އޭދަފުށި ފުޓްސަލް ކަޕްގެ ސެމީ ފައިނަލްގައި ރޭ ސީސީ ސްޕޯޓްސް އަތުން ބަލިވި އޯލް ވުލްވްސް އަކީ މި މުބާރާތް ބޭއްވި ފުރަތަމަ އަހަރު އެންމެ ގިނަ ބަޔަކު ހައިރާންކޮށްލި ޓީމެވެ. އެފަހަރުގެ މުބާރާތުގެ ފައިނަލުން އޯލް ވުލްވްސް ޖާގަ ހޯދިއިރު ހުސް ޒުވާން ކުޅުންތެރިން ހިމަނައިގެން ނުކުތް އެ ޓީމު މުބާރާތުގެ އެ ހިސާބަށް ދަތުރުކޮށްފާނެ ކަމަށް މަދު ބަޔަކު ނޫނީ ހިޔެއް ނުކުރެ އެވެ.
ޖެހިގެން އައި މުބާރާތުގައި އެ ޓީމާ މެދު އެހެން ޓީމުތަކުން ސަމާލުވި އެވެ. ފުރަތަމަ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައި އޮތުމުން ސަޕޯޓަރުންގެ އުންމީދުތައް މަތިވުމާއެކު އެ ޕްރެޝަރު ވެސް އޮތެވެ. އެއާއެކު ތަޖުރިބާ މަދު އެ ކުޅުންތެރިންނަށް ދެވަނަ މުބާރާތުގައި ދަތުރުކުރެވޭ ވަރުވީ ކުއާޓާ ފައިނަލާ ހަމައަށެވެ. އެކަމަކު ފުރަތަމަ ދެ އަހަރުގެ ތަޖުރިބާއާއެކު އާ ހިތްވަރެއް ލައި މިފަހަރު ނުކުމެ ސެމީ ފައިނަލާ ހަމައިން ބަލިވީ ލައްކަ ހިތްވަރުކޮށްފަ އެވެ. މުބާރާތުގެ އެންމެ ވަރުގަދަ އެއް ޓީމަށް ރޭ އޯލް ވުލްވްސް އަތުން ލިބުނު މޮޅަކީ ޔަގީނުންވެސް ފަސޭހަ މޮޅަކަށް ނުވާނެ އެވެ.
އޯލް ވުލްވްސްގެ ވާހަކައިން ފެށިޔަސް ދައްކަން މިއުޅެނީ މުޅިން އެހެން ވާހަކައެކެވެ. މިފަހަރުގެ މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް އޯލް ވުލްވްސް ދަތުރުކުރިއިރު އެ ޓީމު ކުޅުނު ކޮންމެ މެޗެއްގައި އެއްވަރެއްގައި ހިފަހައްޓާލި ދެ ކުޅުންތެރިއެއްގެ ވާހަކަ އެވެ. މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް އޯލް ވުލްވްސް ކުރި ދަތުރުގައި ކުރިމަތިވި ގަދަ ކުޅިގަނޑުތަކުގައި ޓީމު އޮޔާ ދިޔަ ނުދީ ހިފަހައްޓަން ފިޔަވަޅެއް ވެސް ފަހަތަށް ނުޖެހި ފިސާރި ވަރުގަދައަށް މަސައްކަތްކުރި ދެ ކުޅުންތެރިއެއްގެ ވާހަކަ އެވެ.

ސީސީ އަތުން ބަލިވެ އޯލް ވުލްވްސް ކެޓި މެޗަށް ފަހު ޝުއާއު. އުނދަގޫ ދަނޑިވަޅުގައި ޝުއާއު ދެއްކި ކުޅުން ގިނަ ބަޔަކު ފާހަގަކުރި. ފޮޓޯ: ކްލިކް ގްރަފީ
އޯލް ވުލްވެސް އަށް މުބާރާތުގައި ފުރަތަމަ ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ ގްރޫޕް ސްޓޭޖްގެ ދެވަނަ މެޗުގައި އެ ޓީމުގެ ހީރޯ ކަމަށްވާ އަހުމަދު ޖައުޝަން އަބްދުﷲ އަށް ދެއްކި ރަތް ކާޑެވެ. އެކަމަކު ގްރޫޕް ސްޓޭޖްގެ ތިން ވަނަ މެޗުން ޕޮއިންޓެއް ހޯދައި ކުއާޓާ ފައިނަލްގެ ޖާގަ އެޓީމުން ޔަގީންކުރި އެވެ. އެއާއެކު އަނެއްކާވެސް ކުއާޓާ ފައިނަލް މެޗުގައި، އެޓީމަށް ކުޅެމުން އައި ތިމަރަފުޓަށް އުފަން މުހައްމަދު ތޯހިރު އަށް ދެއްކި ރަތް ކާޑާ އެކު ސެމީ ފައިނަލް މެޗު އޯލް ވުލްވްސް އަށް ކުޅެން ޖެހުނީ އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ނުލަ އެވެ. މިހުރިހާ ހާލަތެއްގައި ވެސް އޯލް ވުލްވްސްގެ މުހައްމަދު ޝުއާއު ޝަމްއޫން އާއި މުޙައްމަދު ރަފްހާންގެ ފަރާތުން ފެނުނީ ކުޅިވަރުގެ އެންމެ މަތީ އަހުލާގެވެ.
