ފުރަތަމަ ސަފްޙާ / ޚަބަރު / ގަދަ 8 ފުރަތަމަ ޔަގީންކުރީވެސް ދެ ފޭވަރިޓުން
ފަހުމިނެޓް

ގަދަ 8 ފުރަތަމަ ޔަގީންކުރީވެސް ދެ ފޭވަރިޓުން

އެޑްމިން
އެޑްމިން
10 މަސް ކުރިން 31 މާރޗް 2025

މިހާރު ކުރިއަށްދާ އޭދަފުށި ފުޓްސަލް ކަޕް 2025 ގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ދެ ޖާގަ އަފްރޯ ސްޕޯޓްސް ކްލަބާއި ސީސީ ސްޕޯޓްސް ކްލަބް ހޯދައިފި އެވެ.

މިއަދު ހަވީރު އަފްރޯ ސްޕޯޓްސް ވަނީ ކޭބަލް ބްރަދާސްއާ ވާދަކޮށް 3-8 އިން މޮޅުވެފަ އެވެ. ސީސީ ވަނީ ނަލަ ބްރަދާސް އަތުން 1-3 އިން މޮޅުވެފަ އެވެ.

މިއަދުގެ މެޗަށް ނުކުތްއިރު ވެސް އަފްރޯ އަށް ވަނީ ކުއާޓާ ފައިނަލް ޔަގީންވެފަ އެވެ. އެކަމަކު މިއަދު ހޯދި މޮޅާ އެކު އެޓީމު ކުއާޓާ ފައިނަލް ޔަގީންކުރީ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ.

ގްރޫޕް ސްޓޭޖުގެ ދެވަނަ މޮޅާ އެކު ސީސީ އަށް ވަނީ ކުއާޓާ ފައިނަލް ޔަގީންވެފަ އެވެ. ގްރޫޕުގެ ފަހު މެޗުން މޮޅުވެގެން ސީސީ އަށް ވެސް ގްރޫޕުގެ އެއްވަނަ ކަށަވަރު ކުރެވޭނެ އެވެ.

ސީސީ އާއި އަފްރޯ އަކީ މިފަހަރުގެ މުބާރާތުގައި ފެންނަ އެންމެ ވަރުގަދަ ދެޓީމެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ވެސް ވާދަކުރީ އެ ދެޓީމެވެ.

ސީސީގެ އަލީ ނަސީމް ބޯޅަ ފޮނުވާލަނީ. ސީސީ ވަނީ ކުޅުނު ދެ މެޗުން ވެސް މޮޅުވެފަ. ފޮޓޯ: ކްލިކް ގްރަފީ

މިއަދު އަފްރޯ އިން ހޯދި މޮޅުގައި އެޓީމުގެ ހުސައިން ޝަރީފް (މުޑާ) ވަނީ ހެޓްރިކް ހަދައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ. އެޓީމަށް ދެން ގޯލުތައް ކާމިޔާބުކޮށްދިނީ އުނައިސް ޒުބައިރު އާއި މުހައްމަދު ފާސިރުގެ އިތުރުން ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އެވެ. މެޗުގައި ފާސިރު ދެ ގޯލު ޖެހި އެވެ.

ކޭބަލް ބްރަދާސްގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ އަލީ ނަޒްމީ އެވެ. އަނެއް ގޯލު ޖެހީ ތަޖުރިބާކާރު ކުޅުންތެރިޔާ އަބްދުލްމަޖީދު އިބްރާހީމް އެވެ.

ސީސީ ސްޕޯޓްސް މޮޅުވި މެޗުގައި ގޯލުތައް ކާމިޔާބުކޮށްދިނީ އަލީ ނަސީމް އާއި އިމްތިސާލް އަބްދުއްރަހީމްގެ އިތުރުން އަލީ ހާފިޒް (ހައްޕެ) އެވެ. ނަލަ ބްރަދާސްގެ ގޯލު ޖެހީ އަހުމަދު ފާތިން އެވެ.

މެޗުގައި ނަލަ ބްރަދާސްއިން ރަނގަޅު ކުޅުމެއް ދެއްކި އެވެ. އެކަމަކު ހިލޭ ޖެހުންތަކުން ސީސީން ދެ ގޯލު ކާމިޔާބުކުރި އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އަލީ ނަސީމް އެވެ.

މުބާރާތުގައި މިރޭ ވެސް މެޗުތައް ކުޅޭނެ އެވެ.

މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ފަހުމިނެޓެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!