ފުރަތަމަ ސަފްޙާ / ޚަބަރު / ފަންޑު ފޮށި ބަހައްޓައިގެން ވިޔަސް އެންޓޮނީ ބެޓިސްގައި މަޑުކުރުވަންޖެހޭ: އިސްކޯ
ފަހުމިނެޓް

ފަންޑު ފޮށި ބަހައްޓައިގެން ވިޔަސް އެންޓޮނީ ބެޓިސްގައި މަޑުކުރުވަންޖެހޭ: އިސްކޯ

އެޑްމިން
އެޑްމިން
10 މަސް ކުރިން 1 އެޕްރީލް 2025

ސަޕޯޓަރުން މެދުވެރިކޮށް ފަންޑް ހޯދައިގެން ނަމަވެސް، ލޯނު އުސޫލުން މެންޗެސްޓާ ޔުނައިޓެޑުން ރެއާލް ބެޓިސް އަށް ގެންދިޔަ ބްރެޒިލްގެ އެންޓޮނީ ބެޓިސްގައި އަދި އިތުރު އެއް އަހަރު ބަހައްޓަންޖެހޭ ކަމަށް ބެޓިސްގެ މިޑްފީލްޑަރު އިސްކޯ ބުނެފި އެވެ.

މިއަހަރުގެ ޖެނުއަރީ މަހު ބެޓިސް އަށް އެންޓޮނީ ބަދަލުވި ފަހުން މިހާތަނަށް ކުޅުނު 12 މެޗުގައި އޭނާ ވަނީ ހަތަރު ގޯލު ޖަހައި އަދި އިތުރު ހަތަރު ގޯލު ޖަހަން އެހީތެރިވެދީފަ އެވެ. ޔުނައިޓެޑާ ގުޅުންހުރި މަސްދަރުތަކާ ހަވާލާދީ ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ޔުނައިޓެޑާއި ބެޓިސްއާ ދެމެދު ވެފައި އޮތް އެއްބަސްވުމުގެ ދަށުން އެންޓޮނީއަށް ދޭންޖެހޭ މުސާރައިގެ މަދުވެގެން 84 ޕަސެންޓް ބެޓިސްއިން އަންނަނީ ދައްކަމުންނެވެ. އެއީ ހަފްތާއެއްގެ މައްޗަށް އެއްލައްކަ ޕައުންޑެވެ.

“އަހަރެމެން އެބަޖެހޭ ފަންޑެއް ހުޅުވައިގެން ނަމަވެސް މަދުވެގެން އަދި އިތުރު އެއް އަހަރު އެންޓޮނީ ބެޓިސްގައި ބަހައްޓަން. އޭނަ އައި ފަހުން އަހަރެމެންނަށް ތަފާތެއް ފާހަގަކުރެވިއްޖެ. އޭނަގެ ފަރާތުން އަހަރެމެންނަށް ވަރަށް ގިނަ ކަންކަން ހާސިލްވެއްޖެ” ސްޕެއިންގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އިސްކޯ ބުނެފައިވެ އެވެ.

“އެންޓޮނީ އަހަރެމެންނާއެކު ހުރީތީ އަހަރެން މިހުރީ ވަރަށް އުފަލުން. އަހަރެމެންގެ ޓީމު މޮޅުކޮށްދޭން އޭނަ މަސައްކަތްކޮށްދޭ ވަރު ފެނިފަ އަހަރެމެން އެންމެންވެސް ހައިރާންވޭ” އިސްކޯ އިތުރަށް ބުނެފައި ވެއެވެ.

ބެޓިސްއާ އެންޓޮނީ ގުޅުނު ފަހުން އެ ޓީމު ކުޅުނު 12 މެޗުގެ ތެރެއިން ބަލިވެފައިވަނީ އެންމެ ދެ މެޗުންނެވެ. އަދި އާދިއްތަ ދުވަހުގެ ރޭ އަވަށްޓެރި ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުން ހޯދި މޮޅާއެކު ލީގުގައި އެ ޓީމު އެންމެ ފަހުން ޖެހިޖެހިގެން މޮޅުވި މެޗުގެ އަދަދު ވަނީ ހަޔަކަށް އަރައިފަ އެވެ. ލީގުގައި އަދި ބާކީ ނުވަ މެޗު ކުޅެން އޮތް އިރު ބެޓިސް އޮތީ ޓޭބަލްގެ ހަވަނައިގަ އެވެ.

އަޔަކްސް އެމްސްޓަޑަމްއިން މެންޗެސްޓާ ޔުނައިޓެޑަށް އެންޓޮނީ ބަދަލުވީ 2022 ވަނަ އަހަރު އެވެ. 81 މިލިއަން ޕައުންޑަށް ޔުނައިޓެޑުން ގަތް އެންޓޮނީ ވީ ފްރާންސްގެ ކުރީގެ ތަރި ޕައުލް ޕޮގްބާއަށް ފަހު ޔުނައިޓެޑުން ގަތް އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ. އެކަމަކު ބެޓިސްއަށް ބަދަލުވުމާ ހަމައަށް ޔުނައިޓެޑްގައި އެންޓޮނީ ހޭދަކުރި ދެ އަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި އޭނާއަށް ކާމިޔާބުކުރެވިފައިވަނީ އެންމެ 12 ލަނޑެވެ. އަދި 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފަހުން އެންޓޮނީއަށް ޔުނައިޓެޑްގެ ޖޯޒީގައި ކުޅެގެން ޖެހުނީ އެންމެ ލަނޑެކެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!