މެޗް ހޫނުވެގެންދާ ވަގުތުތަކުގައި ކުޅުންތެރިން ހަމަޖައްސައި ޓީމު ހަމައަކަށް އެޅުވުމުގައި ޝުއާއު އާއި ރަފްހާން ދެއްކީ އެހެން ޒުވާން ކުޅުންތެރިންނަށް ނަމޫނާއަކަށް ފުދޭ ވަރުގެ މިސާލެކެވެ.
“ޓީމު ހަމަޖެއްސުމުގައި އަބަދުވެސް ލީޑްކުރާނީ ޝުއާއު އާއި ރަފްހާން. އެތަން މުޅި މުބާރާތުގައިވެސް ފެނިގެން އެ ދިޔައީ” މިފަހަރުގެ މުބާރާތުގައި އޯލް ވުލްވްސްގެ ކޯޗެއްގެ ޒިންމާ އަދާކުރި އަހްމަދު ފަސީލް “ފަހުމިނެޓް” އާ ވާހަކަދައްކަމުން ބުނެފައިވެ އެވެ.
ޓީމުގެ މުހިންމު ކުޅުންތެރިއަކު ނުލައި ގަޑި ހުއްޓައިގެން ކުޅެންޖެހޭ މެޗަކަށް ނުކުންނަން ޖެހުމަކީ ރޭގެ މެޗްގައި އޯލް ވުލްވްސް އަށް ދިމާވި އެންމެ ބޮޑު ގޮންޖެހުން ކަމުގައި ކޯޗް ފަސީލް ފާހަގަކުރި އެވެ. އަދި އޭގެ އިތުރުން މެޗް ހިނގަމުން ދަނިކޮން އެ ޓީމުގެ އެންމެ އުންމީދީ އެއް ކުޅުންތެރިޔާ އީގާން އަބްދުލްމަޖީދަށް އަނިޔާވުމަކީ ވެސް އޯލް ވުލްވްސް އަށް ކުރިމަތިވި އިތުރު މައްސަލައެކެވެ.

އޯލް ވުލްވްސްގެ ރަފްހާން. ޑިފެންސާއި އެޓޭކުގައި މުހިއްމު ދައުރެއް އަދާކުރި ހުނަރުވެރި ކުޅުންތެރިއެއް. ފޮޓޯ: ކްލިކް ގްރަފީ
މުޅި މުބާރާތުގައި އޯލް ވުލްވްސް އިން ދެއްކި ކުޅުމަށް ބަލާއިރު ޝުއާއު އާއި ރަފްހާންގެ ކުޅުން ވަކިން ހާއްސަގޮތެއްގައި ފާހަގަކުރެވޭ ކަމަށް ކޯޗު ފަސީލް ފާހަގަކުރި އެވެ. އޯލް ވުލްވްސް އުފެއްދުމުގައި ވެސް އެންމެ އިސްކޮށް ހަރަކާތްތެރިވި މެންބަރުންގެ ތެރޭގައިވެސް ހިމެނޭ އެ ދެ ކުޅުންތެރިންގެ ފަރާތުން އެ ފެނުނު ކުޅުމަކީ ކުޅިވަރުގެ ޑިސިޕްލިން ބަރާބަރަށް ހިފެހެއްޓުމުގެ ނަތީޖާ އެވެ.
“އެއީ ރޭގަނޑު ބަރާބަރަށް ނިދައި، ކެއުން ރަނގަޅަށް ބަހައްޓައި، ގަވައިދުން ޕްރެކްޓިސްތަކުގައި ބައިވެރިވުމުގެ ނަތީޖާ. އެހުރިހާ ކަމެއް އެ ދެ ކުޅުންތެރިން ވަރަށް ބަރާބަރަށް ކުރި” އޭދަފުށީގައި މިހާރު ތިބި ޒުވާން ކުޅުންތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ، ޟުއާއު އާއި ރަފްހާންގެ ކުޅުމާ ގުޅޭގޮތުން ވާހަކަދައްކަމުން އޯލް ވުލްވްސްގެ ކޯޗް ބުނެފައިވެ އެވެ.