ފުރަތަމަ ސަފްޙާ / ޚަބަރު / ސާންކޮގެ ހެޓްރިކާއެކު ރޭ އެންމެ ވަރުގަދަކޮށް ފެނުނީ ފެލޭލާ

ސާންކޮގެ ހެޓްރިކާއެކު ރޭ އެންމެ ވަރުގަދަކޮށް ފެނުނީ ފެލޭލާ

އެޑްމިން
އެޑްމިން
10 މަސް ކުރިން 1 އެޕްރީލް 2025

ފ. މަގޫދޫ ޒުވާނުންގެ ކްލަބުން އިންތިޒާމުކުރާ މަގުދޫ އެލް4 ކަޕް ފުޓްސަލް މުބާރާތުގެ ކުޅުން ރޭ ފެށިއިރު، އެންމެ ބޮޑު މޮޅު މަގޫދޫގެ ފެލޭލާ ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.

މިއަހަރުގެ މުބާރާތުގައި 10 ޓީމު ވާދަކުރާއިރު ރަށުން ބޭރުން ފަސް ޓީމު ވާދަކުރެއެވެ. އެއީ ބިލެއްދޫއަށް ނިސްބަތްވާ އެފްސީ ޒަލްޒަލާ އާއި ދަރަނބޫދޫގެ ގަޓް ސިޓީ އާއި ވެސްޓް ސިޓީގެ އިތުރުން ދ. މީދޫގެ އެފްސީ ވައިޕާސް އަދި އެފްސީ ރެއިޑާސް އެވެ.

ރޭ ފެލޭލާ މޮޅުވީ ދަރަނބޫދޫގެ ގަޓް ސިޓީއާ ވާދަކޮށް 6-1 އިންނެވެ. މެޗުގައި ފެލޭލާ އަށް ކުޅޭ ކ. ގާފަރުގެ މަޝްހޫރު ފުޓްސަލް ތަރި ސާމިން މުހައްމަދު ނަސީރު (ސާންކޮ) ހެޓްރިކް ހެދި އެވެ. އަދި، އެޓީމުގެ މޫސާ މުހައްމަދު މިގްދާދް ދެ ގޯލު ޖެހިއިރު އަނެއް ގޯލަކީ ގަޓް ސިޓީ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގައި ގަޓް ސިޓީގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އާލިފް އަލީ އެވެ.

ފ. މަގޫދޫގައި ރޭ ފެށި އެލް4 ކަޕް ފުޓްސަލް މުބާރާތުގެ ތެރެއިން. ފޮޓޯ: އެލް4 ކަޕް

އެ ގްރޫޕުގައި ހިމެނޭ ދ. މީދޫގެ ވައިޕާސް އެފްސީ ވަނީ މަގޫދޫގެ ސީއެސް ސްޕޯޓްސް – ސްކޯޕިއަން 0-1 އިން ބަލިކޮށް ފެށުން ރަނގަޅު ކޮށްފަ އެވެ. މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ވައިޕާސްގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އިބްރާހީމް ފަޒީލް އެވެ.

ރޭ ގްރޫޕް ބީގެ މެޗުތައް ކާމިޔާބުކުރީ ފައުޒް ސްޕޯޓްސް ކްލަބާއި އެފްސީ ޒަލްޒަލާ އެވެ.

އީރާނުގެ އަލީ ރެޒާ ހިމެނޭ ފައުޒް ރޭ ވަނީ ދަރަނބޫރުގެ ވެސްޓް ސިޓީ 1-3 އިން ބަލިކޮށްފަ އެވެ. މެޗުގައި އަލީ ރެޒާގެ އިތުރުން ގޯލުތައް ކާމިޔާބުކޮށްދިނީ ކުޑަހުވަދޫގެ ހުނަރުވެރި ފުޓްސަލް ތަރި މުހައްމަދު އަރީޝް އާއި ތަޖުރިބާކާރު ކުޅުންތެރިޔާ އަދި މިހާރު ކޯޗުކަންވެސް ކުރަމުން އަންނަ މުހައްމަދު އައްޒާމު އެވެ.

މަގޫދޫ އެލް4 ކަޕްގައި ރޭ އީރާނުގެ އަލީ ރެޒާ ބޯޅަ ފޮނުވާލަނީ. އެޓީމު ފެންނަނީ ވަރަށް ވަރުގަދަކޮށް ފޮޓޯ: އެލް4 ކަޕް

ބިލެއްދޫގެ ޒަލްޒަލާ، މަގޫދޫގެ އެސޯސިއޭޝަން ފޯ މަގޫދޫ ޑިވެލޮޕްމަންޓް (އޭއެމްޑީ) އާ ވާދަކޮށް މޮޅުވީ ވެސް 1-3 އިންނެވެ. މެޗުގައި ޒަލްޒަލާގެ ގޯލުތައް ކާމިޔާބުކޮށްދިނީ ނަދީފް އިބްރާހީމް އާއި ސާމިދު އަހުމަދުގެ އިތުރުން ޝިޔާޒް އަބްދުއްނާސިރު އެވެ. އޭއެމްޑީގެ ހަމައެކަނި ގޯލު ޖެހީ އިބްރާހީމް އާތިފް އެވެ.

މުބާރާތުގައި މިރޭ ވެސް ހަތަރު މެޗު ކުޅޭނެ އެވެ. ގްރޫޕް އެކެއްގައި ސީއެސް ސްޕޯޓްސް އާއި ފައުޒް ނިއު ޖެނެރޭޝަން ވާދަކުރާ މެޗު ފަށާނީ 21:15 ގަ އެވެ. އެ ގްރޫޕުގެ އަނެއް މެޗުގައި ފެލޭލާ އާއި ވައިޕާސް ވާދަކުރާ މެޗު ފަށާނީ 23:15 ގަ އެވެ.

ގްރޫޕް ދޭއްގައި އޭއެމްޑީ އާއި ރެއިޑާސް 20:15 ގައި ކުޅޭއިރު ފައުޒް ސްޕޯޓްސް ކްލަބާއި ޒަލްޒަލާ ވާދަކުރާނީ 10:15 ގަ އެވެ.

ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެ ޓީމަށް ސެމީ ފައިނަލުގެ ޖާގަތައް ލިބޭއިރު، ސެމީގެ މެޗުތައް ކުޅޭނީ އޭޕްރީލް 5 ވަނަ ދުވަހު އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 6 ވަނަ ދުވަހު އެވެ.

ފ. މަގޫދޫ އެލް4 ކަޕްގެ މީޑިއާ ޕާޓްނަރަކީ ފަހުމިނެޓެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!