ފުރަތަމަ ސަފްޙާ / ޚަބަރު / ފައުޒް ނިއު ޖެނެރޭޝަނާއި އެފްސީ ރެއިޑާސް ސެމީ ފައިނަލަށް

ފައުޒް ނިއު ޖެނެރޭޝަނާއި އެފްސީ ރެއިޑާސް ސެމީ ފައިނަލަށް

އެޑްމިން
އެޑްމިން
10 މަސް ކުރިން 5 އެޕްރީލް 2025

ފ. މަގޫދޫ ޒުވާނުންގެ ކްލަބުން އިންތިޒާމުކޮށްގެން މަގުދޫ ކައުންސިލްގެ އެހީތެރިކަމާއެކު އެރަށުގައި ކުރިއަށްގެންދާ އެލް4 ކަޕް ސެމީ ފައިނަލުގެ ފަހު ޖާގަތައް ފައުޒް ނިއު ޖެނެރޭޝަނާއި ދ. މީދޫގެ އެފްސީ ރެއިޑާސް ހޯދައިދި އެވެ.

މުބާރާތުގައި ރޭ ކުޅުނީ ދެ ގްރޫޕުގެ ފަހު މެޗުތަކެވެ. ގްރޫޕް އެކަކުން ފައުޒް ނިއު ޖެނެރޭޝަން ސެމީ ޔަގީންކުރީ ގްރޫޕުގެ ދެވަނަ ހޯދައިގެންނެވެ. އެޓީމުން ރޭ ވަނީ ދ. މީދޫގެ އެފްސީ ވައިޕާސް 1-2 އިން ބަލިކޮށްފަ އެވެ.

މެޗުގައި ނިއު ޖެނެރޭޝަނުގެ ދެ ގޯލު ކާމިޔާބުކޮށްދިނީ އައްމާރު ބިން މުހައްމަދާއި އަހުމަދު ޝުއޫން އެވެ. ވައިޕާސްގެ ހަމައެކަނި ގޯލު ޖެހީ ނާމީ ޖަމްޝީދެވެ.

ގްރޫޕް އެކެއްގެ އަނެއް މެޗުގައި ރޭ ދަރަނބޫދޫގެ ގަޓް ސިޓީ ވަނީ މަގޫދޫގެ ސީއެސް ސްޕޯޓްސް – ސްކޯޕިއަން އަތުން 3-5 އިން ބަލިވެފަ އެވެ. މެޗުގައި ސީއެސް ސްޕޯޓްސްގެ މުހައްމަދު މާއިން މުމްތާޒް ދެ ގޯލު ޖެހި އެވެ. އެޓީމުގެ އަނެއް ތިން ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު މުއާޒުއާއި މުހައްމަދު އަލީ އަދި އާމިލް އަލީ އެވެ. ގަޓް ސިޓީގެ ގޯލުތައް ކާމިޔާބުކޮށްދިނީ އާލިފް އަލީ އާއި ރަޔާން ރިޔާހުގެ އިތުރުން އަބްދުﷲ ޒުބައިރު އެވެ.

އެ ގްރޫޕުގެ އެއްވަނަ، 12 ޕޮއިންޓާ އެކު ކަށަވަރުކުރީ މަގޫދޫ ފެލޭލާ ސްޕޯޓްސް ކްލަބެވެ. ނިއު ޖެނެރޭޝަނަށް ދެވަނަ ލިބުނީ 7 ޕޮއިންޓާ އެކު އެވެ. ފަހު މެޗުން މޮޅުވި ސީއެސް ސްޕޯޓްސް 4 ޕޮއިންޓާ އެކު ދިޔައީ ތިންވަނަ އަށެވެ. ހަތަރު ވަނަ ލިބުނު އެފްސީ ވައިޕާސް އާއި ފުލަށް ދިޔަ ގަޓް ސިޓީ އަށް ލިބުނީ 3 ޕޮއިންޓެވެ.

ގްރޫޕް ދޭއްގައި ރޭ އެފްސީ ރެއިޑާސް މޮޅުވީ ބިލެއްދޫގެ އެފްސީ ޒަލްޒަލާއާ ވާދަކޮށް 0-3 އިންނެވެ. މެޗުގައި ރެއިޑާސްގެ މުހައްމަދު ޖޫދު އިސްމާއީލް ވަނީ ދެ ގޯލު ޖަހައިފަ އެވެ. އަނެއް ގޯލު ޖެހީ އިސްމާއީލް ނައުސް ހުސައިނެވެ. ޒަލްޒަލާ ޓީމުގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދު އަސްލަމް އަހުމަދު އެވެ.

އެ ގްރޫޕުގެ އަނެއް މެޗުގައި އޭއެމްޑީއާ ވާދަކޮށް ދަރަނބޫދޫގެ ވެސްޓް ސިޓީ ވަނީ 4-3 އިން މޮޅުވެފަ އެވެ. މެޗުގައި ވެސްޓް ސިޓީގެ ހަތަރު ގޯލު ވެސް ޖެހީ މުހައްމަދު އަހުމަދު އެވެ. އޭމްޑީގެ ގޯލުތައް ކާމިޔާބުކޮށްދިނީ ހުސައިން ޝަރީފާއި މުހައްމަދު މުނީރުގެ އިތުރުން އިޝާން ބިން ހިޝާން އެވެ.

ގްރޫޕް ދޭއްގެ އެއްވަނަ ހޯދީ ހުރިހާ މެޗަކުން މޮޅުވި ފައުޒް ސްޕޯޓްސް ކްލަބެވެ. އެޓީމުން 12 ޕޮއިންޓް ހޯދި އެވެ. ދެވަނަ ރެއިޑާސް އަށް ލިބުނީ 7 ޕޮއިންޓާ އެކު ފައިދާ ގޯލު ގިނަވުމުންނެވެ. ތިން ވަނަ ހޯދި ވެސްޓް ސިޓީންވެސް 7 ޕޮއިންޓް ހޯދި އެވެ. އެޓީމު ކެޓީ ގޯލުގެ ތަފާތުން ރެއިޑާސް އަށް ވުރެ ކުރި ނުލިބުމުންނެވެ. ޒަލްޒަލާ އަށް 3 ޕޮއިންޓާ އެކު ހަތަރު ވަނަ ލިބުނުއިރު ފުލަށް ދިޔަ އޭއެމްޑީ އަށް ޕޮއިންޓެއް ނުލިބެ އެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް މިރޭ ކުޅޭނެ އެވެ. ސެމީގެ ފުރަތަމަ މެޗުގައި މިރޭ 8:30 ގައި ވާދަކުރާނީ މަގޫދޫގެ ފެލޭލާ ސްޕޯޓްސް ކްލަބާއި އެފްސީ ރެއިޑާސް އެވެ. ދެވަނަ ސެމީގައި 9:30 ގައި ކުޅޭނީ ފައުޒްގެ ދެ ޓީމު ކަމަށްވާ ފައުޒް ސްޕޯޓްސް ކްލަބާއި ފައުޒް ނިއު ޖެނެރޭޝަނެވެ.

މިއަހަރުގެ މުބާރާތުގެ ހުރިހާ މެޗެއްވެސް މެންދުރު ޓީވީން ވަގުތުން ދައްކާނެ އެވެ. މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ފަހުމިނެޓެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!