ފުރަތަމަ ސަފްޙާ / ޚަބަރު / ފައުޒްގެ ވަރުގަދަ ފެށުމާ އެކު ރޭ ތަރިއަކަށްވީ އަރީޝް

ފައުޒްގެ ވަރުގަދަ ފެށުމާ އެކު ރޭ ތަރިއަކަށްވީ އަރީޝް

އެޑްމިން
އެޑްމިން
10 މަސް ކުރިން 2 އެޕްރީލް 2025

ފ. މަގޫދޫގައި، މަގޫދޫ ޒުވާނުންގެ ކްލަބުން އިންތިޒާމުކުރާ އެލް4 ކަޕް ފުޓްސަލް މުބާރާތަށް ވަރުގަދަކޮށް ތައްޔާރުވި މަގޫދޫ ފައުޒް ސްޕޯޓްސް ކްލަބް ދެވަނަ މެޗު ވެސް ކާމިޔާބު ކުރިއިރު، ތަރިއަކަށް މުހައްމަދު އަރީޝް ވެއްޖެ އެވެ.

މަޝްހޫރު ކުޅުންތެރިން ހިމެނޭ ފައުޒް ރޭ ވަނީ ބިލެއްދޫގެ އެފްސީ ޒަލްޒަލާއާ ވާދަކޮށް 0-4 އިން މޮޅުވެފަ އެވެ. މެޗުގައި ފައުޒްގެ އަރީޝް ހެޓްރިކް ހަދައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އެވެ. އަރީޝް އަކީ ދ. ކުޑަހުވަދޫ އަށް ނިސްބަތްވާ ހުނަރުވެރި ފުޓްސަލް ކުޅުންތެރިއެކެވެ. އެޓީމުގެ އަނެއް ގޯލު ޖެހީ އީރާނުގެ ކުޅުންތެރިޔާ އަލީ ރެޒާ އެވެ.

މަގޫދޫގެ ފެލޭލާ ރޭ ވަނީ ދ. މީދޫގެ ވައިޕާސްއާ ވާދަކޮށް 4-5 އިން މޮޅުވެފަ އެވެ. މެޗުގައި ފެލޭލާގެ ސާމިން މުހައްމަދު ރަޝީދު (ސާންކޮ) ދެ ގޯލު ޖެހި އެވެ. އެޓީމުގެ އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ އަބްދުﷲ ޖުނެއިދު (ޖޭންނެ) އާއި އަހުމަދު ވިޖުދާން (ވިޖުއްކޮ) އެވެ.

ވައިޕާސްގެ ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ ޔޫސުފް އީވާން ނާސިރު އެވެ. އެޓީމުގެ އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ އީލާފް އަހުމަދު އާއި އަލަފް އަހުމަދު އެވެ.

ފައުޒް ނިއު ޖެނެރޭޝަން ރޭ ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ: އެލް4 ކަޕް

ދ. މީދޫ އަށް ނިސްބަތްވާ އެފްސީ ރެއިޑާސް ރޭ ވަނީ 5-2 އިން މަގޫދޫގެ އޭއެމްޑީ ބަލިކޮށްފަ އެވެ. މެޗުގައި ރެއިޑާސްގެ އަހުމަދު ދައުސް މޫސާ އާއި ސާއިން ޝިޔާމް، ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. އެޓީމުގެ އަނެއް ގޯލު ޖެހީ ޝައިބާން ހަމީދު އެވެ.

އޭއެމްޑީގެ ދެ ގޯލު ޖެހީ އަރީފް މަހުމޫދު އާއި އަލީ ޝާމިއު އެވެ.

އެލް4 ކަޕްގައި ރޭ ސީއެސް ސްޕޯޓްސް – ސްކޯޕިއަން އާއި ފައުޒް ނިއު ޖެނެރޭޝަން ވާދަކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މެޗުން ހޯދި ޕޮއިންޓުގައި ފައުޒް ނިއު ޖެނެރޭޝަންގެ ކޯޗު އަބްދުﷲ ވަހީދުގެ ވިސްނުންތެރިކަން ފެނުނެވެ. މުބާރާތަށް ފައުޒް ނިއު ޖެނެރޭޝަން ނުކުތީ ޒުވާން ކުޅުންތެރިންތަކަކާ އެކު އެވެ.

ސީއެސް ސްޕޯޓްސްގެ ދެ ގޯލު ޖެހީ އަހުމަދު މުއާޒު އާއި މުހައްމަދު އަލީ އެވެ. އޭއެމްޑީ އަށް ގޯލުތައް ކާމިޔާބުކޮށްދިނީ އައްމާރު ބިން މުހައްމަދާއި މުހައްމަދު ރައްޒާނު އެވެ.

އެލް4 ކަޕްގައި ރޭ ކުޅުނު މެޗެއްގެ ތެރެއިން. ފޮޓޯ: އެލް4 ކަޕް

އެލް4 ކަޕްގައި މިރޭ ވެސް ހަތަރު މެޗު ކުޅޭނެ އެވެ. ގްރޫޕް އެކެއްގައި ހިމެނޭ ފައުޒް ނިއު ޖެނެރޭޝަނާއި ފެލޭލާ ކުޅޭ މެޗު ފަށާނީ 8:15 ގަ އެވެ. އެ ގްރޫޕުގެ އެފްސީ ވައިޕާސް އާއި ގަޓް ސިޓީ ވާދަކުރާ މެޗު ފަށާނީ 10:15 ގަ އެވެ.

ގްރޫޕް ދޭއްގައި ހިމެނޭ އެފްސީ ރެއިޑާސް އާއި ފައުޒް ސްޕޯޓްސް ވާދަކުރާ މެޗު 21:15 ގައި ފަށާއިރު އެ ގްރޫޕުގެ އަނެއް މެޗުގައި އެފްސީ ޒަލްޒަލާ އާއި ވެސްޓް ސިޓީ ވާދަކުރާ މެޗު 23:15 ގައި ކުޅޭނެ އެވެ.

މިއަހަރުގެ މުބާރާތުގެ މެޗުތައް މެންދުރު ޓީވީން އަންނަނީ ވަގުތުން ދައްކަމުންނެވެ. މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ފަހުމިނެޓެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!