ފ. މަގޫދޫގައި މިހާރު ކުރިއަށްދާ އެލް4 ކަޕް ފުޓްސަލް މުބާރާތުގައި ފ. ދަރަނބޫދޫގެ ދެޓީމުން މުހިއްމު މޮޅުތަކެއް ރޭ ހޯދައިފި އެވެ.
ދަރަނބޫދޫ އިން މުބާރާތުގައި ވާދަކުރާ ގަޓް ސިޓީ ރޭ ވަނީ ގްރޫޕް އެކެއްގައި ދ. މީދޫގެ އެފްސީ ވައިޕާސްއާ ވާދަކޮށް 2-1 އިން މޮޅުވެފަ އެވެ. އަދި، ގްރޫޕް ދޭއްގައި ދަރަނބޫދޫގެ ވެސްޓް ސިޓީ ވަނީ 2-1 އިން ބިލެއްދޫގެ އެފްސީ ޒަލްޒަލާ ބަލިކޮށްފަ އެވެ.
ފުރަތަމަ މެޗުގައި ގަޓް ސިޓީ ވަނީ ފެލޭލާ ސްޕޯޓްސް ކްލަބް އަތުން 1-6 އިން ބަލިވެފަ އެވެ. އަދި ވެސްޓް ސިޓީ ވަނީ މުބާރާތުގައި ވަރުގަދަކޮށް ފެންނަ ފައުޒް ސްޕޯޓްސް ކްލަބް އަތުން ފުރަތަމަ މެޗުގައި 1-3 އިން ބަލިވެފަ އެވެ. ރޭގެ މޮޅުތަކާ އެކު ދަރަނބޫދޫގެ ދެޓީމަށް ވަނީ ކުރިއަށް ދިއުމުގައި އުއްމީދު ލިބިފަ އެވެ.
ގަޓް ސިޓީގެ ގޯލުތައް މެޗުގައި ކާމިޔާބުކޮށްދިނީ ރަޔާން ރިޔާހު އާއި އާދަމް އަހުމަދު އެވެ. ވައިޕާސްގެ ހަމައެކަނި ލަނޑު ޖެހީ އަލަފް އަހުމަދު އެވެ.
ވެސްޓް ސިޓީން ޒަލްޒަލާ ބަލިކުރީ ދަރަނބޫދޫ އަށް ނިސްބަތްވާ ހުނަރުވެރި ކުޅުންތެރިޔާ ސާޖިދު އަހުމަދު އިބްރާހީމް ޖެހި ދެ ގޯލުންނެވެ. ޒަލްޒަލާގެ ހަމައެކަނި ގޯލު މެޗުގައި ޖެހީ ޝާވިލް ސަލީމެވެ.

މަގޫދޫގައި ކުރިއަށްދާ އެލް4 ކަޕްގެ ތެރެއިން. ފޮޓޯ: އެލް4 ކަޕް
ގްރޫޕް އެކެއްގައި ހިމެނޭ ފައުޒް ނިއު ޖެނެރޭޝަނާ ވާދަކޮށް ފެލޭލާ ސްޕޯޓްސް ކްލަބް ރޭ ވަނީ 1-3 އިން މޮޅުވެފަ އެވެ. މެޗުގައި ފެލޭލާގެ ގޯލުތައް ކާމިޔާބުކޮށްދިނީ މޫސާ މާހިލް މިގްދާދު އާއި މޫސާ އަސްއަދު އަންވަރުގެ އިތުރުން އަހުމަދު ވިޖުދާން (ވިޖުއްކޮ) އެވެ. ފައުޒް ނިއު ޖެނެރޭޝަންގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ރަޒާން އެވެ.
މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ފައުޒް ސްޕޯޓްސް ކްލަބް ރޭ ވަނީ ދ. މީދޫގެ އެފްސީ ރެއިޑާސްއާ ވާދަކޮށް 0-5 އިން މޮޅުވެފަ އެވެ. މުބާރާތުގައި ފައުޒް ސްޕޯޓްސް އަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ މުހައްމަދު އަރީޝް ދެ ގޯލު ޖެހި އެވެ. ބާކީ ގޯލުތައް އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އަލިޔާން އަބްދުﷲ އާއި މަހުދީ އަހުމަދު އަދި އީރާނުގެ އަލީ ރެޒާ އެވެ.

ފައުޒް ސްޕޯޓްސް މޮޅުވި މެޗުގެ ތެރެއިން. ފޮޓޯ: ފައުޒް ސްޕޯޓްސް ކްލަބް
ފެލޭލާ އާއި ފައުޒް ސްޕޯޓްސް ކްލަބް ވަނީ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެފަ އެވެ. މުބާރާތުގައި އެންމެ ވަރުގަދަކޮށް ފެންނަނީ ވެސް އެ ދެޓީމެވެ.
މުބާރާތުގައި މިރޭ ވެސް ހަތަރު މެޗު ކުޅޭނެ އެވެ.
ގްރޫޕް އެކެއްގައި ކުޅޭ ފުރަތަމަ މެޗުގައި ގަޓް ސިޓީ ނުކުންނާނީ ފައުޒް ނިއު ޖެނެރޭޝަނާ ދެކޮޅަށެވެ. އެ ގްރޫޕުގެ އަނެއް މެޗުގައި ފެލޭލާ ސްޕޯޓްސް ކްލަބް ކުޅޭނީ ސީއެސް ސްޕޯޓްސްއާ އެވެ. ގަޓް ސިޓީގެ މެޗު 21:15 ގައި ފަށާއިރު ފެލޭލާ ކުޅޭ މެޗު ފަށާނީ 23:15 ގަ އެވެ.
ގްރޫޕް ދޭއްގައި މިރޭ 20:15 ގައި ވެސްޓް ސިޓީ އާއި އެފްސީ ރެއިޑާސް ވާދަކުރާއިރު ފައުޒް ސްޕޯޓްސް ކްލަބް 22:15 ގައި ނުކުންނާނީ އޭއެމްޑީއާ ދެކޮޅަށެވެ.
މިއަހަރުގެ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ފަހުމިނެޓެވެ. މަގޫދޫ ފުޓްސަލް ދަނޑުގައި ކުޅޭ ހުރިހާ މެޗެއްވެސް މެންދުރު ޓީވީން ލައިވް ކުރާނެ އެވެ.