއް ކުޅުންތެރިން، އަފްރޯގެ ކުޅުންތެރިންނަށް އެވަގުތު ހިތްވަރު ދިނެވެ. މުޅި ޓީމުގެ އިތުރުން އެޓީމުގެ ސަޕޯޓަރުންގެ ފަރާތުން ވެސް ފެނުނީ އެވަރުގެ މާޔޫސް ކަމެކެވެ.

އަފްރޯގެ އުނައިސް މެޗަށް ފަހު އިށީނދެލައިގެން. އުނައިސް ވަނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކައި ގަދަ ފަހެއްގައި ހިމެނިފަ. ފޮޓޯ: ކްލިކް ގްރަފީ
އޭދަފުށީގައި ތިން ފަހަރު ޖެހިޖެހިގެން އެއް ޓީމަކަށް ޗެމްޕިއަންކަން ހޯދުމަކީ ފަސޭހަކަމެއް ނޫނެވެ. ތާރީހުގައި އެ ކާމިޔާބީ ލިބިފައިހުރީ މަދު ފަހަރަކު އެވެ. ފުޓްބޯޅައިގެ ވާދަވެރިކަމުގެ ތެރެއިން ތަށި މިލްކުކުރަން ނުކުންނަ ޓީމު ކުރިމަތިލާން ޖެހެނީ އާދަޔާހިލާފު ޗެލެންޖަކާ އެވެ.

އަފްރޯ އަށް ކުޅުނު ޕޮގްބާ (ކ). ވާދަވެރި ފައިނަލުން ބަލިވިއިރު ގޯލު ޖަހަން އެޓީމަށް ގިނަ ފުރުސަތުތަކެއް ލިބުނު. ފޮޓޯ: ކްލިކް ގްރަފީ
އެ ޗެލެންޖާ މިއަހަރު އަފްރޯ ވެސް ކުރިމަތިލާން ޖެހުނެވެ. ތިން ވަނަ ފަހަރު ޗެމްޕިއަންކަން ހޯދަން އެޓީމަށް ކުރެވޭނެ ހުރިހާ ކަމެއް ކުރި އެވެ. ފައިނަލުގައި ބަލިވީވެސް ގިނަ ފުރުސަތުތަކެއް ނުލިބި ބޭނުން ނުހިފިގެންނެވެ.

އަފްރޯގެ މެނޭޖްމަންޓާއި ކުޅުންތެރިން. މިއަހަރުގެ ތަށި ނުލިބުނަސް އަލަށް އުފެއްދި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އެއީ. ފޮޓޯ: ކްލިކް ގްރަފީ
އެކަމަކު ތަށި ބީވިޔަސް އެޓީމަށް ލިބޭ ހިތްހަމަޖެހުމަކީ މިދިޔަ އަހަރުތަކުގައި ފުޓްސަލްގައި އަފްރޯ އިން ހޯދި ކާމިޔާބީ އެވެ. މުޅިން އަލަށް ފުޓްސަލް އަށް ނުކުތް ކްލަބުން 2023 ވަނަ އަހަރާއި 2024 ވަނަ އަހަރުގެ އޭދަފުށި ފުޓްސަލް ކަޕްގެ ޗެމްޕިއަންކަން ހޯދީ މޮޅު ކުޅުމެއް ދައްކައިގެންނެވެ. އޭދަފުށީގައި އަލަށް ގާއިމްކުރި ޓާފް ފުޓްސަލް ދަނޑުގެ ފުރަތަމަ ދެ މުބާރާތް ކާމިޔާބު ކުރުމަކީ އެ ޓީމުގެ ތާރީހުގައި ލިޔެވޭނެ ބޮޑު ކާމިޔާބީއެކެވެ.