އޭދަފުށި ފުޓްސަލް ކަޕްގެ ފައިނަލްގައި މިރޭ އަފްރޯ ސްޕޯޓްސް ކްލަބާއި، ސީސީ ސްޕޯޓްސް ކްލަބް ވާދަކުރާއިރު މިއީ ފުޓްސަލްއަށް ލޯބިކުރާ ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭނެ މެޗެކެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ވެސް މިދެ ޓީމު ބައްދަލުކޮށްފައި އޮތަސް މިއަހަރުގެ ފައިނަލް އެއަށްވުރެ މާ ބޮޑަށް ވެސް ހާއްސަ އެވެ. އަފްރޯ މިރޭ އެ ނުކުންނަނީ މުބާރާތުގެ ތަށި އިތުރު އެއްވެސް ޓީމެއްގެ އަތުގައި ނުޖެހެނީސް ތިން ވަނަ ފަހަރަށް ހޯދާށެވެ. އެކަން ހާސިލްކުރަން މިހާރު އޮތް ހަމައެކަނި ހުރަހަކީ ސީސީ ސްޕޯޓްސް އެވެ.
ސުވާލަކީ ސީސީ އަށް އަފްރޯ ދެކެމުން އެއަންނަ އާދަޔާ ހިލާފު ކާމިޔާބީގެ ހުވަފެން ބިލާހަކަށް ހެދިދާނެ ހެއްޔެވެ؟
ދެ ޓީމުވެސް އޮތީ ވަރަށް ފޯމުގައި
މުބާރާތުގެ ފައިނަލަށް ސީސީ ދަތުރުކުރިއިރު ޓީމު އޮތީ ރަގަޅު ފޯމެއްގަ އެވެ. މިހާތަނަށް އައިއިރު މުބާރާތުގައި އެ ޓީމު ކުޅުނު ހުރިހާ މެޗެއް ވަނީ ކާމިޔާބުކޮށްފަ އެވެ. ސީސީ އިން މި މުބާރާތުގައި މިހާތަނަށް ފަސް މެޗު ކުޅުނުއިރު ޖުމްލަ 25 ގޯލް ވަނީ ޖަހައިފައެވެ. ބައިކޮޅަށް ވަނީ އެންމެ ހަތަރު ގޯލެވެ. ނޮކައުޓް ސްޓޭޖްގައި އެ ޓީމު ކޮޅަށް ވަނީ އެންމެ ގޯލެކެވެ.
އަފްރޯވެސް މުބާރާތުގެ ފައިނަލަށް އައިސްފައިވަނީ ހުރިހާ މެޗަކުން މޮޅުވެގެންނެވެ. އަފްރޯއަށް މި މުބާރާތުގައި ސީސީ އަށްވުރެ އިތުރަށް މިހާތަނަށް ޖެހިފައިވަނީ އެންމެ ގޯލެކެވެ. އަފްރޯއިން މިހާތަނަށް ކުޅުނު ފަސް މެޗުގައި 26 ގޯލު ކާމިޔާބުކޮށްފައިވާއިރު ބައިކޮޅަށް ހަ ގޯލު ވަނީ ވަދެފަ އެވެ. އޭގެ ތެރެއިން ތިން ގޯލަކީ ސެމީ ފައިނަލް މެޗުގައި އެ ޓީމު ކޮޅަށް ވަން ތިން ގޯލެވެ. ބައިކޮޅަށް ވަތް ގޯލުގެ އަދަދަށް ބަލާއިރު ސީސީގެ ރެކޯޑް އަފްރޯ އަށް ވުރެ ރަގަޅެވެ.

