ފުރަތަމަ ސަފްޙާ / ޚަބަރު / އަފްރޯއިން ވަރުގަދައަށް ފެށިއިރު ސީސީން ދިނީ ހަމަ އެހާ ވަރުހުރި މެސެޖެއް
ފަހުމިނެޓް

އަފްރޯއިން ވަރުގަދައަށް ފެށިއިރު ސީސީން ދިނީ ހަމަ އެހާ ވަރުހުރި މެސެޖެއް

އެޑްމިން
އެޑްމިން
10 މަސް ކުރިން 31 މާރޗް 2025

އޭދަފުށި ފުޓްސަލް ކަޕްގެ ކުޅުން ރޭ ފެށިއިރު ޗެމްޕިއަން އަފްރޯ ސްޕޯޓްސް ކްލަބުން ބޮޑު މޮޅެއް ހޯދައި، އެޓީމާ އެންމެ ވާދަވެރި ވާނެކަމަށް ބެލެވޭ ކްލަބް ކޮމްބިނޭޝަން (ސީސީ) އިން ވެސް ތާފާތު ބޮޑު މޮޅެއް ހޯދައިފި އެވެ.

އޭދަފުށި ކައުންސިލުން އިންތިޒާމުކުރާ މުބާރާތުގައި ރޭ ފެށުމުގެ ރަސްމިއްޔާތާ އެކު، ޖުމްލަ ތިން މެޗު ކުޅުނެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ގްރޫޕް އޭގައި ހިމެނޭ އަފްރޯ ސްޕޯޓްސް ކްލަބާއި ކައްކަނީ ސްޕޯޓްސް ކްލަބް ކުޅުނު މެޗު އަފްރޯއިން ކާމިޔާބުކުރީ 0-7 އިންނެވެ.

މެޗުގައި އަފްރޯގެ މުހައްމަދު ފާސިރު (ފާއްޓެ) އާއި ހުސައިން ޝަރީފް (މުޑާ)، ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. އަނެއް ތިން ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ސާދު ނިޒާރު އާއި އުނައިޝް ޒުބައިރުގެ އިތުރުން ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އެވެ. މޮޅު ކުޅުންތެރިއަކީ ފާއްޓެ އެވެ.

އަފްރޯގެ ފާއްޓެ ބޯޅަ ހިފައިގެން ދަނީ. ރޭގެ މެޗުގައި ދެ ގޯލު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި. ފޮޓޯ: ކްލިކް ގްރަފީ

އަފްރޯ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އިޝާން އިބްރާހީމް (ސައްޓު) ރޭގެ މެޗުގައި ކުޅެފައެއްނުވެ އެވެ. ފެބްރުވަރީ މަހު ނިމުނު ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކުރިން ލިބުނު ބޮޑު އަނިޔާއަކާ ގުޅިގެން ސައްޓު އަދިވެސް އަންނަނީ ރިކަވަރީއަށް މަސައްކަތް ކުރަމުންނެވެ.

ގްރޫޕް އޭގެ އަނެއް މެޗުގައި ކޭބަލް ބްރަދާސްއާ ވާދަކޮށް އޯލް ވުލްވްސް ވަނީ 2-4 އިން މޮޅުވެފަ އެވެ. މެޗުގައި އޯލް ވުލްވްސްގެ ގޯލުތައް ކާމިޔާބު ކޮށްދިނީ މުހައްމަދު ރަފްހާން އާއި އަހުމަދު ޖައުޝަން އަބްދުﷲ (ޖައު) ގެ އިތުރުން މުހައްމަދު ތޯހިރު އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މުހައްމަދު އަބާން އަލީ އެވެ.

އޯލް ވުލްވްސް އިން ކޭބަލް ބްރަދާސް ބަލިކުރި މެޗުގެ ތެރެއިން. ފޮޓޯ: ކްލިކް ގްރަފީ

ގްރޫޕް ބީގެ ސީސީން މުބާރާތުގެ ފެށުން ރަނގަޅު ކުރީ އެފްސީ ދުންތަރިއާ ވާދަކޮށް 0-9 އިން މޮޅުވެގެންނެވެ. މެޗުގެ ތަރިއަކަށް ވީ ސީސީ އަށް ހަތަރު ގޯލު ކާމިޔާބުކޮށްދީ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އިމްތިސާލް އަބްދުއްރަހީމް (ޕަބް) އެވެ. ސީސީގެ ބާކީ ގޯލުތައް ޖަހައިދިނީ އަލީ ނަސީމް (ދިއްލި) އާއި މުއާޒް އަލީގެ އިތުރުން މަޝްހޫރު ފުޓްސަލް ތަރި އަލީ ހާފިޒް (ހާއްޕެ) އެވެ.

ސީސީގެ ޕަބް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފުރަތަމަ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި. ފޮޓޯ: ކްލިކް ގްރަފީ

އަފްރޯ އާއި ސީސީ އަކީ މުބާރާތަށް އެންމެ ވަރުގަދަކުރި އަދި، މިދިޔަ އަހަރުވެސް އެންމެ ވާދަވެރިކޮށް ފެނުނު ދެޓީމެވެ.

މުބާރާތުގައި މިރޭ ހަތަރު މެޗު ކުޅޭނެ އެވެ. ރޭގަނޑު 8:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީގެ ނަލަ ބްރަދާސް އާއި ކްލަބް ފޯކަސް އެވެ. ދެވަނަ މެޗުގައި 9:30 ގައި ގްރޫޕް އޭގެ އޯލް ވުލްވްސް ނުކުންނާނީ އަފްރޯ ސްޕޯޓްސްއާ ދެކޮޅަށެވެ. މިރޭ 10:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ސީގެ ވެލާ ސްޕޯޓްސް ކްލަބާއި އެފްސީ ސަޑަންލީ އެވެ. މިރޭގެ ފަހު މެޗުގައި ގްރޫޕް ސީގެ މުރިނގު އެފްސީ އާއި އެއިޓީފޯ އެފްސީ ކުޅޭނީ 11:30 ގަ އެވެ.

މިއަހަރުގެ މުބާރާތުގައި 12 ޓީމު ވަނީ ބައިވެރިވެފަ އެވެ. ގްރޫޕް ސްޓޭޖަށް ފަހު ކުޅޭނީ ގަދަ އަށް ޓީމުގެ ކުއާޓާ ފައިނަލް މެޗުތަކެވެ.

މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ފަހުމިނެޓެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!