ފ. މަގޫދޫ ޒުވާނުންގެ ކްލަބުން އިންތިޒާމްކޮށްގެން ބާއްވާ މަގޫދޫ ކައުންސިލް އެމްޒެޑްސީ އެލްފޯ ކަޕް 2025 މެޗުތައް މިރޭ ފަށާނެ އެވެ.
މުބާރާތް ފެށުމުގެ ކުރިން އިއްޔެ ހަވީރު ވަނީ އެކުވެރިކަމުގެ ހާއްސަ ދެ މެޗެއްވެސް ކުރިއަށްގެންގޮސްފަ އެވެ. ފުރަތަމަ މެޗުގައި މަގޫދޫގެ 10 އަހަރުން ދަށުގެ ކުދިންގެ ޓީމަކާއި، ފ.ދަރަނބޫދޫގެ 10 އަހަރުން ދަށުގެ ޓީމަކާއި ވާދަކޮށްފައިވާއިރު އެ މެޗް 2-1 އިން ކާމިޔާބުކޮށްފައިވަނީ ދަރަނބޫދޫގެ ޓީމެވެ. ދެވަނަ މެޗުގައި ވާދަކުރީ ހަމަ އެ ދެ ރަށުން ހޮވާލެވުނު 45 އަހަރުން މަތީގެ ދެ ޓީމެވެ. އެ މެޗު 4-2 އިން ކާމިޔާބުކޮށްފައިވަނީ ދަރަނބޫދޫގެ ޓީމެވެ. ދަރަނބޫދޫ އަކީ މިއަހަރު ބޭއްވި ގޯލްޑަން ފުޓްސަލް މުބާރާތުގެ ފ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި ރަށެވެ.
މަގޫދޫގައި މިފަހަރުގެ ފިތުރު އީދާ ދިމާކޮށް ކުރިއަށްގެންދާ ފުޓްސަލް މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގެ ލިސްޓުގައި ވެސް ރަށުން ބޭރު ތިން ކުޅުންތެރިން ހިމެނުމުގެ ފުރުސަތު މުބާރާތް އިންތިޒާމްކުރާ ފަރާތުން އޮތީ ދީފައެވެ. މިފުރުސަތުގެ ބޭނުން ހިފައިގެން މިފަހަރުގެ މުބާރާތުގައި ބައިވެރިވާ ދެ ޓީމަކުން ވަނީ ރާއްޖޭން ބޭރުގެ ކުޅުންތެރިންވެސް ހިމަނައިފަ އެވެ. މުބާރާތުގައި މަގޫދޫން ބައިވެރިވާ ފައުޒް ސްޕޯޓްސް އޭޝިއާގެ ފުޓްބޯޅައިގެ ގަދަ ބާރެއް ކަމަށްވާ އީރާނަށް ނިސްބަތްވާ އަލީ ރެޒާ ހިމަނާފައިވާއިރު މަގޫދޫން ބައިވެރިވި ފައުޒް ނިއު ޖެނެރޭޝަން ޓީމުން ވަނީ އެފްރިކާގެ ފުޓްބޯޅައިގައި އެންމެ މަޝްހޫރު އެއް ގައުމު ކަމަށްވާ މިސްރުގެ ކުޅުންތެރިއަކުވެސް ހިމަނައިފަ އެވެ.
އަލީ ރެޒާ އަކީ ކްލަބް މޯލްޑިވްސް ފުޓްސަލްގައި ވެމްކޯ ޓީމުން ފާހަގަކުރެވި ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ކުޅުންތެރިއެކެވެ. ބިދޭސީ އަނެއް ކުޅުންތެރިޔާއަކީ އަތޮޅު ތެރޭގެ ފުޓްސަލް މުބާރާތްތަކުގައި މިހާރުވެސް ފެންނަ މޫނެކެވެ.
ރާއްޖެއިން ބޭރުގެ ކުޅުންތެރިންގެ އިތުރުން މިފަހަރުގެ މުބާރާތުގައިވެސް ރާއްޖޭގެ ފުޓްސަލްގައި އެންމެ ނަން ހިނގާ ބައެއް ތަރިން އެކި ޓީމުތަކުން ފެންނާނެ އެވެ.

ގޯލްޑަން ފުޓްސަލް މެޗެއްގެ ތެރެއިން ގަން ޓީމުގެ ޖޭންނެ (ނަންބަރު 10) އުފާފާޅުކުރަނީ. ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
ރާއްޖޭގެ ކުޅުންތެރިންނަށް ބަލާއިރު އަލީ ރެޒާއާ އެކު އަލީ މާއިސް (މައްޓު) ފައުޒް ސްޕޯޓްސް ކްލަބުން ފެންނާނެ އެވެ. އަދި، ފުޓްސަލްގައި ކުޅުންތެރިއެއްގެ އިތުރުން ކޯޗެއްގެ ގޮތުގައި ފާހަގަކޮށްލެވޭ މުހައްމަދު އައްޒާމް ވެސް އެޓީމުން ފެންނާނެ އެވެ.
ފެލޭލާ ޓީމުގައި ވެސް ވަނީ ރާއްޖޭގެ މަޝްހޫރު ކުޅުންތެރިން ހިމަނައިފަ އެވެ. އޭގެތެރޭގައި އަބްދުﷲ ޖުނެއިދު (ޖޭންނެ) އާއި އަހުމަދު ވިޖުދާން (ވިޖުއްކޮ) އަދި ގާފަރު ފުޓްސަލް ޓީމުގެ ތަރި ސާމިން މުހައްމަދު ނަސީރު ހިމެނެ އެވެ.
މި މުބާރާތުގައި މިފަހަރު ބައިވެރިވެފައިވަނީ ޖުމްލަ 10 ޓީމެކެވެ. ފ އަތޮޅުގެ އިތުރުން ދ އަތޮޅަށް ވެސް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި ބައިވެރިވި 10 ޓީމުގެ ތެރޭގައި މަގޫދޫއަށް ނިސްބަތްވާ ފަސް ޓީމުގެ އިތުރުން ފ. ބިލެއްދޫ ޓީމަކާއި ދަރަނބޫދޫގެ ދެ ޓީމާއި އަދި ދ. މީދޫއަށް ނިސްބަތްވާ ދެ ޓީމު ހިމެނެ އެވެ.
ބައިވެރިވި ޓީމުތައް ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތުގެ މެޗުތައް ކުރިއަށްގެންދަން ރާވާފައިވާއިރު ކޮންމެ ގްރޫޕަކުންވެސް އެންމެ ރަގަޅު ނަތީޖާ ހޯދާ ދެ ޓީމު ކުޅޭނީ ސެމީ ފައިނަލްގަ އެވެ. ގްރޫޕް ސްޓޭޖްގެ މެޗުތައް ލީގު އުސޫލުން ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާއިރު ގްރޫޕް ސްޓޭޖްގައި ޖުމްލަ 20 މެޗް ކުޅޭނެ އެވެ. މިރޭ ފަށާ މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ކޮންމެ ދުވަހެއްގެވެސް ރޭގަނޑު އެވެ. ފައިނަލް މެޗު ކުޅޭގޮތަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 06 ވަނަ ދުވަހުގެ ރެ އެވެ.
މުބާރާތް އިންތިޒާމްކުރާ މަގޫދޫ ޒުވާނުންގެ ކްލަބުން މިފަހަރުވެސް އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ މުބާރާތުގެ މެޗުތައް އިންސާފުވެރިކަމާއެކު ކުރިއަށްގެންދެވޭނެ ގޮތަކަށް އިންތިޒާމްތައް ހަމަޖެއްސުމަށެވެ. މުބާރާތުގެ މެޗުތަކުގައި ރެފްރީންގެ ގޮތުގައި ހަރަކާތްތެރިވާނީ ތަޖުރިބާ ހުރި ފުޓްސަލް ރެފްރީންކަމަށް މަގޫދޫ ޒުވާނުންގެ ކްލަބުން މައުލޫމާތުދެ އެވެ.

ރާއްޖޭގެ ފުޓްސަލްގެ މަޝްހޫރު ކުޅުންތެރިޔާ އަދި ކޯޗު އައްޒާމް. މަގޫދޫ މުބާރާތުން ފެންނާނެ. ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
މިފަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކީ މަގޫދޫ ކައުންސިލް އިދާރާ އެވެ. ފުޓްސަލްގެ އެހެން ގިނަ މުބާރާތްތަކެކޭ އެއްގޮތަށް މި މުބާރާތުގައިވެސް މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމުގެއިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ، ޓޮޕް ސްކޯރަރ، އެންމެ އުންމީދީ ކުޅުންތެރިޔާ ހޮވާނެ އެވެ. އަދި މުބާރާތުގެ ފުޓްސަލް ކިންގާއި އެންމެ މޮޅު ފަސް ކުޅުންތެރިން ހޮވާނެ އެވެ.
މި މުބާރާތް އިންތިޒާމްކުރާ މަގޫދޫ ޒުވާނުންގެ ކްލަބުން އަންނަނީ މީގެ 36 އަހަރު ކުރިން ފެށިގެން ކޮންމެ އަހަރަކުވެސް ރަށުގައި ކުޅިވަރު މުބާރާތެއް ބާއްވަމުންނެވެ. އެންމެ ފުރަތަމަ ފުޓްބޯޅަ މުބާރާތެއްގެ ގޮތުގައި ބާއްވަމުން އައި ނަމަވެސް 2007 ވަނަ އަހަރުން ފެށިގެން ފުޓްސަލްއަށް މުބާރާތް ވަނީ ބަދަލުކޮށްފަ އެވެ. އޭރުއްސުރެ ފެށިގެން މުޅި އަތޮޅަށް ހުޅުވާލައިގެން ކޮންމެ އަހަރެއްގެވެސް ފިތުރު އީދާ ދިމާކޮށް ބާއްވަމުން އައިސް ކައިރީގައި އޮތް ދ. އަތޮޅަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލި މިއީ ފުރަތަމަ ފަހަރެވެ.