މުބާރާތުގައި ވާދަކުރާ ސީސީ ޓީމް. ފައިނަލުގެ ނުކުންނާނީ އަފްރޯގެ ކާމިޔާބީ ހުއްޓުވައި ފުރަތަމަ ފަހަރަށް އެ މުބާރާތް ކާމިޔާބުކުރަން. ފޮޓޯ: ކްލިކް ގްރަފީ
ވަކިވަކި ކުޅުންތެރިންގެ ވިދުން ހުރީ ކިހިނެއް؟
ވަކިވަކި ކުޅުންޔެރިންނަށް ބަލާއިރު މިފަހަރުގެ މުބާރާތުގައި އެންމެ ތަފާތު ފޯމެއްގައި ކުޅޭތަން ފެންނަނީ ސީސީގެ އިމްތިޝާލް އަބްދުއްރަހީމް (ޕަބް) އެވެ. މިހާތަނަށް 11 ގޯލާއެކު މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓްގެ އެންމެ ކުރީގައި ޕަބް އުޅޭއިރު އޭނާ ވަނީ ސީސީ ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުގައި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. ޕަބްއާ އެއްވަރަށް ލަނޑު ނުޖެހުނު ކަމުގައިވިޔަސް ސީސީއަށް ކުޅެމުން އަންނަ ރާއްޖޭގެ އެންމެ މަޝްހޫރު އެއް ފުޓްސަލް ތަރި ޢަލީ ހާފިޒް (ހާއްޕެ) އާއި އޭދަފުށީގެ ފުޓްސަލްގެ މިހާރުގެ ޖީލުގެ އެންމެ އަލިގަދަ އެއް ތަރި އަލީ ނަސީމް (ދިއްލި) ވެސް އަންނަނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ހާއްޕެގެ ދެވަނައެއް ނެތް ތަޖުރިބާ އާއި ދިއްލިގެ އާދަޔާހިލާފު ހުނަރަކީ މި މުބާރާތުގެ ތަށި ހޯދަން ސީސީއިން މިރޭ ނުކުންނައިރު އެ ޓީމުން ބޭނުންހިފާނެ އެންމެ މުހިންމު ދެ ހަތިޔާރުކަމަށް ބެލެވެ އެވެ. އެ ކުޅުންތެރިންނާއެކު ސީސީގެ މުއާޒް އަލީ ވެސް މިއަހަރު އަންނަނީ ޓީމުގައި މުހިއްމު ދައުރެއް އަދާކުރަމުންނެވެ. ސީސީގެ ގޯލު ބަލަހައްޓަނީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އެއް ކީޕަރު، އަބްދުﷲ ނާސިހު އެވެ. ގޯލުގައި ނާސިހު ހުރެ ޓީމަށްދޭ އިތުބާރަކީ ސީސީ އަށް މިފަހަރުގެ މުބާރާތުގައި ލިބުނު ކުރިއެރުމެކެވެ.
މި މުބާރާތުގައި ސީސީއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ޓީމުގެ ސްކޮޑްގައި ހިމަނައިފައިވާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހުނަރުވެރި ޑިފެންޑަރު ހައިޝަމް ހަސަން (ބިޑި) އާއި އަހުމަދު އައިހަމް (އައިހު) މި މުބާރާތުގައި ކުޅެން ރިލީސް ނުލިބުމެވެ. އެންމެ ކުޑަވެގެން މިރޭގެ ފައިނަލް މެޗަށް ރިލީސް ލިބޭތޯ ސީސީން މަސައްކަތްކުރަމުން އަންނަކަމުގެ މައުލޫމާތު މި ނޫހަށް ވަނީ ލިބިފައެވެ. އެކުޅުންތެރިންނަށް މިރޭގެ މެޗުގައި ކުޅެވޭ ގޮތް ވެއްޖެ ނަމަ އެއީ ސީސީއަށް ލިބޭނެ ވަރަށް ބޮޑު އެޑްވާންޓޭޖެކެވެ.

އަފްރޯގެ ބައެއް މުހިއްމު ކުޅުންތެރިން އުފާފާޅުކުރަނީ. ފައިނަލުގައި މިރޭ ސީސީއާ ވާދަކުރާނެ. ފޮޓޯ: ކްލިކް ގްރަފީ
އަފްރޯގައި ތިބި ވަކިވަކި ކުޅުންތެރިންނަށް ބަލާއިރު އެންމެ ވަރުގަދަކޮށް ފެންނަނީ މުބާރާތުގައި މިހާތަނަށް ހަތް ގޯލު ޖަހައި ދެ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ހުސައިން ޝަރީފް (މުޑާ) އެވެ. މިހާތަނަށް މުޑާ ކާމިޔާބުކުރި ހަތް ގޯލަކީ ވެސް މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ކާމިޔާބުކުރި ގޯލުތަކެވެ. މުޑާގެ އިތުރުން ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނޭ ނިޝާމް މުހައްމަދު (ޕޮގްބާ) އާއި އުނައިޝް ޒުބައިރު ވެސް އަންނަނީ މި މުބާރާތުގައި ޓީމަށް ވަރަށް ފައިދާހުރި ކުޅުމެއް ދައްކަމުންނެވެ. ވަކިން ހާއްސަ ގޮތެއްގައި އެންމެ ފަހުން ކުޅުނު ސެމީ ފައިނަލް މެޗުގައި ދެއްކި މޮޅު ކުޅުމާއެކު އުނައިޝްއާ މެދު ޓީމުން ކުރާ އިތުބާރު ވަނީ ބޮޑުވެފަ އެވެ.
