ފުރަތަމަ ސަފްޙާ / ޚަބަރު / ސީސީ އިން ފުރަތަމަ ފަހަރަށް އޭދަފުށި ފުޓްސަލް ކަޕް ކާމިޔާބުކޮށްފި
ފަހުމިނެޓް

ސީސީ އިން ފުރަތަމަ ފަހަރަށް އޭދަފުށި ފުޓްސަލް ކަޕް ކާމިޔާބުކޮށްފި

އެޑްމިން
އެޑްމިން
10 މަސް ކުރިން 6 އެޕްރީލް 2025

އޭދަފުށީ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި އޭދަފުށި ފުޓްސަލް ކަޕް 2025 ގެ ޗެމްޕިއަންކަން، ފައިނަލުގައި އަފްރޯ ސްޕޯޓްސް ކްލަބް 3-4 އިން ބަލިކޮށް ސީސީ ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.

އޭދަފުށި ފުޓްސަލް ކަޕް 2023 ވަނަ އަހަރު ފެށިފަހުން، މުބާރާތުގެ ޗެމްޕިއަންކަން ސީސީ ހޯދި މިއީ ފުރަތަމަ ފަހަރެވެ.

މުބާރާތުގެ ފުރަތަމަ ދެ އަހަރުގެ ޗެމްޕިއަނުންނަކީ އަފްރޯ އެވެ. އަފްރޯ އިން 2023 ވަނަ އަހަރު ޗެމްޕިއަންކަން ހޯދީ އޯލް ވުލްވްސް ބަލިކޮށްގެންނެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންކަން އަފްރޯ ހޯދީ ފައިނަލުގައި ސީސީ ބަލިކޮށްގެންނެވެ.

މިއަހަރުގެ މުބާރާތަށް ނުކުތްއިރު ވެސް ފޭވަރިޓުންގެ ތެރޭގައި ހިމެނުނީ އަފްރޯ އާއި ސީސީ އެވެ. އަފްރޯ އިން ޗެމްޕިއަންކަން ހޯދަން މުހިއްމު ކުޅުންތެރިންތަކެއް ހޯދިއިރު ސީސީން ނުކުތީ އަފްރޯގެ ކާމިޔާބީ ނިމުން ގެންނަން ސީދާ ތައްޓަށެވެ. އެ ކާމިޔާބީ ހޯދުމާ އެކު އޭދަފުށި ފުޓްސަލްގެ ރަސްކަން އެ ކްލަބަށް ވަނީ ލިބިފަ އެވެ.

އޭދަފުށި ފުޓްސަލް ދަނޑުގައި ކުޅުނު މެޗަށް ސީސީން ނުކުތީ އަހުމަދު އައިހަމް (އައިހު) ސްޓާޓިންގައި ހިމަނައިގެންނެވެ. ލިސްޓުގައި އިން ނަމަވެސް ރިލީސް ނުލިބޭތީ ފައިނަލް މެޗުގެ ކުރިން އައިހު އެއްވެސް މެޗެއްގައި ކުޅެފައެއްނުވެ އެވެ. އައިހު މިރޭ ކުޅުނުއިރު، ސީސީގެ މުހިއްމު ކުޅުންތެރިޔާ އަލީ ނަސީމް (ދިއްލި) އަނިޔާގެ ސަބަބުން ކުޅެފައެއްނުވެ އެވެ.

މެޗު ފަށައިގެން ކުރީކޮޅު ސީސީން ވަނީ ލީޑު ނަގައިފަ އެވެ. އަލީ ހާފިޒް (ހާއްޕެ) އަރިމަތިން ނަގައިދިން ބޯޅަ އޭރިޔާ ތެރޭގައި ހުރެފައި ގޯލަށް ވައްދާލީ މުއާޒް އަލީ އެވެ. ސީސީން ލީޑު ނެގިތާ އިރުކޮޅެއް ފަހުން އަފްރޯ އިން ނަތީޖާ ހަމަހަމަކުރި އެވެ. ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ސާދު ނިޒާރު އެވެ. ސާދު ފޮނުވާލި ބޯޅަ ގޯލަށް ވަނީ ސީސީގެ ގޯލްކީޕަރު އަބްދުﷲ ނާސިހު މަތަކުރަން އުޅުމުގެ ތެރޭގައި އަތުގައި ޖެހިފަ އެވެ.

ފުރަތަމަ ހާފުގެ ފަހުކޮޅު ސީސީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި އިމްތިޝާލް އަބްދުއްރަހީމް (ޕަބް) އެވެ. ހާއްޕެ އަރިމަތިން އައިހު އަށް ދިން ބޯޅަ ޕަބަށް ދިނުމުން ގޯލަށް ވައްދާލީ އެއްފަހަރުން ޖަހަ އެވެ.

ދެވަނަ ހާފު އަފްރޯ އިން ފެށީ، ފުރަތަމަ ހާފުގައި ވެސް ކުޑަ ވަގުތުކޮޅަކު ކުޅުނު އިޝާން އިބްރާހީމް (ސައްޓު) ހިމަނައިގެންނެވެ. އަނިޔާގައި ހުރުމުން މުބާރާތުގައި ސައްޓު ކުޅުނީ މަދު މެޗެއްގަ އެވެ.

