ފ. މަގޫދޫ އެލް4 ކަޕް ފުޓްސަލް މުބާރާތުގެ ފައިނަލުގެ ޖާގަތައް ފަސޭހަކަމާ އެކު ފެލޭލާ ސްޕޯޓްސް ކްލަބާއި ފައުޒް ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.
މަގޫދޫ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފުރަތަމަ ސެމީ ފައިނަލުގައި، މަގޫދޫ އަށް ނިސްބަތްވާ ފެލޭލާ ވަނީ ދ. މީދޫގެ އެފްސީ ރެއިޑާސް 0-12 އިން ބަލިކޮށްފަ އެވެ.
މެޗުގައި ފެލޭލާގެ ސާމިން މުހައްމަދު ނަސީރު (ސާންކޮ) ހަތަރު ލަނޑު ޖެހި އެވެ. އަދި، އަބްދުﷲ ޖުނެއިދު (ޖޭންނެ) ހެޓްރިކް ހަދައި މޫސާ މާހިލް މިގްދާދް ދެ ގޯލު ޖެހި އެވެ. ފެލޭލާގެ ބާކީ ތިން ގޯލު ޖެހީ އަހުމަދު ވިޖުދާން (ވިޖުއްކޮ) އާއި މޫސާ އަސްއަދު އަންވަރުގެ އިތުރުން މުހައްމަދު ޒުނެއިރު އެވެ.
ދެވަނަ ސެމީގައި ފައުޒް ސްޕޯޓްސް ވަނީ ފައުޒް ނިއު ޖެނެރޭޝަން 0-9 އިން ބަލިކޮށްފަ އެވެ. އެ މެޗުގައި ފައުޒް ސްޕޯޓްސްގެ މުހައްމަދު އަރީޝް ހެޓްރިކް ހެދި އެވެ. އަދި، އެޓީމުގެ މުހައްމަދު ފުރުގާން ދެ ގޯލު ޖެހި އެވެ. ފައުޒް ސްޕޯޓްސް އަށް ދެން ގޯލުތައް ކާމިޔާބުކޮށްދިނީ އީރާނުގެ ތަރި އަލީ ރެޒާ އާއި ސޮލާހު އަލީގެ އިތުރުން މުހައްމަދު އައްޒާމް އަދި ހަސަން ހުސާމް އަބްދުﷲ އާއި މުހައްމަދު އަލިޔާން އަބްދުﷲ އެވެ.

ފައުޒް ސްޕޯޓްސްގެ އައްޒާމް ބޯޅަ ހިފައިގެން ދަނީ. ފޮޓޯ: އެލް4 ކަޕް
ފެލޭލާ އާއި ފައުޒް ސްޕޯޓްސްގައި ރާއްޖޭގެ މަޝްހޫރު ފުޓްސަލް ތަރިން ހިމެނެ އެވެ. އެ ދެޓީމު ވަނީ ގްރޫޕް ސްޓޭޖުގެ މެޗުތައް ވެސް ފަސޭހަކަމާ އެކު ކާމިޔާބުކޮށްފަ އެވެ.
ފައިނަލުގައި ފެލޭލާ އާއި ފައުޒް ސްޕޯޓްސް ވާދަކުރާ މެޗު ފަށާނީ މިރޭ 8:45 ގަ އެވެ. ފައިނަލުގެ ދަތުރު ފަސޭހަ ނަމަވެސް މިރޭ އެދެޓީމަށް ވެސް ކުރިމަތިވާނީ ވަރުގަދަ ޗެލެންޖެކެވެ. މަގޫދޫ އެލް4 ކަޕްގެ ފައިނަލް މެޗު މެންދުރު ޓީވީން ވަގުތުން ދައްކާނެ އެވެ.
ފ. މަގޫދޫ ކައުންސިލް އެލް4 ކަޕްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ފަހުމިނެޓެވެ.