އޭދަފުށި ފުޓްސަލް ކަޕްގައި މިހާތަނަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ހުސައިން ޝަރީފް (މުޑާ) އަށް މުބާރާތުގެ ކުއާޓާ ފައިނަލްގައި މިރޭ އަމިއްލަ ގެއިން ނެރެފައިވާ ޓީމާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.
މުބާރާތުގެ ކުއާޓާ ފައިނަލްގެ ހަތަރު މެޗުވެސް މިރޭ ކުޅޭގޮތަށް ހަމަޖެހިފައިވާއިރު މިއަހަރުގެ މުބާރާތުގައި މުޑާ ކުޅެމުން އަންނަ އަފްރޯ ސްޕޯޓްސް ކްލަބް ވާދަކުރާނީ މުޑާގެ އުފަންވި ގެ އަށް ނިސްބަތްވާ މުރިނގު އެފްސީއާ އެވެ. އެނގިފައިވާ ގޮތުގައި މުޑާ އަކީ އޭދަފުށި ފުޓްސަލް ކަޕްގެ ތަށި މިލްކު ކުރުމަށް އަފްރޯގެ ކޯޗު އައްޒާމް އަލިފުޅު އެންމެ ބޭނުންވެގެން ހޯދި އެއް ކުޅުންތެރިޔާ އެވެ. މިދިޔަ އަހަރުވެސް މުޑާ ކުޅެފައިވަނީ އަފްރޯއަށެވެ.
އޭދަފުށި ފުޓްސަލް ކަޕްގެ ގްރޫޕް ސްޓޭޖްގެ މެޗުތައް ރޭ ނިމުނުއިރު މުބާރާތުގައި އެންމެ ގިނަ ގޯލް ޖަހައިފައިވާ ކުޅުންތެރިންގެ ލިސްޓްގެ އެންމެ ކުރީގައި ވެސް އޮތީ މުޑާ އެވެ. ހަމަ އެ އަދަދަށް ގޯލު ޖަހައިގެން މުޑާއާ އެކު ލިސްޓުގެ އެއްވަނައިގައި ދެން އޮތީ ސީސީ ސްޕޯޓްސް ކްލަބުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިމްތިސާލް އަބްދުއްރަހީމް (ޕަބް) އެވެ. މުބާރާތުގައި މިހާތަނަށް މުޑާ ހަތް ގޯލު ކާމިޔާބުކޮށްފައިވާއިރު އޭނާ ވަނީ ގްރޫޕް ސްޓޭޖްގައި އަފްރޯއިން ކުޅުނު ތިން މެޗްގެ ތެރެއިން ފަހު ދެ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފަ އެވެ.
މުޑާއަކީ ފުޓްސަލްގެ އިތުރުން ބޮޑު ފުޓްބޯޅައިގައިވެސް އޭދަފުށިން މިވަގުތު އެންމެ ފާހަގަކޮށްލެވޭނެ އެއް ކުޅުންތެރިޔާ އެވެ. މިދިޔަ އަހަރުގެ ފަހުކޮޅު މާލޭގައި އޮތް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި އޭދަފުށިން އުފުލާލިއިރު މުޑާއަކީ އެ ޓީމުގެ އެންމެ މުހިންމު އެއް ތަނބެވެ. އަދި މިއަހަރު އޮތް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި އަތޮޅު ޗެމްޕިއަންކަމާއި، ޒޯން ޗެމްޕިއަންކަން އޭދަފުށްޓަށް ހޯދައިދިނުމުގައި ފާހަގަ ކޮށްލެވޭ ދައުރެއް މުޑާ އަދާކޮށްފައިވެ އެވެ.
އެއްބަނޑު އެއްބަފާ ދެ ބޭބެ ވެސް ކުޅެމުން އަންނަ މުރިނގު އެފްސީ އާ ދެކޮޅަށް މިރޭ މުޑާ ނުކުންނައިރު ހަމަ އެ ތަޖުރިބާ މިދިޔަ އަހަރުގެ މުބާރާތުގައި ވެސް މުޑާ ވަނީ ކޮށްފަ އެވެ. މިދިޔަ އަހަރު އަފްރޯ އާއި މުރިނގު އެފްސީ ބައްދަލުކޮށްފައިވަނީ މުބާރާތުގެ ސެމީ ފައިނަލްގަ އެވެ.
“މިދިޔަ އަހަރު ކުޑަކޮށް އުނދަގޫވި އަލަށް ދިމާވި ކަމެއް ވީމަ. ވަރަށް ޕްރެޝަރު ވެސް ބޮޑުވި. އެކަމަކު މިފަހަރު އެކަހަލަ ޕްރެޝަރެއް ނެތް” މިރޭގެ މެޗުގެ ކުރިން “ފަހުމިނެޓް” އާ ވާހަކަދައްކަމުން މުޑާ ބުންޏެވެ.
މުބާރާތުގެ ކުއާޓާ ފައިނަލްގައި އަފްރޯ ސްޕޯޓްސް ކްލަބާއި މުރިނގު އެފްސީ ވާދަކުރާ މެޗް ފަށާނީ މިރޭ 8 ޖަހާއިރު އެވެ.