އޭދަފުށި ފުޓްސަލް ކަޕް ފައިނަލުގެ ޖާގަތައް މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވުނު އަފްރޯ ސްޕޯޓްސް ކްލަބާއި ސީސީ ސްޕޯޓްސް ކްލަބް ހޯދައިފި އެވެ.
އޭދަފުށި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފުރަތަމަ ސެމީ ފައިނަލުގައި ވެލާ ސްޕޯޓްސްއާ ވާދަކޮށް އަފްރޯ މޮޅުވީ 3-5 އިންނެވެ. ދެވަނަ ސެމީގައި ސީސީ ސްޕޯޓްސް ކްލަބް ވަނީ އޯލް ވުލްވްސް 1-3 އިން ބަލިކޮށްފަ އެވެ.
އަފްރޯއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ވެލާ ސްޕޯޓްސް ނިންމާލީ ލީޑުގައި އޮވެގެންނެވެ. އެކަމަކު މެޗުގެ ދެވަނަ ހާފުގައި އަފްރޯ އިން ނަތީޖާ އަނބުރާލި އެވެ. މެޗުގައި އަފްރޯގެ ތަފާތަކަށްވީ އުނައިސް ޒުބައިރު ޖެހި ހަތަރު ގޯލެވެ. މުޅި މެޗުގައި ވެސް އުނައިސް ފެނުނީ ރަނގަޅު ކުޅުމެއް ދައްކައި ވެލާގެ ގޯލަށް ނުރައްކާ ކުރިތަނެވެ. އަފްރޯގެ އަނެއް ގޯލު މުހައްމަދު ފާސިރު (ފާއްޓެ) ގެ އެހީގައި ކާމިޔާބުކުރީ މުހައްމަދު ސާދު ނިޒާރު އެވެ.
ވެލާ ސްޕޯޓްސްގެ ގޯލުތައް ކާމިޔާބުކޮށްދިނީ އަހުމަދު ޝުހައިލްގެ އިތުރުން މުހައްމަދު ޔަމާން އަދި އިބްރާހީމް ސިނާހް (ސިނާ) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އަފްރޯގެ އުނައިސް އެވެ.

ރޭގެ މެޗުގައި ސައްޓު ބޯޅަ ހިފައިގެން. އަނިޔާގެ ސަބަބުން ގިނަ މެޗުތަކުގައި ސައްޓު އިނީ ބެންޗުގަ. ފޮޓޯ: ކްލިކް ގްރަފީ
ފުރަތަމަ ސެމީގައި ވެލާ އިން ރަނގަޅު ވާދައެއް ކުރި ގޮތަށް ދެވަނަ ސެމީގައި އޯލް ވުލްވްސް އިން ވެސް ސީސީއާ ދެކޮޅަށް ހިތްވަރުގަދަ ކުޅުމެއް ދެއްކި އެވެ. އޯލް ވުލްވްސް އަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ، ސެމީ އަށް ނުކުތްއިރު ރަތް ކާޑުގެ ސަބަބުން އެންމެ މުހިއްމު ކުޅުންތެރިޔާ މުހައްމަދު ތޯހިރު ސަސްސްޕެންޑް ވުމެވެ.
ސީސީ މޮޅުވި މެޗުގެ ފުރަތަމަ ހާފު އެޓީމުން ނިންމާލީ މުއާޒް އަލީގެ ގޯލުން ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފުގައި އޯލް ވުލްވްސް އަށް ލިބުނު ޕެނަލްޓީއަކުން މުހައްމަދު ރަފްހާން ނަތީޖާ ހަމަހަމަ ކޮށްދިނެވެ. ޕެނަލްޓީ ލިބުނީ އޭރިޔާ ތެރެއިން އަލީ ހާފިޒް (ހާއްޕެ) ގެ އަތުގައި ބޯޅަ ޖެހުމުންނެވެ.
އޯލް ވުލްވްސް މެޗު އެއްވަރުކުރަން މަސައްކަތް ކުރަމުން ދަނިކޮށް، މެޗުގެ ފަހުކޮޅު ސީސީން ދެ ގޯލު ޖަހައި މޮޅުވި އެވެ. އެޓީމުގެ ދެވަނަ ގޯލު ޖެހީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިމްތިޝާލް އަބްދުއްރަހީމް (ޕަބް) އެވެ. ފަހު ގޯލު ޖެހީ ހައްފާފް ސިދުގީ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އިމްތިޝާލް އެވެ.

ހާއްޕެ ރޭގެ މެޗުގައި ބޯޅަ ހިފައިގެން. ސީސީ ޖެހި ގޯލުތަކުގައި މުހިއްމު ދައުރެއް އަދާކުރި. ފޮޓޯ: ކްލިކް ގްރަފީ
މުބާރާތުގެ ފައިނަލުގައި އަފްރޯ އާއި ސީސީ ވާދަކުރާ ފައިނަލް މެޗު އޮންނާނީ މާދަމާ ރެ އެވެ. މިދިޔަ އަހަރުގެ ފައިނަލުގައި އެ ދެޓީމު ވާދަކުރި ފައިނަލުން މޮޅުވީ އަފްރޯ އެވެ.
މުބާރާތުގެ ބޭންކިން ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް އެވެ. ޓްރެވަލް ޕާޓްނަރުގެ ގޮތުގައި ހަމަޖައްސާފައިވަނީ އޭދަފުށީގައި އެންމެ ފުޅާކޮށް ލޯންޗު ދަތުރުތައް ކުރާ ޔޫސުފް ސްޕީޑެވެ. ޕްރިންޓިން ޕާޓްނަރަކީ އިންކްޑް މޯލްޑިވްސް އެވެ. ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސާފައިވާއިރު، ބެވެރެޖް ޕާޓްނަރަކީ ފެމިލީ ގާޑިޔާ އެވެ. އިތުރު ސްޕޮންސަރުންގެ ތެރޭގައި ނަޔާ ފެރީ ސަރވިސް އާއި ޓޭކް އަވޭގެ އިތުރުން ހިތްވަރު ބްލޮކްސް އަދި ސީވިއު ބިސްޓްރޯ ހިމެނެ އެވެ.
މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ.