ފުރަތަމަ ސަފްޙާ / ޚަބަރު / ކްލަބް ފޯކަސް އާއި އެއިޓީފޯ ހިންދެމިލިއިރު، ވެލާ ޔަގީންކުރީ ކުއާޓާ ފައިނަލް
ފަހުމިނެޓް

ކްލަބް ފޯކަސް އާއި އެއިޓީފޯ ހިންދެމިލިއިރު، ވެލާ ޔަގީންކުރީ ކުއާޓާ ފައިނަލް

އެޑްމިން
އެޑްމިން
10 މަސް ކުރިން 1 އެޕްރީލް 2025

އޭދަފުށީގައި މިހާރު ކުރިއަށް އޭދަފުށި ކަޕް ފުޓްސަލް މުބާރާތުގައި ރޭ ކްލަބް ފޯކަސް އާއި އެއިޓީފޯ އެފްސީގެ އިތުރުން ވެލާ ސްޕޯޓްސް ކްލަބް މޮޅުވެއްޖެ އެވެ.

ރޭ ކްލަބް ފޯކަސް އިން ދުންތަރި އެފްސީ ބަލިކުރީ 2-8 އިންނެވެ. ކްލަބް ފޯކަސް ކުޅުނު ފުރަތަމަ މެޗުގައި ނަލަ ބްރަދާސް އަތުން ވަނީ ބަލިވެފަ އެވެ. އެހެންވެ ރޭގެ މޮޅަކީ މުބާރާތުގައި ކުރިއަށް ދިއުމަށް އެޓީމަށް ލިބުނު ހިތްވަރެކެވެ.

މެޗުގައި ކްލަބް ފޯކަސްގެ މުހައްމަދު ޝަޒާން ވަނީ ހެޓްރިކް ހަދައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އެޓީމަށް ދެން ގޯލުތައް ކާމިޔާބުކޮށްދިނީ ދެގޯލު ޖެހި އައިޝާން އަހުމަދު ބަޝީރު އާއި އިސްމާއީލް ރާއިޝް ބަޝީރުގެ އިތުރުން މާހިލް މުހައްމަދު އަބޫބަކުރު އަދި ކ. ކާށިދޫގެ ފުޓްސަލް ތަރި އަބްދުﷲ ސުޒެއިރު އެވެ.

އެއިޓީފޯ އެފްސީ އިން ރޭ ވަނީ އެފްސީ ސަޑަންލީ 0-4 އިން ބަލިކޮށްފަ އެވެ. މެޗުގައި އެއިޓީފޯގެ ގޯލުތައް ކާމިޔާބުކޮށްދިނީ އަހުމަދު ހަނީފުގެ އިތުރުން ފައުޒާން ހަބީބް އަދި ޝާފީ އަލީ އެވެ. މެޗުގައި ހަނީފް ދެ ގޯލު ޖެހި އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެއިޓީފޯގެ ޒައިދާން އަހުމަދު އެވެ.

ވެލާ ސްޕޯޓްސް އާއި މުރިނގު ކުޅުނު މެޗުގެ ތެރެއިން. ވެލާ ވަނީ ކުއާޓާ ފައިނަލް ޔަގީންކޮށްފަ. ފޮޓޯ: ކްލިކް ގްރަފީ

އެއިޓީފޯ އެފްސީ ވަނީ ފުރަތަމަ މެޗުގައި މުރިނގު އެފްސީއާ އެއްވަރުކޮށްފަ އެވެ. ދެ މެޗުން ހަތަރު ޕޮއިންޓާ އެކު އެޓީމަށް ވެސް ވަނީ ކުއާޓާ ފައިނަލުގެ އުއްމީދު ލިބިފަ އެވެ.

ވެލާ ސްޕޯޓްސް ކުއާޓާ ފައިނަލް ޔަގީންކުރީ މުރިނގު އެފްސީ 2-1 އިން ބަލިކޮށްގެންނެވެ. ފުރަތަމަ މެޗުގައި ވެލާ ވަނީ ސަޑަންލީ އަތުން ބޮޑު މޮޅެއް ހޯދައިފަ އެވެ.

ރޭގެ މެޗުގައި ވެލާގެ ގޯލުތައް ކާމިޔާބުކޮށްދިނީ އިސްމާއީލް އުމަރާއި އިބްރާހީމް ސިނާހު (ސިނާ) އެވެ. މުރިނގުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު ޝިއާން އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސިނާ އެވެ.

އެއިޓީފޯ އިން ސަޑަންލީ ބަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ކްލިކް ގްރަފީ

މުރިނގު މުބާރާތަށް ނުކުތީ ހުނަރާއި ތަޖުރިބާގެ ގޮތުން ރަނގަޅު ޓީމެއް އެކުލަވާލައިގެންނެވެ. އެކަމަކު ފުރަތަމަ މެޗު އެއްވަރުވެ، ރޭ ވެލާ އަތުން ބަލިވުމުން އެޓީމު ވަނީ ޕްރެޝަރަށް ވެއްޓިފަ އެވެ.

މުރިނގުގެ އިތުރުން ޒުވާން ހުނަރުވެރި ކުޅުންތެރިން ތަކެއް ހިމެނޭ އޯލް ވުލްވްސް ރޭ ކުޅުނު މެޗުގައި ފަހު ވަގުތު އެއްވަރުވެ އެޓީމަށް ވެސް ވަނީ ޕްރެޝަރު ކުރިމަތިވެފަ އެވެ.

ރޭ ކައްކަނީ ސްޕޯޓްސް ކްލަބާ ވާދަކޮށް އޯލް ވުލްވްސް އެއްވަރުވީ 1-1 އިންނެވެ. މެޗުގައި އޯލް ވުލްވްސްގެ ގޯލު ޖެހީ މުހައްމަދު ޝާން އަބްދުލްގަފޫރު އެވެ. މެޗުގެ ފަހުމިނެޓުގައި ކައްކަނީ އަށް އެއްވަރުކޮށްދިނީ އިބްރާހީމް އަބްދުﷲ އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އޯލް ވުލްވްސްގެ ގިނަ ހަމަލާތަކެއް ހުއްޓުވި ކައްކަނީގެ ގޯލްކީޕަރު ނާޝިދު އަހުމަދު އެވެ.

އޯލް ވުލްވްސް އާއި ކައްކަނީ ވާދަކުރި މެޗު. އެ މެޗުން އެއްވަރުވެ އޯލް ވުލްވްސް އޮތީ ޕްރެޝަރުގައި. ފޮޓޯ: ކްލިކް ގްރަފީ

މުބާރާތުގައި މިއަދު ހަވީރާއި މިރޭ ކުޅޭނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކެވެ.

މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގައި ހިމެނޭ ކޭބަލް ބްރަދާސް އާއި ކައްކަނީ ސްޕޯޓްސް އެވެ. އެ މެޗު ފަށާނީ ހަވީރު ފަހެއް ޖަހާއިރު އެވެ.

މިރޭ ކުޅޭ ފުރަތަމަ މެޗުގައި އަށެއް ޖަހާއިރު ވާދަކުރާނީ ގްރޫޕް ބީގައި ހިމެނޭ ކްލަބް ފޯކަސް އާއި ސީސީ ސްޕޯޓްސް ކްލަބެވެ. މިރޭ ނުވައެއް ޖަހާއިރު ކުޅޭނީ ހަމަ އެ ގްރޫޕުގައި ހިމެނޭ ނަލަ ބްރަދާސް އާއި އެފްސީ ދުންތަރި އެވެ.

ގްރޫޕް ސީގައި މިރޭ ކުޅޭ ދެ މެޗުގެ ތެރެއިން 10 ޖަހާއިރު އެފްސީ ސަޑަންލީ އާއި މުރިނގު އެފްސީ ވާދަކުރާއިރު 11 ޖަހާއިރު ކުޅޭ ފަހު މެޗުގައި ވެލާ ނުކުންނާނީ އެއިޓީފޯ އެފްސީއާ ދެކޮޅަށެވެ.

މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ފަހުމިނެޓެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!