މި މުބާރާތުގައި އަފްރޯއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ނުތަނަވަސްކަމަކީ އެ ޓީމުގެ އެންމެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ މުހާއްމަދު ފާސިރު (ފާއްޓެ) އާއި އިޝާން އިބްރާހީމް (ސައްޓު) އަށް އަނިޔާގެ މައްސަލަ ކުރިމަތިވެފައިވުމެވެ. އެއްކޮށް ފިޓް ނޫނަސް ފާއްޓެ އަދިވެސް އަންނަނީ އެންމެ މަތީ ފަންތީގެ މޮޅު ކުޅުން ތަކުރާރު ކުރަމުންނެވެ. އިދިކޮޅުން އަދިވެސް އެންމެ ޖެހިލުންވާ އެއް ކުޅުންތެރިޔަކީ އޭދަފުށީގައި ފަހަކަށް އައިސް އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ފާއްޓެ އެވެ. ބޮޑު އަނިޔާގެ ސައްޓުގެ ބޭނުން އަފްރޯއިން މި މުބާރާތުގައި ކޮށްފައިވަނީ ވަރަށް މަދުންނެވެ. ސައްޓު ނެތްތައް ފޫބައްދައި ޓީމު ލީޑު ކުރެވޭނެ ފެންވަރުގެ ކުޅުންތެރިއަކު ހޯދަން ކުރި މަސައްކަތުގައި، އަފްރޯއިން މިފަހަރުގެ ޓީމަށް ރަށުން ބޭރުން ގެނައީ ފުވައްމުލަކު ފުޓްސަލް ޓީމުގެ ތަރި މުހައްމަދު ސާދު ނިޒާރު އެވެ. ސާދު އަންނަނީ މި މުބާރާތުގައި އަފްރޯގެ ފަހަތް ބަލަހައްޓައި ޓީމު ހަމަޖެއްސުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ. ސާދުއާ އެކު އަފްރޯގެ ގޯލްކީޕަރު އިސްމާއީލް ފާތިހު (ތާޑޭ) ވެސް އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

މުބާރާތުގެ ފުރަތަމަ ދެ އަހަރުގެ ޗެމްޕިއަން އަފްރޯ ސްޕޯޓްސް. މިއަހަރު ނުކުތީ ތިންވަނަ ތަށި ހޯދައި ތާރީހުން ޖާގަ ހޯދަން. ފޮޓޯ: ކްލިކް ގްރަފީ
މިރޭގެ ފައިނަލަށް ނުކުންނައިރު ދެ ޓީމަށްވެސް އޮންނާނެ އެއް ބޮލުގަ ރިހުމަކީ ގަޑި ހުއްޓައިގެން ކުޅެންޖެހުމެވެ. ސެމީ ފައިނަލް މެޗުވެސް ގަޑި ހުއްޓައިގެން ކުޅެފައިވުމާއި އެންމެ ދުވަހެއް ރިކަވަރީ އަށް ލިބުމަކީ މިރޭގެ މެޗުގައި ދެ ޓީމުގެ ކުޅުންތެރިންނަށްވެސް އުނދަގޫތަކެއް ކުރިމަތިވާނެ ކަމެކެވެ. އެއާއެކުވެސް އަފްރޯގެ ކޯޗް އައްޒާމް އަލިފުޅު ބުނެފައިވަނީ ގަޑި ހުއްޓައިގެން ކުޅެންޖެހުމަކީ އެ ޓީމަށް އޮތް އެޑްވާންޓޭޖެއް ކަމަށާއި، ޓީމުގައި އެވަރުގެ ސްކޮޑެއް އެބައޮތް ކަމަށެވެ. ދެ ޓީމުގެ ސްކޮޑަށް ބަލާއިރު އައްޒާމްގެ ވާހަކައަށް އެއްބަސްވާނެ ޖާގަ އެބައޮތެވެ. އަފްރޯގެ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ ގޯލްޑަން ފުޓްސަލް މުބާރާތުގައި ގަޑި ހުއްޓައިގެން ކުޅުނު މެޗްތަކުގައި މީގެ ކުރިން ކުޅެފައިވާ ކުޅުންތެރިންނެވެ.
