ފުރަތަމަ ސަފްޙާ / ޚަބަރު / ވެލާ ސްޕޯޓްސް އާއި ނަލަ ބްރަދާސް އިން ފެށުން ރަނގަޅު ކޮށްފި
ފަހުމިނެޓް

ވެލާ ސްޕޯޓްސް އާއި ނަލަ ބްރަދާސް އިން ފެށުން ރަނގަޅު ކޮށްފި

އެޑްމިން
އެޑްމިން
10 މަސް ކުރިން 31 މާރޗް 2025

އޭދަފުށި ފުޓްސަލް ކަޕްގައި ރޭ ކުޅުނު މެޗުތަކުން، ވެލާ ސްޕޯޓްސް ކްލަބާއި ނަލަ ބްރަދާސް ފެށުން ރަނގަޅު ކޮށްފި އެވެ.

ރޭ ވެލާ އިން ވަނީ 2-8 ގެ ބޮޑު ތަފާތަކުން އެފްސީ ސަޑަންލީ ބަލިކޮށްފަ އެވެ. ކްލަބް ފޯކަސްއާ ވާދަކޮށް ނަލަ ބްރަދާސް މޮޅުވީ 0-2 އިންނެވެ. މުރިނގު އެފްސީ އާއި އެއިޓީފޯ އެފްސީ ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

އަފްރޯ ސްޕޯޓްސް ކްލަބް ރޭ ވަނީ އޯލް ވުލްވްސްއާ ވާދަކޮށް 0-3 އިން މޮޅުވެފަ އެވެ.

ގްރޫޕް ސީގައި ހިމެނޭ ވެލާ އިން ހޯދި ބޮޑު މޮޅުގައި، އެޓީމުގެ އިސްމާއިލް އުމަރު ވަނީ ހެޓްރިކް ހަދައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ. އަދި، ވެލާ އަށް ކުޅޭ ތަޖުރިބާކާރު، ކާމިޔާބު ފުޓްސަލް ކުޅުންތެރިޔާ އިބްރާހީމް ސިނާހް (ސިނާ) ދެ ގޯލު ޖެހި އެވެ. ވެލާގެ ބާކީ ގޯލުތައް ކާމިޔާބުކޮށްދިނީ އަހުމަދު އަފްލާހް އަލީގެ އިތުރުން މުހައްމަދު ޔަމާން އަދި މުހައްމަދު ފަޔާޒެވެ.

ނަލަ ބްރަދާސްގެ އިއްމި ބޯޅަ ހިފައިގެން. އެޓީމުން ވަނީ ފެށުން ރަނގަޅު ކޮށްފަ. ފޮޓޯ: ކްލިކް ގްރަފީ

ގްރޫޕް ސީގެ އަނެއް މެޗުގައި މުރިނގު އެފްސީ މޮޅަކަށް ނުކުތް ނަމަވެސް، އެއިޓީފޯ އެފްސީން ވަނީ އެޓީމު ހުއްޓުވައިފަ އެވެ. ޕޮއިންޓެއް ލިބުނު މެޗުގައި މުރިނގުގެ ދެ ގޯލު ޖެހީ އިސްމާއީލް ޝަރީފް އާއި އަހުމަދު ޝިއާން އެވެ. އެއިޓީފޯގެ ގޯލުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ޖަޒްލާން ޖާދުﷲ އާއި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ސުލްތާން ހަބީބެވެ.

ނަލަ ބްރަދާސް އިން ކްލަބް ފޯކަސް ބަލިކުރި މެޗުގެ ދެ ގޯލު ޖަހައި އަހުމަދު ފާތިން ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. ނަލަ ބްރަދާސް އަކީ މީގެކުރިން މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކޮށްފައިވާ ޓީމެކެވެ.

ރޭ އަފްރޯ ސްޕޯޓްސް މޮޅުކޮށްދިން ދެ ގޯލު ވެސް ކާމިޔާބުކޮށްދިނީ ހުސައިން ޝަރީފް (މުޑާ) އެވެ. މުޑާ ފުރަތަމަ ހާފުގައި ގޯލު ޖެހީ މުހައްމަދު ސާދު ނިޒާރު ތަނަވަސްކޮށްދިން ފުރުސަތެއްގައި ބޮލުންނެވެ. ދެވަނަ ހާފުގެ ފަހުކޮޅު މުޑާ ދެވަނަ ގޯލު ޖެހީ އޭރިޔާ ބޭރުން މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީވެސް މުޑާ އެވެ.

މުރިނގު އެފްސީ އާއި އެއިޓީފޯ އެފްސީ ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ކްލިކް ގްރަފީ

ޒުވާން ހުނަރުވެރި ކުޅުންތެރިންތަކެއް ތިބި އޯލް ވުލްވްސް އިން ރޭ އަފްރޯއާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދެއްކި އެވެ. އެކަމަކު އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އަހުމަދު ޖައުޝަން އަބްދުﷲ (ޖައު) އަށް ރޭ ވަނީ ރަތް ކާޑު ދައްކައިފަ އެވެ.

މުބާރާތުގައި މިއަދު ހަވީރާއި ރޭގަނޑު މެޗުތައް ކުޅޭނެ އެވެ.

މިއަދު ހަވީރު ހަތަރެއް ޖަހާއިރު ކުޅޭ މެޗުގައި އަފްރޯ ނުކުންނާނީ ކޭބަލް ބްރަދާސްއާ ދެކޮޅަށެވެ. ހަވީރު ފަހެއް ޖަހާއިރު ކުޅޭ މެޗުގައި ސީސީ ސްޕޯޓްސް ކްލަބާއި ނަލަ ބްރަދާސް ވާދަކުރާނެ އެވެ.

މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ފަހުމިނެޓެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!