ފުރަތަމަ ސަފްޙާ / ޚަބަރު / އޭދަފުށީގެ ގަދަ 8 ޓީމުގެ ކުރިމަތިލުންތައް މިރޭ
ފަހުމިނެޓް

އޭދަފުށީގެ ގަދަ 8 ޓީމުގެ ކުރިމަތިލުންތައް މިރޭ

އެޑްމިން
އެޑްމިން
10 މަސް ކުރިން 2 އެޕްރީލް 2025

އޭދަފުށި ފުޓްސަލް ކަޕްގެ ގްރޫޕް ސްޓޭޖުގެ ކުޅުން ރޭ ނިމި، ގަދަ 8 ޓީމުގެ ވާދަވެރި ކުއާޓާ ފައިނަލް މެޗުތައް މިރޭ ކުޅޭނެ އެވެ.

މުބާރާތުގައި އިއްޔެ ވަނީ ގްރޫޕް ސްޓޭޖުގެ ފަހު 5 މެޗު ކުޅެފަ އެވެ.

އިއްޔެ ހަވީރު ގްރޫޕް އޭގައި ކޭބަލް ބްރަދާސް ވަނީ ކައްކަނީ ސްޕޯޓްސް ކްލަބް 5-6 އިން ބަލިކޮށްފަ އެވެ. މެޗުގައި ކޭބަލް ބްރަދާސް އަށް ހެޓްރިކް ހަދަދިދީ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މިމްރާހް އަބްދުލްއަޒީޒެވެ. އެޓީމުގެ އަނެއް ތިން ގޯލުގެ ތެރެއިން ދެ ގޯލު އަބްދުލްމަޖީދު އިބްރާހީމް (މަޖިއްޓޭ) ޖެހިއިރު އަލީ ނަޒްމީ ވެސް ގޯލު ޖެހި އެވެ.

ކައްކަނީގެ އަލީ ވިޝާމް ދެ ގޯލު ޖެހިއިރު ދެން ގޯލުތައް ޖެހީ އަހުމަދު ޝަރީފާއި އަހުމަދު ނަސީރު އަދި ރަޝާހު އަބްދުލް މަތީނެވެ.

އެއިޓީފޯގެ ސުލްތާން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. އެޓީމު މިރޭ ނުކުންނާނީ ވަރުގަދަ ސީސީއާ ދެކޮޅަށް. ފޮޓޯ: ކްލިކް ގްރަފީ

އެ ގްރޫޕުގެ އެއްވަނަ ހޯދީ 9 ޕޮއިންޓާ އެކު އަފްރޯ ސްޕޯޓްސް ކްލަބެވެ. ދެވަނަ 4 ޕޮއިންޓާ އެކު އޯލް ވުލްވްސް އަށް ލިބުނުއިރު ތިން ވަނަ ލިބުނީ 3 ޕޮއިންޓް ލިބުނު ކޭބަލް ބްރަދާސް އަށެވެ. ފުލަށް ދިޔައީ ޕޮއިންޓެއް ލިބުނު ކައްކަނީ އެވެ. ގްރޫޕް އޭ އިން ކުއާޓާ ފައިނަލް ޔަގީންކުރީ އަފްރޯ އާއި އޯލް ވުލްވްސް އެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ގްރޫޕް ބީ ގެ ނަލަ ބްރަދާސް ވަނީ 0-7 އިން އެފްސީ ދުންތަރި ބަލިކޮށްފަ އެވެ. މެޗުގައި ނަލަ ބްރަދާސްގެ އަހުމަދު ހުމެއިދު ދެ ގޯލު ޖެހި އެވެ. ބާކީ ގޯލުތައް ކާމިޔާބުކޮށްދިނީ އަހުމަދު އަސްފާންގެ އިތުރުން މުހައްމަދު ހައްމާދު އަދި އަހުމަދު ލަތީފް، އިބްރާހީމް ނާއިޝް އަދި ކެޕްޓަން ޝުއައިބް އަލީ އެވެ.

މުރިނގު އެފްސީ މޮޅުވި މެޗުގެ ތެރެއިން. ކުއާޓާ ފައިނަލް ޔަގީންކުރީ ފަހު މެޗުގައި. ފޮޓޯ: ކްލިކް ގްރަފީ

ގްރޫޕް ބީގައި ރޭ ކްލަބް ފޯކަސްއާ ވާދަކޮށް ސީސީ ސްޕޯޓްސް ކްލަބް ވަނީ 4-2 އިން މޮޅުވެފަ އެވެ. މެޗުގައި ސީސީގެ ގޯލުތައް ކާމިޔާބުކޮށްދިނީ މުބާރާތުގައި މިހާތަނަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ އިމްތިސާލް އަބްދުއްރަހީމާއި ފުޓްސަލް ތަރި އަލީ ހާފިޒް (ހާއްޕެ) އެވެ. ކޮންމެ ކުޅުންތެރިއަކު މެޗުގައި ދެ ގޯލު ޖެހި އެވެ. ކްލަބް ފޯކަސްގެ ދެ ގޯލު ޖެހީ އިސްމާއީލް ރާއިޝް ބަޝީރާއި މާހިލް މުހައްމަދު އަބޫބަކުރެވެ.