ދެޓީމުގެ ކޯޗުން ބުނަނީ ކީކޭ؟
މިރޭގެ ފައިނަލަށް ނުކުންނައިރު ސީސީގެ އެސިސްޓެންޓް ކޯޗް މުޙައްމަދު ޒާހިދު (ބައްޓޭ) ބުނީ ޕްރެޝަރު އޮތީ އަފްރޯއަށް ކަމަށެވެ.
“ފައިނަލެއްގަ ވީމަ އޮންނާނީ ފިފްޓީ ފިފްޓީ ޗާންސެއް. ކޮންމެ ގޮތެއްވިޔަސް ޕްރެޝަރ އޮންނާނީ އެމީހުންނަށް. އަހަރުމެން ނިކުންނާނީ އަފްރޯގެ ކުޅުން ވަރަށް ރަގަޅަށް މޮނިޓާކޮށްގެން. އަޅުގަނޑުމެންގެ އުންމީދަކީ އިރާދަކުރެއްވިއްޔާ މިތަށި އަހަރެމެން ކާމިޔާބުކުރުން” ކޯޗެއްގެ ގޮތުގައި ވަރަށް ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ބައްޓޭ ސެމީ ފައިނަލް މެޗަށް ފަހު ބުންޏެވެ.

ސީސީގެ ކުޅުންތެރިން ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ. އަފްރޯ ބަލިކުރަން ސީސީ ނުކުންނާނީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށް އެޓީމުން ވަނީ ބުނެފަ. ފޮޓޯ: ކްލިކް ގްރަފީ
އަފްރޯގެ ކޯޗް އައްޒާމް އަލިފުޅު ބުނީ ތިންވަނަ ފަހަރަށް ތަށި ހޯދަން ނުކުތުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށެވެ.
“އަފްރޯ އެންމެ ފުރަތަމަ އަހަރުވެސް ނުކުތީ ތަށި ހޯދަން. އެކަންވި. ތަށި ދިފާއުކުރުން އެއީ އެންމެ އުނދަގޫ ކަންތައް ކަމަށް އެންމެންވެސް ގަބޫލުކުރޭ. ތަށި ދިފާއުވެސް ކުރެވުނީ. ދެން އެންމެ އުނދަގޫ ކަންތައް މީ. ތިންވަނަ ފަހަރަށް ތަށި މިލްކުކުރަން ނުކުތުން. ފައިނަލްގަ ކޮންމެ ޓީމަކާ ދެކޮޅަށް ނުކުތަސް ވަރަށް މަސައްކަތްކުރަންޖެހޭނެ މޮޅުވާން.” ވެލާ އަތުން މޮޅުވި ސެމީފައިނަލް މެޗަށްފަހު ވާހަކަދައްކަމުން އައްޒާމު ބުންޏެވެ.
ކޮންމެއަކަސް މިރޭގެ ފައިނަލަށް އަފްރޯ އާއި ސީސީ ނުކުންނައިރު ދެ ޓީމުވެސް އޮތީ ރަގަޅު ރޫހެއްގައެވެ. ތަށި ހޯދަން ބޭނުންވާ ހުނަރާއި، ހަކަތަ އާއި ތަޖުރިބާ ދެ ޓީމުގައިވެސް އެބަހުއްޓެވެ. ގައިމުވެސް މިއީ ފޯރިގަދަ އަދި ވާދަވެރި މެޗަކަށް ވާނެ ކަން އެއީ އެންމެ ޔަގީންކަމާއެކު ބުނަން ކެރޭނެ އެއް ވާހަކަ އެވެ.
އޭދަފުށި ފުޓްސަލް ދަނޑުގައި މިރޭގެ މެޗު ފަށާނީ 20:30 ގަ އެވެ.