ފުރަތަމަ ސަފްޙާ / ޚަބަރު / ލިވަޕޫލްގެ ދައުވަތަކަށް ރައީސް ޑރ. މުއިއްޒު އިނގިރޭސިވިލާތަށް
ފަހުމިނެޓް

ލިވަޕޫލްގެ ދައުވަތަކަށް ރައީސް ޑރ. މުއިއްޒު އިނގިރޭސިވިލާތަށް

އެޑްމިން
އެޑްމިން
10 މަސް ކުރިން 2 އެޕްރީލް 2025

އިނގިރޭސިވިލާތުގެ އެންމެ ކާމިބު އެއް ފުޓްބޯޅަ ކްލަބް އަދި މިފަހަރުގެ ފުޓްބޯޅަ ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގެ ތަށިވެސް ގާތްގަނޑަކަށް ކަށަވަރުކޮށްފައިވާ ލިވަޕޫލް އެފްސީގެ ސީއީއޯގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރޭ ފުރާވަޑައިގެންފި އެވެ.

ރައީސްގެ މިދަތުރުފުޅަކީ ލިވަޕޫލާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިޝަތިހާރުކުރުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަނުން ކުރިއަށްގެންދަން ރާވާފައިވާ ކެމްޕެއިންގެ ހަރަކާތްތައް ރަސްމީކޮށް ފެށުމަށް ކުރައްވާ ދަތުރުފުޅެކެވެ. ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީއިން ލިވަޕޫލާއެކު ވެފައިވާ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހު އެވެ. މި އެއްބަސްވުމުގެ ދަށުން ލިވަޕޫލް ފުޓްބޯޅަ ކްލަބުން ވަނީ އެ ކްލަބްގެ އޮފިޝަލް ޓޫރިސްޓް ޕާޓްނަރގެ ގޮތުގައި ރާއްޖެ ހަމަޖައްސައިފަ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑްގެ އަޑު ފޯރާ މީހުންގެ އަދަދު މިހާރަށްވުރެވެސް އިތުރުކުރުމަށާއި، ރާއްޖެއަށް ޒިޔާރަތްކުރުމުގެ ޝައުގުވެރިކަން ވީހާވެސް ގިނަ ފަތުރުވެރިންގެ ކިބައިގައި އިތުރުކުރުމުގެ ބޭނުމުގައި ސޮއިކުރި މި އެއްބަސްވުމުގެ ދަށުން ތިން އަހަރާއި ބައިގެ މުއްދަތަށް ހަރަކާތްތައް ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ތިން މަހުގެ އިނގިރޭސިވިލާތުގެ މުހިންމު ތަންތަނުގައި ހައި އިމްޕެކްޓް އައުޓްޑޯ އަދި ޑިޖިޓަލް އިޝްތިހާރުތައް ބޭނުންކުރާނެ އެވެ. އެގޮތުން ބްރޭންޑްކުރެވިފައިވާ 100 އަށް ވުރެ ގިނަ ޓެކްސީ އަދި ބަސްތަކާއި، ލަންޑަން އަންޑަގްރައުންޑާއި ބޮޑެތި އެއާޕޯޓުތަކާއި ބިޒްނަސް ކްލާސް ލައުންޖްތަކުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތުދީފައިވާ ގޮތުގައި އިނގިރޭސިވިލާތަށް ރައީސް ކުރައްވާ ދަތުރުފުޅުގައި ލިވަޕޫލްގެ ޓްރެއިނިންގ ފެސިލިޓީއަށް އެމަނިކުފާނު ޒިޔާރަތްކުރައްވައި މަތީ ފެންވަރުގެ ފުޓްބޯޅައިގެ ތަމްރީންތައް ކުރިއަށްގެންދާ ގޮތް ބައްލަވައިލައްވާނެ އެވެ. އެ ޒިޔާރަތުގެ މަގްސަދަކީ ރާއްޖޭގައި ފުޓްބޯޅައިގެ މަތީ ފެންވަރުގެ ތަމްރީނުތައް ހިންގޭނެ މަގު ތަނަވަސްކުރުން ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ތޯރިގް އިބްރާހިމްއާއި ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއު އާއި އަދި އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝިއުރީ ބައިވެރިވެވަޑައިގަންނަވަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ރައީސްގެ އަރިހުގައި މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުން ލިވަޕޫލް އެކަޑަމީގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާނެ އެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށާއި، ރާއްޖެއާއި ލިވަޕޫލް ފުޓްބޯޅަ ކްލަބާއި ދެމެދު އޮތް ޕާޓްނަޝިޕް އިތުރަށް ހަރުދަނާކުރުމަށް ހިންގޭނެ ހަރަކާތްތަކާ ގުޅޭގޮތުން މަޝްވަރާކުރާނެ އެވެ.

ރައީސް މުއިއްޒު އިނގިރޭސި ވިލާތަށް މި ކުރައްވާ ދަތުރުފުޅުގައި އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލާއި އެވަޓަން ވާދަކުރާ މެޗް ބައްލަވައިލައްވަން ވަޑައިގަންނަވާނެ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ރާއްޖޭގެ އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވެފައިވަނީ އެ މަނިކުފާނަކީ މެންޗެސްޓާ ޔުނައިޓެޑްގެ ފޭނެއް ކަމަށެވެ.

މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!