ފުރަތަމަ ސަފްޙާ / ޚަބަރު / އޭދަފުށީގެ ފުޓްސަލް ކިންގަކަށް މިފަހަރު ޕަބް
ފަހުމިނެޓް

އޭދަފުށީގެ ފުޓްސަލް ކިންގަކަށް މިފަހަރު ޕަބް

އެޑްމިން
އެޑްމިން
10 މަސް ކުރިން 6 އެޕްރީލް 2025

އޭދަފުށީގެ ފުޓްސަލް ކިންގުގެ މަގާމް، ޗެމްޕިއަން ސީސީ ސްޕޯޓްސް ކްލަބުގެ އިމްތިޝާލް އަބްދުއްރަހީމް (ޕަބް) ހޯދައިފި އެވެ.

ސީސީ ސްޕޯޓްސް އިން އޭދަފުށި ފުޓްސަލް ކަޕް 2025 ގެ ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލުގައި 4-3 އިން އަފްރޯ ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ. ފައިނަލުގައި ސީސީން ޖެހި ހަތަރު ގޯލުގެ ތެރެއިން އެއް ގޯލު އިމްތިޝާލް ކާމިޔާބުކުރި އެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމުގެ އިތުރުން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ އިމްތިޝާލް އެވެ. އުމުރުން 22 އަހަރުގެ އިމްތިޝާލް އެ މަގާމް ހޯދީ ޖުމްލަ 12 ގޯލާ އެކު އެވެ. ސީސީން ޗެމްޕިއަންކަން ހޯދި ދަތުރުގައި ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް އިމްތިޝާލް ހޯދި އެވެ.

މުޅި މުބާރާތުގައި އެއް ފެންވަރެއްގައި ދެއްކި މޮޅު ކުޅުމާ އެކު، ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނި، ރަން ބޫޓާއި ކިންގުގެ ތާޖު ލިބުމަކީ ކެރިއަރުގައި އިމްތިޝާލަށް ލިބުނު އެންމެ ބޮޑު ކުރިއެރުމެވެ.

ޕަބް، މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމާ ހަވާލުވަނީ. ފޮޓޯ: ކްލިކް ގްރަފީ

އިމްތިޝާލަކީ އޭދަފުށީގައި އުފެދެމުން އަންނަ ހުނަރުވެރި ކުޅުންތެރިންގެ ތެރެއިން ކުރިން ވެސް ފާހަގަކޮށްލެވުނު ކުޅުންތެރިއެކެވެ. އޭދަފުށި ފުޓްސަލް ކަޕްގެ ފުރަތަމަ ދެ އަހަރު އިމްތިޝާލް ފެނުނީ އޯލް ވުލްވްސް އިންނެވެ. އޭގެތެރެއިން 2023 ވަނަ އަހަރު އޯލް ވުލްވްސް ފައިނަލުގައި ވާދަކުރިއިރު އިމްތިޝާލް މުހިއްމު ދައުރެއް އަދާކުރި އެވެ.

“މިއީ ހަމަ ކުރެވުނު ބުރަ މަސައްކަތުގެ ނަތީޖާ. މުބާރާތް ފެށުމުގެ ކުރިން ކޮންމެ ރެއަކު ބަރާބަރަށް ކުޅެން އައިސް ކުރި މަސައްކަތް އަސްލު. މިދިޔަ އަހަރުގެ މުބާރާތް ނިމުނީއްސުރެ ޓާގެޓަކަށް ވެފައި އޮތީ މިފެންވަރުގައި ކުޅުން” ކުއާޓާ ފައިނަލުގައި އެއިޓީފޯ އެފްސީ ކޮޅަށް ހެޓްރިކް ހެދި މެޗަށް ފަހު ފަހުމިނެޓާ ވާހަކަދައްކަމުން އިމްތިޝާލް ބުންޏެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ޕަބް. މިއަހަރު ޕަބް ވަނީ ކިންގުގެ މަގާމް ހޯދާފަ. ފޮޓޯ: ކްލިކް ގްރަފީ

އޭދަފުށި ފުޓްސަލް ކަޕް 2023 ގެ ކިންގުގެ މަގާމް  ހޯދީ އެ އަހަރު އޯލް ވުލްވްސް ޓީމުން ވިދާލި އަހުމަދު ޖައުޝަން އަބްދުﷲ އެވެ. މިދިޔަ އަހަރު މުބާރާތުގެ ކިންގުގެ މަގާމް ހޯދީ އޭދަފުއްޓަށް އުފަން ގައުމީ ޓީމުގެ ތަރި ހައިޝަމް ހަސަން (ބިޑި) އެވެ. ހައިޝަމް މިދިޔަ އަހަރު ކުޅުނީ އަފްރޯ ސްޕޯޓްސް ކްލަބަށެވެ.

އިމްތިޝާލްގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ، ސީސީގެ ޗެމްޕިއަން އަލީ ހާފިޒް (ހާއްޕެ) އާއި އެޓީމުގެ ގޯލްކީޕަރު އަބްދުﷲ ނާސިހުގެ އިތުރުން އަފްރޯ ސްޕޯޓްސް ކްލަބުގެ ހުސައިން ޝަރީފް (މުޑާ) އަދި އުނައިސް ޒުބައިރު އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން. (ކ-ވ)، ޕަބް، އުނައިސް، ހާއްޕެ، މުޑާ އަދި ނާސިހު. ފޮޓޯ: ކްލިކް ގްރަފީ

މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމް ހޯދީ އޯލް ވުލްވްސް ޓީމުގައި މޮޅު ކުޅުމެއް ދެއްކި މުހައްމަދު ރަފްހާނެވެ.

އެންމެ މޮޅު ކޯޗުގެ މަގާމް ލިބުނީ ޗެމްޕިއަން ސީސީ ސްޕޯޓްސްގެ މުހައްމަދު ޝައްފާޒަށެވެ. ފެއާޕްލޭ ޓީމަކީ އަފްރޯ ސްޕޯޓްސް ކްލަބެވެ.

އޭދަފުށީ ކައުންސިލުން އިންތިޒާމުކުރި މުބާރާތުގައި 12 ޓީމު ވާދަކުރި އެވެ.

މިއަހަރުގެ މުބާރާތުގެ ބޭންކިން ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް އެވެ. ޓްރެވަލް ޕާޓްނަރުގެ ގޮތުގައި ހަމަޖައްސާފައިވަނީ އޭދަފުށީގައި އެންމެ ފުޅާކޮށް ލޯންޗު ދަތުރުތައް ކުރާ ޔޫސުފް ސްޕީޑެވެ. ޕްރިންޓިން ޕާޓްނަރަކީ އިންކްޑް މޯލްޑިވްސް އެވެ. ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ހަމަޖެއްސިއިރު ބެވެރެޖް ޕާޓްނަރަކީ ފެމިލީ ގާޑިޔާ އެވެ. އިތުރު ސްޕޮންސަރުންގެ ތެރޭގައި ނަޔާ ފެރީ ސަރވިސް އާއި ޓޭކް އަވޭގެ އިތުރުން ހިތްވަރު ބްލޮކްސް އަދި ސީވިއު ބިސްޓްރޯ ހިމެނެ އެވެ.

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!