އޭދަފުށި ކައުންސިލުން އިންތިޒާމުކޮށްގެން އެރަށުގައި މިހާރު ކުރިއަށްގެންދާ އޭދަފުށި ފުޓްސަލް ކަޕް 2025 ގެ ސެމީ ފައިނަލަށް ޓީމުތައް ހޮވިއްޖެ އެވެ.
ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުތައް ކާމިޔާބުކޮށް ސެމީ ފައިނަލުގެ ޖާގަތައް ކަށަވަރުކުރީ ފުރަތަމަ ދެ އަހަރުގެ ޗެމްޕިއަން އަފްރޯ ސްޕޯޓްސް ކްލަބާއި ސީސީ ސްޕޯޓްސް ކްލަބުގެ އިތުރުން ވެލާ ސްޕޯޓްސް ކްލަބް އަދި އޯލް ވުލްވްސް އެވެ.
އޭދަފުށި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި އަފްރޯ ސްޕޯޓްސް އިން ވަނީ މުރިނގު އެފްސީ 0-3 އިން ބަލިކޮށްފަ އެވެ. މެޗުގައި އަފްރޯގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގެ ކުރީކޮޅު ޖެހީ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އެވެ.
އަފްރޯގެ ދެވަނަ ގޯލު ޕޮގްބާ ދިން ބޯޅައަކުން ޖެހީ އުނައިސް ޒުބެއިރު އެވެ. އަފްރޯގެ ތިން ވަނަ ގޯލު މެޗު ނިމެން ދަނިކޮށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި މުހައްމަދު ސާދު ނިޒާރު އެވެ.

އަފްރޯ އިން މުރިނގު ބަލިކުރި މެޗުގައި ސާދު ބޯޅަ ފޮނުވާލަނީ. ފޮޓޯ: ކްލިކް ގްރަފީ
ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި ސީސީ ސްޕޯޓްސް ކްލަބް ވަނީ އެއިޓީފޯ އެފްސީއާ ވާދަކޮށް 0-6 ގެ ތަފާތަކުން މޮޅުވެފަ އެވެ. މެޗުގައި ސީސީ ސްޕޯޓްސްގެ ޒުވާން ތަރި އިމްތިޝާލް އަބްދުއްރަހީމް (ޕަބް) ވަނީ ހެޓްރިކް ހަދައިފަ އެވެ. ޖުމްލަ 10 ގޯލާ އެކު މުބާރާތުގެ ލަނޑު ލިސްޓުގެ އެއްވަނައި އޮތީ އޭނާ އެވެ.
ސީސީގެ އަލީ ނަސީމް (ދިއްލި) ރޭ ވަނީ ދެ ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދާފަ އެވެ. އެޓީމުގެ އަނެއް ގޯލު ޖެހީ އަލީ ހާފިޒް (ހާއްޕެ) އެވެ.
މެޗުގެ ފުރަތަމަ ހާފުގައި އެއިޓީފޯގެ އެންމެ މުހިއްމު ކުޅުންތެރިޔާ ސުލްތާން ހަބީބަށް އަނިޔާވެގެން ބާލަން ޖެހުމުން އެޓީމަށް އުނދަގޫވި އެވެ. މެޗުގެ ބާކީ ބައިގައި ސުލްތާން ނެތްތައް އެއިޓީފޯ އެފްސީން ވަރަށް ބޮޑަށް ދެއްކި އެވެ.

ސީސީ ސްޕޯޓްސްގެ ހާއްޕެ އާއި ދިއްލި ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: ކްލިކް ގްރަފީ
ކުއާޓާ ފައިނަލުގައި އެންމެ ފޯރިގަދަކޮށް ފެނުނީ ވެލާ ސްޕޯޓްސް ކްލަބާއި ކްލަބް ފޯކަސް ވާދަކުރި މެޗެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 4-4 އިން ދެޓީމު އެއްވަރުވެގެންނެވެ. ވެލާ ކުރި ހޯދީ ޕެނަލްޓީގައި 4-5 އިންނެވެ.
މެޗުގައި ވެލާގެ ގޯލުތައް ކާމިޔާބުކޮށްދިނީ އަހުމަދު ސުހައިލް (ބަންބުޗް) އާއި އިސްމާއީލް އުމަރު އަދި އިބްރާހީމް ސިނާހު (ސިނާ) އެވެ. މެޗު ތެރެއިން ސިނާ އަށް ލިބުނު ޕެނަލްޓީއެއް ވަނީ ނާކާމިޔާބުވެފަ އެވެ.
އޯލް ވުލްވްސްގެ ގޯލުތައް ކާމިޔާބުކޮށްދިނީ މާހިލް މުހައްމަދު އަބޫބަކުރާއި ދެ ގޯލު ޖެހި މުހައްމަދު ޝަޒާންގެ އިތުރުން މުހައްމަދު މާހު އެވެ.
ޕެނަލްޓީގައި ދެޓީމަށް ވެސް މޮޅުވާން ފުރުސަތު ލިބުނެވެ. ވެލާ ސްޕޯޓްސް މޮޅުވީ، އަރަމުން އަންނަ ޒުވާން ކުޅުންތެރިޔާ މުހައްމަދު އަލޫފް ރިފާއު ފޮނުވާލި ޕެނަލްޓީ ބޭރަށް ދިއުމުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ވެލާގެ ބަންބުޗެވެ.

ކްލަބް ފޯކަސްގައި މޮޅު ކުޅުމެއް ދެއްކި ސުޒެއިރު ބޯޅަ ހިފައިގެން. ވެލާ އަތުން އެޓީމު ބަލިވީ ޕެނަލްޓީ ޖަހައިގެން. ފޮޓޯ: ކްލިކް ގްރަފީ
ކުއާޓާ ފައިނަލުގެ ފަހު މެޗުގައި ނަލަ ބްރަދާސް އަތުން އޯލް ވުލްވްސް މޮޅުވީ 1-3 އިންނެވެ. އޯލް ވުލްވްސްގެ ދެ ގޯލު މުހައްމަދު ޝާން އަބްދުލްގަފޫރު ކާމިޔާބު ކުރިއިރު އަނެއް ގޯލު ޖެހީ މުހައްމަދު ރަފްހާން އެވެ. ނަލަ ބްރަދާސްގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު ފާތިން އެވެ.
މެޗުން މޮޅުވި ނަމަވެސް އޯލް ވުލްވްސްގެ މުހިއްމު ކުޅުންތެރިޔާ، މުހައްމަދު ތޯހިރަށް ރޭ ރަތް ކާޑު ދެއްކުމުން މިރޭގެ ސެމީ ފައިނަލުގައި ނުކުޅެވޭނެ އެވެ.
ސެމީގެ ފުރަތަމަ މެޗުގައި އަފްރޯ ސްޕޯޓްސް ކްލަބާއި ވެލާ ސްޕޯޓްސް ވާދަކުރާ މެޗު ފަށާނީ މިރޭ 8:15 ގަ އެވެ. ސީސީ ސްޕޯޓްސް އާއި އޯލް ވުލްވްސް ވާދަކުރާ ދެވަނަ ސެމީ ފަށާނީ 21:45 ގަ އެވެ.
ސެމީ ފައިނަލްގެ މެޗުތައް ކުޅޭނީ ގަޑި ހުއްޓައިގެންނެވެ.
މިއަހަރުގެ މުބާރާތުގައި އޭދަފުށީގެ 12 ޓީމަކުން ބައިވެރިވި އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ފަހުމިނެޓެވެ.