ރަޝިޔާގެ މޮސްކޯގައި މިއަދު ބޭއްވި ފީފާ ކޮންގްރެސްގައި ނެގި ވޯޓުން، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އުތުރު އެމެރިކާއަށް ނިސްބަތްވާ ތިން ޤައުމު ކަމަށްވާ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ (ޔޫ.އެސް.އޭ)، ކެނެޑާ އަދި މެކްސިކޯގައި ބާއްވަން ފީފާގެ މެމްބަރުން ފާސްކޮށްފި އެވެ. މިއީ ފީފާ ވޯލްޑް ކަޕް ތިން ގައުމެއްގައި ބާއްވަން ނިންމި ފުރަތަމަ ފަހަރެވެ.
އުތުރު އެމެރިކާގެ ތިން ގައުމުން އެކުވެގެން ހުށަހެޅި ބިޑު ކާމިޔާބުކުރީ އެފްރިކާގެ ގައުމެއް ކަމަށްވާ މޮރޮކޯއާ ވާދަކޮށް 134 ވޯޓް ހޯދައިގެންނެވެ. މޮރޮކޯ އަށް ލިބުނީ 65 ވޯޓެވެ. މިއީ ފީފާ ކޮންގްރެސް އެއްގައި މުބާރާތް ބާއްވާނޭ ޤައުމު ވޯޓަކަށް ހުޅުވާލައިގެން ނެގި ފުރަތަމަ ފަހަރެވެ. މި ވޯޓުގައި ރާއްޖޭގެ ފުޓްބޯލް އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް ވެސް ބައިވެރިވިއެވެ.
އެމެރިކާއިން 1994 ވަނަ އަހަރު ވޯލްޑް ކަޕް ހޮސްޓް ކޮށްފައިވާއިރު، މެކްސިކޯ އިން ވަނީ 1970 އަދި 1986 ވަނަ އަހަރު ހޮސްޓް ކޮށްފައެވެ. ކެނެޑާއަކީ އަލަށްވެސް ވޯލްޑް ކަޕް ހޮސްޓް ކުރުމުގެ ފުރުޞަތު ލިބުނު ޤައުމެއް ނޫނެވެ. މީގެ ކުރިން އެއްގައުމަށްވުރެ ގިނަ ޤައުމެއްގައި ވޯލްޑްކަޕް ބާއްވާފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ، 2002 ވަނަ އަހަރު ކޮރެއާ ޖަޕާން ގައެވެ.
މި ތިން ޤައުމުގައި ބޭއްވޭ ވޯލްޑް ކަޕް ވެގެންދާނީ ދުނިޔޭގައި ބޭއްވޭ އެންމެ ބޮޑު ވޯލްޑް ކަޕަށެވެ. ސަބަބަކީ، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި 48 ޓީމު 34 ދުވަހުގެ ތެރޭގައި 80 މެޗު ކުޅޭނެއެވެ. މިހާރުގެ ފޯމެޓަށް ގެނައި ބަދަލާއެކު 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި 16 ގްރޫޕް އޮންނައިރު ކޮންމެ ގްރޫޕެއްގައި 3 ޓީމު އޮންނާނެއެވެ. އެމެރިކާއި 60 މެޗު ކުޅެން ނިންމާފައިވާއިރު، މެކްސިކޯ އަދި ކެނެޑާ ކޮންމެ ޤައުމެއްގައި 10 މެޗު ކުޅެން ހަމަޖެހިފައިވެއެވެ. އަދި މި ތިން ޤައުމަށްވެސް މުބާރާތް ބާއްވާ ޤައުމުގެ ގޮތުގައި ވޯލްޑް ކަޕަށް ކޮލިފައިވާނެއެވެ.
މޮރޮކޯއިން ހުށަހެޅި ބިޑުގައި ފީފާއަށް ގާތްގަނޑަކަށް 7 ބިލިއަން ޑޮލަރުގެ ފައިދާއެއް ވާނެކަމަށް ބުނެފައިވާއިރު، އުތުރު އެމެރިކާގެ ތިން ޤައުމު ގުޅިގެން ހުށަހެޅި ބިޑުގައި ފީފާއަށް ގާތްގަނޑަކަށް 14 ބިލިއަން ޑޮލަރުގެ ފައިދާއެއް ވާނެކަމަށް ބުނެފައިވެއެވެ.
2018 ވަނަ އަހަރުގެ ވޯލްޑް ކަޕް މާދަމާ ރަޝިއާގެ މޮސްކޯގައި ހުންނަ ލުޒްނިކީ ސްޓޭޑިއަމްގައި ފަށާއިރު، 2022 ވަނަ އަހަރު ވޯލްޑް ކަޕް އޮންނާނީ ގަތަރުގަ އެވެ.