ފުރަތަމަ ސަފްޙާ / ޚަބަރު / ފައުޒް އާއި ފެލޭލާ 100 ޕަސެންޓް ރެކޯޑާ އެކު ސެމީ އަށް

ފައުޒް އާއި ފެލޭލާ 100 ޕަސެންޓް ރެކޯޑާ އެކު ސެމީ އަށް

އެޑްމިން
އެޑްމިން
10 މަސް ކުރިން 4 އެޕްރީލް 2025

ފ. މަގޫދޫ ޒުވާނުންގެ ކްލަބުން އިންތިޒާމުކޮށްގެން އެރަށުގައި ކުރިއަށްގެންދާ އެލް4 ކަޕް ފުޓްސަލް މުބާރާތުގައި، 100 ޕަސެންޓް ރެކޯޑާ އެކު މަގޫދޫގެ ފެލޭލާ ސްޕޯޓްސް ކްލަބާއި މަގޫދޫ ފައުޒް ސްޕޯޓްސް ކްލަބް ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ގްރޫޕް އެކެއްގައި ހިމެނޭ ފެލޭލާ ރޭ ވަނީ މަގޫދޫގެ ސީއެސް ސްޕޯޓްސް – ސްކޯޕިއަންސްއާ ވާދަކޮށް 3-7 އިން މޮޅުވެފަ އެވެ. މެޗުގައި ފެލޭލާގެ ސާމިން މުހައްމަދު ރަޝީދު (ސާންކޮ) ހެޓްރިކް ހެދި އެވެ. އެޓީމުގެ އަނެއް ހަތަރު ގޯލު ކާމިޔާބުކޮށްދިނީ މޫސާ މާހިލް މިގްދާދު އާއި މޫސާ އަސްއަދު އަންވަރު އަދި މުހައްމަދު ޒުނެއިރުގެ އިތުރުން އަބްދުﷲ ޖުނެއިދު (ޖޭންނެ) އެވެ. ސީއެސް ސްޕޯޓްސްގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ އާމިލް އަލީ އެވެ. އަނެއް ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު މާއިން މުމްތާޒެވެ.

ފައުޒް ސްޕޯޓްސް ރޭ ވަނީ މަގޫދޫގެ އޭއެމްޑީއާ ވާދަކޮށް 1-6 އިން މޮޅުވެފަ އެވެ. މެޗުގައި އީރާނުގެ ފުޓްސަލް ކުޅުންތެރިޔާ އަލީ ރެޒާ އަދި ހަސަން ހުޝާމް، ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. ބާކީ ގޯލުތައް ކާމިޔާބުކޮށްދިނީ މުހައްމަދު އަރީޝް އާއި ސޮލާހް އަލީ އެވެ. އޭއެމްޑީގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު މުނީރު އެވެ.

މުބާރާތުގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ދެޓީމުން ވަނީ ގްރޫޕް ސްޓޭޖުގެ ހަތަރު މެޗު ވެސް ކާމިޔާބުކޮށް 12 ޕޮއިންޓް ހޯދައިފަ އެވެ. އެ ޓީމުތަކާ ދެކޮޅަށް ސެމީ ފައިނަލުގައި ކުޅޭނެ ޓީމުތައް ކަށަވަރުވާނީ މިރޭ ކުޅޭ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކަށް ފަހު އެވެ.

ރޭ ވަނީ އިތުރު ދެ މެޗު ވެސް ކުޅެފަ އެވެ. އެގޮތުން، ދަރަނބޫދޫގެ ވެސްޓް ސިޓީ އާއި ދ. މީދޫގެ އެފްސީ ރެއިޑާސް ވާދަކުރި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. އަނެއް މެޗުގައި ދަރަނބޫދޫގެ ގަޓް ސިޓީ ވަނީ މަގޫދޫގެ ފައުޒް ނިއު ޖެނެރޭޝަން އަތުން 0-2 އިން ބަލިވެފަ އެވެ.

ފައުޒް ނިއު ޖެނެރޭޝަނަށް ގޯލުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ރައްޒާނާއި އަހުމަދު ޝުއޫނެވެ.

އެލް4 ކަޕް ގްރޫޕް ސްޓޭޖުގެ ތެރެއިން. ފޮޓޯ: އެލް4 ކަޕް

ގްރޫޕް އެކެއްގެ ފަހު ދެ މެޗު މިރޭ ކުޅޭއިރު، 20:15 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ސީއެސް ސްޕޯޓްސް އާއި ގަޓް ސިޓީ އެވެ. އެ ގްރޫޕުގެ ފަހު މެޗުގައި ފައުޒް ނިއު ޖެނެރޭޝަނާއި އެފްސީ ވައިޕާސް ވާދަކުރާ މެޗު ކުޅޭނީ 22:15 ގަ އެވެ.

ގްރޫޕް ދޭއްގެ ފަހު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި 21:15 ގަ ވާދަކުރާނީ އޭއެމްޑީ އާއި ވެސްޓް ސިޓީ އެވެ. ގްރޫޕް ދޭއްގެ ފަހު މެޗުގައި 23:15 ގައި ބައްދަލުކުރާނީ އެފްސީ ރެއިޑާސް އާއި އެފްސީ ޒަލްޒަލާ އެވެ.

ގްރޫޕް އެކެއްގެ ދެ ވަނައިގައި 4 ޕޮއިންޓާ އެކު އޮތީ ފައުޒް ނިއު ޖެނެރޭޝަނެވެ. ތިން ވަނައިގައި އޮތް އެފްސީ ވައިޕާސް އާއި ހަތަރު ވަނައިގައި އޮތް ގަޓް ސިޓީ އަށް ވެސް ލިބިފައިވަނީ 3 ޕޮއިންޓެވެ. ޕޮއިންޓަކާ އެކު ފުލުގައި އޮތް ސީއެސް ސްޕޯޓްސް އަށް ވެސް ސެމީ ފައިނަލުގެ ފުރުސަތު އަދި ނުގެއްލެ އެވެ.

ގްރޫޕް ދެއަކަށް ބަލާއިރުވެސް ސެމީގެ ދެވަނަ ޖާގަ ވަނީ ވާދަވެރިވެފަ އެވެ. އެ ގްރޫޕުގެ ދެ ވަނައިގައި އޮތް އެފްސީ ރެއިޑާސް އާއި ތިން ވަނައިގައި އޮތް ވެސްޓް ސިޓީ އަށް ވަނީ 4 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތީ 3 ޕޮއިންޓް ލިބިފައިވާ ޒަލްޒަލާ އެވެ. ޕޮއިންޓެއް ނުލިބި ފުލުގައި އޮތް އޭއެމްޑީ ވަނީ މުބާރާތުން ކަޓައިފަ އެވެ.

މިރޭ ސެމީގެ ދެވަނަ ޖާގަތައް ކަށަވަރުވާއިރު، ސެމީ ފައިނަލް މެޗުތައް ކުޅޭނީ މާދަމާ ރެ އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 6 ވަނަ ދުވަހު އެވެ.

މިއަހަރުގެ މުބާރާތް މަގޫދޫ ޒުވާނުންގެ ކްލަބުން ކުރިއަށް ގެންދަނީ އެރަށު ކައުންސިލާ ގުޅިގެންނެވެ. މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ފަހުމިނެޓެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!