ގްރޫޕް ބީގެ އެއްވަނަ ހޯދީ 9 ޕޮއިންޓާ އެކު ސީސީ އެވެ. ދެވަނަ ލިބުނީ 6 ޕޮއިންޓް ހޯދި ނަލަ ބްރަދާސް އަށެވެ. ތިން ވަނައިގައި ނިންމާލީ 3 ޕޮއިންޓް ލިބުނު ކްލަބް ފޯކަސް އެވެ. ފުލަށް ދިޔަ އެފްސީ ދުންތަރި އަށް ޕޮއިންޓެއް ނުލިބެ އެވެ.

ގްރޫޕް ސީގެ ފަހު މެޗުތަކުން މޮޅުވީ ވެލާ ސްޕޯޓްސް ކްލަބާއި މުރިނގު އެފްސީ އެވެ. އެފްސީ ސަޑަންލީއާ ވާދަކޮށް މުރިނގު މޮޅުވީ 1-7 އިންނެވެ. މެޗުގައި މުރިނގުގެ ހަތް ގޯލުގެ ތެރެއިން އިސްމާއީލް ޝަރީފް އަދި މުހައްމަދު ރަޝީދު، ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. މުރިނގު ޓީމަށް ބާކީ ގޯލުތައް ކާމިޔާބުކޮށްދިނީ ޝާހީ މޫސާ އާއި އަހުމަދު ޝިއާންގެ އިތުރުން އަހުމަދު އަޝްހަމް އެވެ. ސަޑަންލީގެ ހަމައެކަނި ގޯލު ޖެހީ އަހުމަދު ސާޖިދު އެވެ.

ކޭބަލް ބްރަދާސް ޓީމަށް ހެޓްރިކް ހަދައިދިން މިމްރާހް. އެޓީމަށް ކުއާޓާ ފައިނަލުން ފުރުސަތު ނުލިބުނު. ފޮޓޯ: ކްލިކް ގްރަފީ

އެ ގްރޫޕުގެ ފަހު މެޗުގައި ވާދަވެރި ކުޅުމަކަށް ފަހު އެއިޓީފޯ އެފްސީ އަތުން ވެލާ މޮޅުވީ 4-5 އިންނެވެ. މެޗުގައި ވެލާ ޓީމަށް މުހައްމަދު ފަޔާޒް ހެޓްރިކް ހަދައިދިނެވެ. އެޓީމުގެ އަނެއް ދެ ގޯލު ޖެހީ އަހުމަދު ޝުހައިލް އަދި އިބްރާހީމް ސިނާހް (ސިނާ) އެވެ. ވެލާ މޮޅުކޮށްދިން ގޯލު ސިނާ ޖެހީ ފަހުމިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ.

ގްރޫޕް ސީގެ އެއްވަނަ 9 ޕޮއިންޓާ އެކު ހޯދީ ވެލާ އެވެ. މުރިނގު ޓީމުން ހޯދި ބޮޑު މޮޅާ އެކު 4 ޕޮއިންޓް ހަމަކޮށް އެޓީމު ނިންމާލީ ދެ ވަނައިގަ އެވެ. ހަމަ އެ އަދަދަށް ޕޮއިންޓް ލިބުނު އެއިޓީފޯ އެފްސީ އަށް ލިބުނީ ތިން ވަނަ އެވެ. ފުލަށް ދިޔަ ސަޑަންލީ ވަނީ ތިން މެޗުން ވެސް ބަލިވެފަ އެވެ.

ހާއްޕެ ސީސީ އަށް ގޯލު ޖަހައިދިނުމަށް ފަހު. ކުއާޓާ ފައިނަލުގެ ވާދަވެރި މެޗުތައް މިރޭ ކުޅޭނެ. ފޮޓޯ: ކްލިކް ގްރަފީ

މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް މިރޭ ކުޅޭނެ އެވެ. މިރޭ 8 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ އަފްރޯ ސްޕޯޓްސް ކްލަބާއި މުރިނގު އެފްސީ އެވެ. ކުއާޓާ ފައިނަލް ދެވަނަ މެޗުގައި ސީސީ ސްޕޯޓްސް ކްލަބާއި އެއިޓީފޯ އެފްސީ ވާދަކުރާއިރު އެ މެޗު ކުޅޭނީ މިރޭ 9 ޖަހާއިރު އެވެ. ކުއާޓާ ފައިނަލް ތިން ވަނަ މެޗުގައި 10 ޖަހާއިރު ވެލާ ސްޕޯޓްސް ނުކުންނާނީ ކްލަބް ފޯކަސްއާ ދެކޮޅަށެވެ. ކުއާޓާ ފައިނަލް ފަހު މެޗުގައި ނަލަ ބްރަދާސް ވާދަކުރާނީ އޯލް ވުލްވްސްއާ އެވެ. އެ މެޗު ފަށާނީ މިރޭ 11 ޖަހާއިރު އެވެ.

ކުއާޓާ ފައިނަލް މެޗުތަކަށް ފަހު ސެމީ ފައިނަލް މެޗުތައް މާދަމާ ރޭ ކުޅޭނެ އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ރެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!