ފުރަތަމަ ސަފްޙާ / ޚަބަރު / ސީސީ އިން ދިން ފުރުސަތާއެކު ޕަބް ދައްކާލީ އެއްވަނައިގެ ކޮލިޓީ
ފަހުމިނެޓް

ސީސީ އިން ދިން ފުރުސަތާއެކު ޕަބް ދައްކާލީ އެއްވަނައިގެ ކޮލިޓީ

އެޑްމިން
އެޑްމިން
10 މަސް ކުރިން 3 އެޕްރީލް 2025

މިހާރު ކުރިއަށްދާ އޭދަފުށި ފުޓްސަލަ ކަޕްގައި ރާއްޖޭގެ ނަން މަޝްހޫރު ފުޓްސަލް ތަރިން ކުޅެމުން އަންނައިރު އެ ކުޅުންތެރިންނާ އެއް ހަމައެއް ނުވަތަ އެއަށްވުރެ ވެސް އުހުގައި ފިޔަޖަހާތަން ފެންނަ ޒުވާން ތަރިން އެބަތިއްބެވެ. އޭގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔަކީ މުބާރާތުގެ އެއް ފޭވަރިޓުން ކަމަށްވާ ސީސީ ސްޕޯޓްސް ކްލަބްގެ އިމްތިޝާލް އަބްދުއްރަހީމް (ޕަބް) އެވެ. މުބާރާތުގެ ކުއާޓާ ފައިނަލްގެ މެޗުތައް ރޭ ނިމުނުއިރު ޒުވާން އިމްތިޝާލް ވަނީ މުބާރާތުގައި މިހާތަނަށް 10 ގޯލް ކާމިޔާބުކޮށްފަ އެވެ. އެއާއެކު އިމްތިސާލް ވަނީ މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓްގެ އެންމެ ކުރިއަށް އަރައިފަ އެވެ.

އިމްތިޝާލްގެ ތިން ގޯލާއެކު އެއިޓީފޯ އެފްސީ އަތުން 0-6 އިން ސީސީ ސްޕޯޓްސް ކްލަބް ހޯދި މޮޅާއެކު މުބާރާތުގެ ސެމީ ފައިނަލަށް އެ ޓީމު ވަނީ ދަތުރުކޮށްފަ އެވެ. އިމްތިޝާލްއާ އެކު މި މުބާރާތުގައި ސީސީ ސްޕޯޓްސް ކްލަބަށް ރާއްޖޭގެ އެންމެ މަޝްހޫރު އެއް ފުޓްސަލް ކުޅުންތެރިޔާ ޢަލީ ހާފިޒް (ހާއްޕެ) ވެސް އަންނަނީ ކުޅެމުންނެވެ. މިފަހަރުގެ މުބާރާތުގައި އިމްތިޝާލްގެ ފަރާތުން ފެންނަ މޮޅު ކުޅުމަކީ އެ ކުޅުންތެރިޔާ ގަބޫލުކުރާ ގޮތުގައި ހިތްވަރާއިއެކު ކުރި ބުރަ މަސައްކަތުގެ ނަތީޖާ އެވެ.

“މިއީ ހަމަ ކުރެވުނު ބުރަ މަސައްކަތުގެ ނަތީޖާ. މުބާރާތް ފެށުމުގެ ކުރިން ކޮންމެ ރެއަކު ބަރާބަރަށް ކުޅެން އައިސް ކުރި މަސައްކަތް އަސްލު. މިދިޔަ އަހަރުގެ މުބާރާތް ނިމުނީއްސުރެ ޓާގެޓަކަށް ވެފައި އޮތީ މިފެންވަރުގައި ކުޅުން” ކުއާޓާ ފައިނަލް މެޗަށްފަހު “ފަހުމިނެޓް”އަށް ދިން އިންޓަވިއުއެއްގައި އިމްތިޝާލް ބުނެފައިވެ އެވެ.

މުބާރާތުގެ މެޗެއްގެ ތެރެއިން ޕަބް ބޯޅަ ފޮނުވާލަނީ. މިއަހަރުގެ މުބާރާތުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ޕަބް ދައްކަމުން އަންނަ މޮޅު ކުޅުމަށް. ފޮޓޯ: ކްލިކް ގްރަފީ

ވާދަވެރި މެޗްތަކުގައި އިމްތިޝާލްގެ ހުނަރު ދައްކާލުމުގެ ފުރުސަތު މާގިނައިން ލިބިފައި ނުވި ނަމަވެސް އިމްތިޝާލް ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު މާލޭގައި ކުރިއަށްދިޔަ ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އޭދަފުށިން ބައިވެރިވި ޓީމްގެ ސްކޮޑްގައި ހިމެނިފަ އެވެ. އަދި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިދިޔަ ދެ އަހަރު އޭދަފުށިން ބައިވެރިވި ޓީމުގައި ވެސް އިމްތިޝާލް ވަނީ ހިމެނިފަ އެވެ. މިއިން އެއްވެސް ފަހަރެއްގައި އިމްތިޝާލްގެ އަސްލު ކޮލިޓީ ދައްކާލަން މާގިނަ ފުރުސަތުތަކެއް ނުލިބުނަސް އޭނާގެ އަޒުމަކަށް ގުޑުމެއް ނޭރި އެވެ.

“ކުރިން މިގޮތަށް ވަރަށް ފުރުސަތު ނުލިބޭ. އެކަމަކު މޮޅު ކުޅުންތެރިންނާއެކު ފަރިތަކުރަން ފުރުސަތު ލިބުމަކީވެސް ކުރިއެރުމެއް ކަމަށް ގަބޫލުކުރީ. އަބަދުވެސް ހިތުގަ އޮވޭ ފުރުސަތު ލިބޭ ދުވަހަކުން މެނޭޖްމަންޓަށް ދައްކާނަމޭ ފެންވަރު ހުރިކަން” އިމްތިޝާލް ބުނެފައިވެ އެވެ.

އިމްތިޝާލްގެ ވާހަކަ ތެދެވެ. އޭނާއަށް މިފަހަރުގެ މުބާރާތުގައި ސީސީ އިން ދިން ފުރުސަތާއެކު މާބޮޑަށް ވެސް ތަފާތު މިވަނީ ދައްކައިފަ އެވެ. އެއާއެކު މި މުބާރާތާ މެދު އޭނާގެ އުންމީދުތައް ވެސް މައްޗެވެ.

“އެންމެ ބޭނުންވަނީ ސީސީއަށް ތަށި ހޯދައިދިނުން. އެއަށްފަހު އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުމަކީ ކުރާ ވަރަށް ބޮޑު އުންމީދެއް” މި ނޫހަށް ދިން އިންޓަވިއު ނިންމާލަމުން އިމްތިޝާލް ބުނެފައިވެ އެވެ.

މިހާތަނަށް އިމްތިޝާލް މުބާރާތުގައި ދައްކައިފައިވާ ކުޅުމަށް ބަލާއިރު އެއީ ނުވާނެ ކަމެއް ކަމަށް ބަލާނެ ޖާގައެއް މިހާރަކު ޔަގީނުން ވެސް ނެތެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!