ފުރަތަމަ ސަފްޙާ / ޚަބަރު / އަރަބިން ލިޔެފައި އޮތަސް އެއީ ހަނދާން ނުނެތޭނެ ޗެކެއް

އަރަބިން ލިޔެފައި އޮތަސް އެއީ ހަނދާން ނުނެތޭނެ ޗެކެއް

އެޑްމިން
އެޑްމިން
10 މަސް ކުރިން 1 އެޕްރީލް 2025

ބްރެޒިލްގެ ފުޓްބޯޅަ ތަރި ނޭމާ ޖޫނިއާ ސްޕެއިންގެ ބާސެލޯނާ އިން ފްރާންސްގެ ޕީއެސްޖީ އަށް ގެންދިއުމަށް ޕީއެސްޖީން ހުށަހެޅި ޗެކާ ގުޅޭގޮތުން ނޭމާގެ ކުރީގެ އޭޖެންޓް ވާހަކަދައްކައިފި އެވެ.

ނޭމާ 2017 ވަނަ އަހަރު ބާސެލޯނާ އިން ޕީއެސްޖީއަށް ބަދަލުވީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގަ އެވެ. ނޭމާ ގަންނަން ޕީއެސްޖީން އޭރު ހުށަހެޅި 220 މިލިޔަން ޔޫރޯ އަކީ އަދިވެސް މުގުރާނުލެވި އޮތް ރެކޯޑެކެވެ. އެ ޓްރާންސްފާއާ އެކު ނޭމާއަށް މަހެއްގެ މައްޗަށް ލިބެމުން އައި މުސާރަވެސް 15 މިލިއަން ޔޫރޯގެ އުފުލުމެއް އައެވެ.

ނޭމާގެ އެ ޓްރާންސްފާގެ ކަންތައް ހިނގާދިޔަ ގޮތާ ގުޅޭގޮތުން ވާހަކަދައްކަމުން ކުޅުންތެރިޔާގެ ކުރީގެ އޭޖެންޓް ވެގްނާ ރިބޭރޯ ބުނެފައިވަނީ ނޭމާ ގެންދަން ޕީއެސްޖީން ހުށަހެޅި ޗެކްގެ މަތިން އޭނާ ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމަށެވެ.

“އަހަރެމެން އެ ޗެކްގެ ފޮޓޯއެއްވެސް ނެގިން. 220 މިލިއަން ޔޫރޯ. މިވަރުގެ ޓްރާންސްފާއެއް ދެން ނުފެންނާނެ. އެ ޗެކް އައީ ގަތަރުގެ ބޭންކަކުން. އޮތީ އަރަބި ބަހުން ލިޔެފަ. އޭގަ ލިޔެފަ އޮތް ހުރިހާ އެއްޗެއް އަހަރެންނަކަށް ނޭނގޭ. އެކަމަކު އޭގައި އޮތް އަދަދު ގައިމުވެސް އަހަރެން ހަނދާނެއް ނުނެތޭނެ” ނޭމާގެ ކުރީގެ އޭޖެންޓް ރިބޭރޯ ބުނެފައި ވެއެވެ.

ރިބޭރޯ ބުނިގޮތުގައި ޕީއެސްޖީން ފޮނުވި ޗެކްގައި އޮތް އަދަދަކީ ގަބޫލުކުރަންވެސް ދަތިވި އަދަދެއް ކަމަށާއި، އެކަމަކު އެ ކްލަބްގެ ވެރިން ކިތަންމެ ބޮޑު ހަރަދެއްވެސް ކުޅުންތެރިއަކަށް ކޮށްފާނެކަން އޭރުވެސް އެނގޭ ކަމަށެވެ.

“”އެ ޓްރާންސްފާއާއެކު 25 މިލިއަން ޔޫރޯ އިން 40 މިލިއަން ޔޫރޯއަށް ބަދަލުވި. ޕީއެސްޖީގެ ރައީސް ނާސިރު އެލް-ހެއްލާފީ އައީ އެއްވެސް ބެލުމެއް ނެތި ހަރަދުކުރަމުން. އޭނަ ބޭނުންވީ ޗެމްޕިއަންސް ލީގު ތަށި ހޯދަން. އެމީހުން ހަރަދުކުރާކަށް ވަކި ލިމިޓެއް ނުގެންގުޅޭ. ހަމަ ބޭނުންވީމަ ބޭނުންވާ ކުޅުންތެރިއެއް ގެންނަނީ” ރިބޭރޯ އިތުރަށް ބުނެފައި ވެއެވެ.

އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ނޭމާ ޕީއެސްޖީ އަށް ގެންދިޔަ ނަމަވެސް ޕީއެސްޖީގެ އެންމެ ބޮޑު ހުވަފެން ނޭމާއަށް ހަގީގަތަކަށް ހަދައެއް ނުދެވުނެވެ. އެންމެފަހުން ނޭމާއަށް ޕީއެސްޖީގެ ސަޕޯޓަރުންގެ ފާޑުކިޔުމާއި މަލާމާތްވެސް ނޭމާއަށް ވަރަށް ބޮޑަށް އަމާޒުވި އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!