އަފްރޯ އިން ދެވަނަ ހާފު ފެށީ އެޓޭކަށް އިސްކަންދީގެންނެވެ. އެޓީމުން ގާތްގާތުގައި ހަމަލާތައް ވެސް އުފެއްދި އެވެ. ދެވަނަ ހާފުގެ ކުރީކޮޅު އަފްރޯ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ސާދު ދިން ބޯޅައަކުން ސައްޓު އެވެ. ސީސީގެ ޑިފެންޑަރާއި ކީޕަރު ނާސިހު ކައިރިން ވެސް ކަޓުވާލުމަށް ފަހު ސާދު ޖައްސާލި ބޯޅަ ސައްޓު ވަނީ ފަސޭހަކަމާ އެކު ގޯލަށް ވައްދާލާފަ އެވެ.

އަފްރޯގެ ގޯލަށް ފަހު އެޓީމުގެ ހުސައިން ޝަރީފް (މުޑާ) އަށް ގާތްގާތުގައި ދެ ފުރުސަތު ލިބި ބޭކާރުވި އެވެ. ސީސީން މެޗުގެ ތިން ވަނަ ގޯލު ޖެހީ މުއާޒެވެ. ހުސްކޮށް ހުއްޓައި މުއާޒަށް ލިބުނު ބޯޅަ ގޯލަށް ވައްދާލީ ތިރިތިރިން ޖަހަ އެވެ.

ލީޑު ނެގުމަށް ފަހު ސީސީގެ ހާއްޕެ އާއި އައިހު އަށް ހުސް ދެ ފުރުސަތު ލިބި ބޭކާރުވި އެވެ. އޭގެފަހުން އަފްރޯގެ މުހައްމަދު ފާސިރު (ފާއްޓެ) ފޮނުވާލި ބޯޅައެއް ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވި އެވެ.

ސީސީގެ ހަތަރު ވަނަ ގޯލު ހާއްޕެ ދިން ބޯޅައަކުން ކާމިޔާބުކުރީ އަބްދުﷲ ޒައީމް (އައްބި) އެވެ.

މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ސީސީގެ ހާއްޕެ އަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފަ އެވެ. މަތީގައި އޮތް ބޯޅައެއް، ބައިސިކަލް ކިކަކުން ފޮނުވާލަން ހާއްޕެ މަސައްކަތްކުރި ވަގުތު ވެއްޓި އަނިޔާވުމާ ގުޅިގެން ހާއްޕެ އަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ އެވެ.

ހާއްޕެ ނުލައި ކުޅެން ޖެހުމުން ސީސީ ސްޕޯޓްސް އަށް އުނދަގޫވި އެވެ. އެވަގުތުގެ ތެރޭގައި އަފްރޯއިން އިތުރު ހަމަލާތައް އުފައްދައި ނުރައްކާކުރި އެވެ.

އަފްރޯގެ ތިން ވަނަ ގޯލު ކާމިޔާބުކޮށްދިނީ އުނައިސް ޒުބައިރު އެވެ. އުނައިސް ގޯލު ޖެހީ އަފްރޯ އަށް ލިބުނު ޖެހުމެއްގައި ސައްޓު ދިން ބޯޅައަކުންނެވެ.

މެޗުގެ ފަހު ވަގުތުކޮޅު އަފްރޯ އަށް ގޯލު ޖަހަން ރަނުގެ ފުރުސަތުތައް ލިބުނެވެ. އެގޮތުން ސައްޓު އަށް ހުސް ދެ ފުރުސަތު ލިބި ބޭކާރުވި އެވެ.

މެޗުގެ ފަހު ވަގުތު ސީސީން ވަނީ ވަރަށް ރަނގަޅަށް ޑިފެންސްކޮށް އެ ނަތީޖާގައި ހިފަހައްޓައި ޗެމްޕިއަންކަން ކަށަވަރުކޮށްފަ އެވެ.

މިއަހަރުގެ މުބާރާތުގެ ބޭންކިން ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް އެވެ. ޓްރެވަލް ޕާޓްނަރުގެ ގޮތުގައި ހަމަޖައްސާފައިވަނީ އޭދަފުށީގައި އެންމެ ފުޅާކޮށް ލޯންޗު ދަތުރުތައް ކުރާ ޔޫސުފް ސްޕީޑެވެ. ޕްރިންޓިން ޕާޓްނަރަކީ އިންކްޑް މޯލްޑިވްސް އެވެ. ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ހަމަޖެއްސިއިރު ބެވެރެޖް ޕާޓްނަރަކީ ފެމިލީ ގާޑިޔާ އެވެ. އިތުރު ސްޕޮންސަރުންގެ ތެރޭގައި ނަޔާ ފެރީ ސަރވިސް އާއި ޓޭކް އަވޭގެ އިތުރުން ހިތްވަރު ބްލޮކްސް އަދި ސީވިއު ބިސްޓްރޯ ހިމެނެ އެވެ.

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!